ގދ. ތިނަދޫ އިން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހާ ގއ. ވިލިނގިއްޔަށް ނޭރުވުމުން އަނބުރާ ތިނަދުއަށް ގެންގޮސްފި އެވެ.
ކޮވިޑް-19 ބަލި މީހުންނަށް ފަރުވާ ދިނުމަށް ގާއިމްކޮށްފައިވާ ގދ. އަދި ގއ. ރީޖަންގެ ފެސިލިޓީ ހުންނަނީ ވިލިނގިލީގަ އެވެ. ނަމަވެސް ތިނަދޫ އިން ބައްޔަށް ޕޮޒިޓިވްވި އުމުރުން ދުވަސްވީ މީހަކު އެ ފެސިލިޓީގައި ފަރުވާ ދިނުމަށް ގެންދިޔުމުން އެރަށު ބަޔަކު ވަނީ ނިކުމެ އެމީހާ އެރަށަށް އެރިޔަ ނުދޭން މުޒާހަރާކޮށްފަ އެވެ.
ފެސިލިޓީއަށް ގެންދިޔުމަށް ދެކޮޅު ހަދާ ވިލިނގިލީ ރައްޔިތުންތަކެއް މުޒާހަރާ ކުރުމާ ގުޅިގެން ސީއެމްބިއުލާންސް ތެރޭގައި ބަލި މީހާ ބާއްވައިގެން ފަޅުތެރޭގައި ދެ ގަޑިއިރު އޮންނަން ޖެހުނެވެ.
ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެމީހާ މިހާރު ތިނަދު އަށް އަނބުރާ ގެނެސް އެހެން ފެސިލިޓީ އަކަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަދި، ވިދާޅުވީީ އެމީހާގެ ހާލު ރަނގަޅު ނަމަވެސް ވިލިނގިލީ ފަޅުގައި ގިނަ އިރު އޮންނަން ޖެހުމާއި، މީހުންތައް މުޒާހަރާކުރުމުގެ ސަބަބުން ނަފްސާނީ ގޮތުން އަސަރުކޮށްފައިވާ ކަމަށެވެ. އެހެން ކަމުން މާލެ ފޮނުވާލުމަށް މިހާރު ކަމާބެހޭ މުއައްސަސާތަކާ މަޝްވަރާ ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
ތިނަދޫ އިން މީހަކު ޕޮޒިޓިވް ވިކަން އެނގުނީ އޮޕަރޭޝަނެއް ކުރުމަށް އެރަށު ހޮސްޕިޓަލަށް ދިޔުމުން، އޮޕަޜޭޝަންގެ ކުރިން އޮންނަ އުސޫލެއްގެ މަތިން ކޮވިޑް-19 އަށް ޓެސްޓު ކުރުމުންނެވެ. އެމީހާ ކޮވިޑަށް ޕޮޒިޓިވް ވީ ނަމަވެސް އެ އޮޕަޜޭޝަން ކޮށްފައިވާ ކަމަށް ސައީދު ވަނީ ވިދާޅުވެފަ އެވެ.
ތިނަދޫ އިން މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ އުމުރުން 68 އަހަރު މީހެކެވެ. ކޮވިޑް-19 ޖެހޭ އުމުރުން ދުވަސްވީ މީހުންނަކީ ހައި ރިސްކް މީހުން ކަމަށްވާތީ އެމީހުންނަށް ފަރުވާ ދޭން ޖެހޭނީ ފެސިލިޓީސްތަކުގައި އެޑްމިޓްކޮށްގެންނެވެ.
ވިލިނގިލީ ކައުންސިލް މެމްބަރު ހަބީބު ހަސަން މިއަދު އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެމީހާ ރަށަށް ނާރުވަން މުޒާހަރާ ކުރީ ބަޔަކު އަޑީގައި ތިބެގެން ސިޔާސީ މަގުސަދެއް ހާސިލް ކުރުމަށް ކަމަށެވެ. އަދި އެއީ ވަރަށް ލާއިންސާނީ އަމަލެއް ކަމަށާއި އެއްވެސް ތަފާތު ކުރުމެއްނެތި ހުވަދޫ ރައްޔިތުންނަށް އެ ފެސިލިޓީގައި ފަރުވާ ދެވެންޖެހޭނެ ކަމަށެވެ.