ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮވިޑް ބަލި މީހާ ވިލިނގިއްޔަށް ނޭރުވި

ގއ. ވިލިނގިލީގައި ގާއިމް ކޮށްފައި ހުރި ކޮވިޑް ފެސިލިޓީއަށް ގެންދިޔަ އެ ބަލީގެ މީހަކު އެ ރަށަށް އެރުވުމާ ދެކޮޅަށް އެރަށު ރައްޔިިތުންތަކެއް ނިކުމެ މުޒާހަރާކޮށްފި އެވެ.

ފުލުހުން ބުނީ ވިލިނގިލީގައި ގާއިމްކޮށްފައި ހުރި ކޮވިޑް ފެސިލިޓީއަށް ގެންދިޔަ ބަލި މީހަކު އެ ރަށަށް އެރުވުމާ ދެކޮޅަށް އެ ރަށުގެ ރައްޔިިތުންގެ ބަޔަކު ރަށުގައި އިހުތިޖާޖު ކުރަމުން ދާތީ އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާ ކަމަށެވެ.

ވިލިނގިލީ ކައުންސިލް މެމްބަރު ހަބީބު ހަސަން އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ގދ. ތިނަދޫއިން ކޮވިޑް-19 އަށް ޕޮޒިޓިވް ބަލި މީހާއަށް ފަރުވާ ދިނުމަށް ވިލިނގިލީގައި ގާއމްކޮށްފައިވާ ރީޖަނަލް ކޮވިޑް ފެސިލިޓީއަށް ގެންދަން ސީ އެމްބިއުލާންސް އެރަށަށް ދިޔުމުން ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ އެމީހާ ރަށަށް އެރިޔަ ނުދޭން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހަބީބު ވިދާޅުވީ އެ މީހާ އެރަށަށް ގެންދަނީ ހާލު ސީރިއަސްވެގެން ނޫން ކަމަށާއި ނަމަވެސް އެއީ އުމުރުން ދުވަސްވީ މީހަކަށްވެފައި ހައި ރިސްކު މީހަކަށްވާތީ ކަމަށެވެ. އަދި ރައްޔިތުންގެ ތެރެއިން ބަޔަކު ކުރަމުން ދަނީ ވަރަށް ލާއިންސާނީ އަމަލެއް ކަމަށާއި އެކަން ވަރަށް ބޮޑަށް ކުށްވެރިކުރައްވާ ކަމަށެވެ.

"ވިލިނގިލީގައި މި ހުންނަނީ ކޮވިޑް ބަލި މީޙުންނަށް ފަރުވާ ދިނުމަށް ގާއިމްކޮށްފައިވާ ރީޖަނަލް ފެސިލިޓީ. މިއީ ގދ. އަދި ގއ. އަތޮޅުން މި ބައްޔަށް ޕޮޒިޓިވް ވާ މީހުންނަށް ފަރުވާ ދިނުމަށް ގާއިމްކުރި ފެސިލިޓީއެއް. މި ފެސިލިޓީގައި ފަރުވާދޭން ޖެހޭނީ ހަމައެކަނި ވިލިނގިލި ރައްޔިތުންނަކަށް ނޫން. މިއީ މި ރަށު ރައްޔިތުން ގަބޫލު ކުރަންޖެހޭނެ ކަމެއް. އެމީހާ ރަށަށް ނާރުވަން ބަޔަކު މުޒާހަރާ މިކުރަނީ އެމީހާގެ ކުރިމަތީގައި. މިއީ ވަރަށް ލާއިންސާނީ އަމަލެއް. އަދި މިކަމުގެ ސަބަބުން އެމީހާއަށް ނަފްސާނީ އެތައް ގެއްލުމެއް ލިބޭނެ." އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުލުހުން މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި ފުލުހުން މެދުވެރިވެގެން ނަމަވެސް ބަލިމީހާ ރަށަށް އަރުވާ އެ ފެސިލިޓީގައި ފަރުވާ ދޭނެ ކަމަށެވެ.

ކޮވިޑް-19 އަށް ފަރުވާދިނުމަށް ރާއްޖޭގެ ފަސް ސަރަހައްދެއްގައި ވަނީ ފެސިލިޓީޒް ގާޢިމްކޮށްފަ އެވެ. އެއީ ހދ. ކުޅުދުއްފުއްޓާއި، ބ. އޭދަފުށްޓާއި، ށ. ފުނަދޫ އާއި އައްޑޫ ސިޓީ އާއި ގއ. ވިލިނގިއްޔެވެ.