އިދިކޮޅު ފަރާތްތައް

ޝުޖާއު 1000 ރުފިޔާއިން ޖޫރިމަނާކޮށްފި

ޕީޕީއެމްގެ ނާއިބް ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއު 1000 ރުފިޔާއިން ޖޫރިމަނާ ކޮށްފި އެވެ.

ޝުޖާއު ޖޫރިމަނާ ކޮށްފައިވަނީ މިރޭ ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމަށް ފަހުއެވެ. އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ހަވީރު އިދިކޮޅުން ބޭއްވި ސައިކަލް ބުރާއި ގުޅިގެންނެވެ. އިދިކޮޅު ކޯލިޝަންގެ ޒުވާނުން އިސްނަގައިގެން ބޭއްވި މި ސައިކަލު ބުރުގައި އެންމެ ކުރީ ސަފުގައި ހުންނެވީ ޝުޖާއުއެވެ.

އަވަސްއާ ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ މިރޭ ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމަށްފަހު ސައިކަލު ބުރާއި ގުޅިގެން 1000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. ޝުޖާއު ޖޫރިމަނާ ކޮށްފައިވަނީ އެޗްޕީއޭގެ ގައިޑްލައިންއާ ހިލާފުވުމުގެ ސަބަބުން ކަމަށް ބުނެއެވެ.

"އެ މީހުންނަށް [ފުލުހުން] ޖޫރިމަނާ ކުރަނީ ކޮން ސަބަބަކާއި ގުޅިގެން ކަމެއް ސީދާ ބުނެއެއް ނުދެވުނު،"

އިދިކޮޅުގެ ސައިކަލު ބުރާއި ގުޅިގެން ކުރީގެ ރައީސް އަދި އިދިކޮޅުގެ އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުވެސް ވަނީ މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައެވެ.

ފުލުހުންގެ އިދާރާއިން ނިކުމެ ވަޑައިގެން ވާހަކަދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ އެމަނިކުފާނު ފުލުހަށް ހާޒިރު ކުރެއްވީ އާންމު ސިއްހަތުގެ އުސޫލާއި ހިލާފަށް މާސްކު ނާޅާ ހުރި ކަމަށް ތުހުމަތުކޮށް ކަމަށެވެ.

"އޭގެ އިތުރުން އަޅުގަނޑު ވާހަކަ ދެއްކިލެއް ބާރުކަމުން ފަހަރެއްގައި ބައެއްގެ ހިތްތަކުގައި ބިރުވެރިކަން އުފެދިދާނެތީ އެހެންވީމަ މި ބާވަތުގެ ކަންކަމާއި ބެހޭ ގޮތުން އަޅުގަނޑާ ސުވާލު ކުރައްވަމުން ގެންދަވަނީ. ދެން މިއަދު އެކަންކަމާއި ގުޅޭގޮތުން އަޅުގަނޑު އެއްޗެއް ނުދަންނަވަން. އަޅުގަނޑު ގަސްތު ކުރަނީ އަޅުގަނޑުގެ ފަރާތުން މިކަމާއި ބެހޭ ގޮތުން ގާނޫނީ ވަކީލެއް ކަނޑައެޅުމަށްފަހުގައި ދެން މިކަމުގައި ކުރިއަށްދާން،"

މީގެ އިތުުރުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްވެސް މާދަމާ ފުލުހަށް ހާޒިރުކުރާނެ އެވެ. އަބްދުއްރަހީމް ހާޒިރުވާން އަންގާފައިވަނީ މާދަމާ ހެނދުނު 10 ޖަހާއިރުއެވެ. ޝިޔާމް ހާޒިރުވާން އަންގާފައިވަނީ މެންދުރު 12 ޖަހާއިރު އެވެ.