ހަބަރު

ލިފްޓު ގޮޅިން ވެއްޓުނު ތުއްތު ކުއްޖާގެ ހާލު ވަރަށް ސީރިޔަސް: އޭޑީކޭ

  • ތުއްތު ކުއްޖާގެ ނާށިގަނޑު ފެޅި އެތެރެއަށް ވަނީ ލޭއެޅިފައި
  • މާމަގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުން
  • ވެއްޓުނު ލިފްޓް ގޮޅި ހުރީ ނުބައްދާ ހާމަޔަށް

ހ. ފެންނާގެ ހަވަނަބުރީގެ ލިފްޓު ގޮޅިން މާމަޔާ އެކު ވެއްޓުނު ހަތް މަހުގެ ތުއްތު އަންހެން ކުއްޖާގެ ހާލަތު ވަރަށް ސީރިޔަސް ކަމަށް އޭޑީކޭ އިން ބުނެފި އެވެ.

މިހާދިސާޔާ ގުޅޭގޮތުން އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް "އަވަސް" އަށް ވިދާޅުވީ ލިފްޓު ގޮޅިން ވެއްޓުނު ހަތް މަހުގެ ތުއްތު ކުއްޖާގެ ބޮލަށް ބޮޑެތި ގެއްލުން ތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން އެކުއްޖާ ވެއްޓުނު ބާރުމިނުގައި ބޯ ގޮސް ބިންމަތީގައި ޖެހި، ބޮލުގެ ނާށިގަނޑު ފަޅައިގެންގޮސް އެތެރެއަށް ލޭއެޅިފައިވާ ކަމަށް އައްފާލް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ޑޮކްޓަރުން ދަނީ އެކުއްޖާގެ ބޮލުގެ އޮޕަރޭޝަން އެއް ކުރަމުން ކަމަށް އައްފާލް ވިދާޅުވި އެވެ.

"ލިފްޓު ގޮޅިން ވެއްޓުނު ތުއްތު ކުއްޖާގެ ހާލު ސީރިޔަސް! އެކުއްޖާގެ ބޮލަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ނާށިގަނޑު ފަޅައިގެން ގޮސް އެތެރެއަށް ލޭއެޅިފަ ހުރި ކަމަށް ޑޮކްޓަރުން ބުނޭ. އެކުއްޖާ މިހާރު ދަނީ އޮޕަރޭޝަނެއް ކުރަމުން،" އައްފާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތުއްތު ކުއްޖާޔާ އެކީ ލިފްޓު ގޮޅިން ވެއްޓުނު 75 އަހަރުގެ، މާމަގެ އަށް ލިބުނު ގެއްލުން ތަކަށް ފަރުވާދެމުން ގެންދާކަމަށާއި އަދި މިހާރު އޭނާގެ ހާލަތު ރަނގަޅު ކަމަށެވެ. ނަމަވެސް އެއަންހެން މީހާގެ ކަރަށް ކޮންމެސް ވަރެއްގެ ގެއްލުން ތަކެއް ލިބިފައިވާތީ އައިސީޔޫގައި ފަރުވާދެމުން ގެންދާ ކަމަށް ވެސް އައްފާލް ވިދާޅުވި އެވެ.

އެ ގޭގެ ލިފްޓް ގޮޅި ހުންނަނީ އެއްވެސް ނިވަލެއް ނެތި ހާމަޔަށެވެ.

ފެންނާގޭގައި ދިރިއުޅޭ މީހަކު ބުނީ މިއަދު މެންދުރު 12:30 އެހާކަން ހާއިރު މީހުން ރޯއަޑު އިވިގެން ތިރިއަށް ދިޔައިރު މުސްކުޅި އަންހެނަކާއި ކުޑަ އަންހެން ކުއްޖަކު ވެއްޓިފައި އޮތް ކަމަށެވެ. އޭރު އަންހެން މީހާގެ ހެނދުން އިރައިގެން ގޮސްފައިވާ އިރު ކުޑަކުއްޖާގެ ބޮލުން ބިން މައްޗަށް ލޭ ފައިބަމުން ދިޔަ ކަމަށް އޭނާ ބުންޏެވެ.

"އެއިން އެއްވެސް މީހެއްގެ ހެޔެއް ނެތް،" އެގެއިން ވާހަކަ ދެއްކި މީހާ ބުންޏެވެ. "ތުވާޔެއް މާމަގެ ގައިގެ އޮޅާލައިގެން އަވަހަށް އެމްބިއުލަންސަށް ގުޅައިގެން ހޮސްޕިޓަކަށް ގެންދިޔައީ،"

އެ ގޭގެ ލިފްޓް ގޮޅީގައި މާމަ ލައިގެން ހުރި ހެނދުމުން އިރައިގެން ދިޔަ ތަންތަން ލިފްޓް ގޮޅި ތެރޭގައި ހުއްޓެވެ. އަދި ކޮންމެވެސް ވަރަަކަށް ލޭގެ އަސަރު ވެސް ހުއްޓެވެ.