މެސީ

މެސީއާ ދެކޮޅަށް ލަލީގާއިން ހަރުކަށި ފިޔަވަޅެއް

ބާސެލޯނާގެ ޕްރީ ސީޒަންގެ މެޑިކަލްއަށް ކެޕްޓަން ލިއޮނަލް މެސީ ހާޒިރު ނުވުމުން، ލަލީގާއިން މެސީއާ ދެކޮޅަށް ހަރުކަށި ނިންމުމެއް ލަލީގާއިން ނިންމައިފި އެވެ.

ޕީސީއާރް ޓެސްޓަށް މެސީ ހާޒިރު ނުވީ، ހީލޭ ޓްރާންސްފާގެ ދަށުން ޓީމު ދޫކޮށްލުމުގެ ފުރުސަތަށް ހުރަސް އެޅިދާނެ ކަމަށް އޭނާގެ ގާނޫނީ ޓީމުން ލަފާ ދިނުމުންނެވެ. އިއްޔެ މީޑިއާގައި ދައުރު ވަމުން ދިޔައީ، މެސީ އާ ބައްދަލު ކުރުމުގެ އުންމީދުގައި ބާސާގެ ޓްރެއިނިން ގުރައުންޑް ކައިރިއަށް ދިޔަ ކުޑަ ކުއްޖެއްގެ ފޮޓޯ އެކެވެ. އެހެން ނަމަވެސް މެސީ ހާޒިރެއް ނުވި އެވެ. އެހެންވެ އެކަމާ މާޔޫސްވެ ބާސާގެ ޓްރެއިނިން ގުރައުންޑްގެ ބޭރުގައި މަގުމަތީގެ ޕޭމަންޓް މަތީގައި އެ ކުޑަކުއްޖާ އިށީންދެލައިގެން އިން ފޮޓޯ މީޑިއާގައި ވަރަށް ބޮޑަށް ވައިގައި ހިފި އެވެ.

ލަލީގާއިން އިއްޔެ ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ، ހިލޭ ޓްރާންސްފާގައި ކުލަބު ދޫކޮށް ދިއުމުގެ ފުރުސަތު މެސީއަށް ނެތް ކަމަށެވެ. ކުލަބު ދޫކޮށްލަން އޭނާ ބޭނުންވާނަމަ ޓްރާންސްފާ ފީގެ ގޮތުގައި 700 މިލިއަން ޔޫރޯ ދައްކަން ޖެހޭނެ ކަމަށް ލަލީގާއިން ނިންމި އެވެ. އެއީ ބާސެލޯނާ އާއެކު މެސީ ހަދާފައިވާ ކޮންޓްރެކްޓްގައި އޭނާގެ ރިލީޒް ކްލޯސްގެ ގޮތުގައި ހިމަނާފައިވާ އަދަދެވެ.

މިހާތަނަށް ބާސާއިން އެކަމާ ބެހޭގޮތުން ރަސްމީ އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. ނެރުނު ބަޔާނެއް ނެރުނީ ލަލީގައިންނެވެ. ލަލީގާއިން 700 މިލިއަން ޔޫރޯ ކަމަށް ބުނެ ބަޔާން ނެރުނު ނަމަވެސް އެވަރުގެ އަގެއް މިހާލަތުގައި ދައްކަން ނުޖެހޭނެ ކަމަށް ސްޕެއިންގެ ކަޑޭނާ ސާ ރޭޑިއޯ އިން ރިޕޯޓް ކޮށްފައި ވެއެވެ. އަންނަ ސީޒަނަކީ މެސީގެ ކޮންޓްރެކްޓްގެ ފަހު އަހަރު ކަމަށް ވުމުން 700 މިލިއަން ޔޫރޯ ވަރުގެ ބޮޑު އަގެއް ދައްކަން ނުޖެހޭނެ ކަމަށް އެ ރޭޑިއޯގައި ވާހަކަ ދެއްކި އޮފިޝަލް ވިދާޅުވި އެވެ. އޭނާ ބުނީ އެއައްވުރެ ކުޑަ އަގެއްގައި، މިވަގުތު ކުލަބު ބަދަލު ކުރެވޭނެ ކަމަށެވެ.

ބާސެލޯނާގައި 19 އަހަރުވަން ދެން ހޭދަ ކުރި، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހަ ފަހަރު ހޯދާފައިވާ، މެސީ އެ ކުލަބު ދޫކޮށްލަން ބޭނުންވާކަން އެނގީ މިދިޔަ އަންގާރަ ދުވަހު އެވެ. ކޮންމެ ސީޒަނެއް ނިމުމަށް ފަހު ހިލޭ ޓްރާންސްފާގައި މެސީއަށް ކުލަބު ދޫކޮށްލުމުގެ އިހްތިޔަރު ލިބެ އެވެ. އެކަން ފުރިހަމަ ވާނީ ޖޫން 10 ގެ ކުރިން އެ ޓްރާންސްފާގެ ހުރިހާ ކަމެއް ނިންމުމުންނެވެ.

ކޮންޓްރެކްޓްގައި ފާހަގަ ކުރާ އެ މުއްދަތު އައިރު ފުޓްބޯޅައިގެ ހަރާކްތްތައް އޮތީ ކޮރޯނާ ވައިރަސް އާ ގުޅިގެން މެދުކަނޑާލާފަ އެވެ. ކުރިއަށް ނުގެންދެވިގެން މާޗް މަހު ހުއްޓާލި ލަލީގާ ވެސް ފެށީ ޖޫން 11 ގަ އެވެ. އެހެން ނަމަވެސް މެސީ 33، ވަނީ ޓްރާންސްފާގެ ކަންކަން މިހާރު ފުރިހަމަ ކުރުމުގެ އިހްތިޔާރު ދިނުމަށް ބާސެލޯނާ އަށް ހުށަހަޅާފަ އެވެ.