ގދ. ތިނަދޫން ކޮވިޑަށް ޕޮޒިޓިވްވި އުމުރުން 68 އަހަރުގެ މީހަކު ގއ. ވިލިނގިލީ ކޮވިޑް ފެސިލިޓީއަށް ގެންދިއުމުން އެ ރަށަށް އަރުވަން ރަށުގެ ބަޔަކު ވަނީ ދެކޮޅު ހަދާފަ އެވެ. ހުވަދޫ އަތޮޅުގައި ސަރުކާރުން ގާއިމު ކޮށްފައިވާ ކޮވިޑް ފެސިލިޓީ ގާއިމްކޮށްފައި ވަނީ ވިލިނގިލީގަ އެވެ. އެފަދަ މީހަކު ތިނަދޫން ވިލިނގިއްޔަށް ގެންދިއުމުން އެ ރަށުގެ ބަޔަކު ބަނދަރު ސަރަހައްދަށް ޖަމާވެ ބަލި މީހާ ރަށަށް އެރުވަން ދެކޮޅު ހެދީ އެވެ.
ބަލި މީހާ ގޮވައިގެން ވިލިނގިއްޔަށް ދިޔަ ތިނަދޫ، އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ސިއްހީ އެހީތެރިން ދެ ގަޑިއިރެއްހާއިރު ވިލިނގިލީ ބަނދަރުތެރޭގައި ތިއްބެވެ. ބަލި މީހާ ފެސިލިޓީއަށް ގެންދެވޭނެ މަގެއް ނެފޭތޯ އެވެ. ނަމަވެސް ބަލި މީހާއަށް ފެންނާނެހެން އެ ރަށުގައި އިހުތިޖާޖު ކުރަމުންދިޔަ މީހުން ދުލެއް ނުދިނެވެ. އެންމެ ފަހުން ބަލި މީހާއާއެކު އަނބުރާ ތިނަދޫއަށް އައީއެވެ. އަދި ރޭގެ ވަގުތެއްގައި ހުޅުމާލެއަށް އެ މީހާ ގެނެސް، ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ވަނީ އެޑްމިޓްކޮށްފަ އެވެ.
މި ހާދިސާގެ ސަބަބުން ވިލިނގިއްޔާއި އެ ރަށުގެ ރައްޔިތުންނަށް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އަދި އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވެސް ހުވަދޫގެ އެކި ދާއިރާތައް ތަމްސީލު ކުރައްވާ މެންބަރުން ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މަޖިލިސް ހުސް ވަގުތު ކުޑަ ދޮށުގައި ވެސް މެންބަރުން ކުރެއްވީ އެ ބަހުސެވެ.
އެއީ ދުވަހަކު ވެސް ރާއްޖޭގައި ހިނގައިގެން ވާނެ ހާދިސާއެއް ކަމަށް އެކަކު ވެސް ގަބޫލެއް ނުކުރެ އެވެ. އެކަމަކު އެއޮތީ އެކަން ހިނގާ ނިމިފަ އެވެ.
ފާޑުކިޔުންތައް އަމާޒުވުމާއެކު ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވާ ގޮތުން ރައްުޔިތުން ދެކޮޅު ހެދީ ބަލި މީހާ ރަށަށް ނާރުވާކަށް ނޫނެވެ. ރައްޔިތުން ދެކޮޅު ހެދީ ބަލި މީހާގެ އެހީތެރިޔާ ރަށަށް އެރުވުމަށެވެ. އެހެން ވެސް ވޭ ހެއްޔެވެ؟ އެއްވެސް ދިވެއްސަކަށް ނޭރޭ ރަށްރަށް ރާއްޖޭގައި ހުރޭ ހެއްޔެވެ؟
"އަޅުގަނޑު މިއަދު ކަންބޮޑުވޭ ތިނަދޫން ކޮވިޑަށް ޕޮޒިޓިވްވި ބަލިމީހަކު ތިނަދޫގައި މަތީފަންތީގައި ފަރުވާ ލިބެން އޮތް ރަށަކުން އެއްވެސް ފަރުވާއެއް ނެތް ތަނަކަށް ގެންދިޔައިމަ. [ހަމައެކަނި] ބެޑެއް ބަހައްޓާފައި ހުރި ތަަނަކަށް ގެނައިމާ ކްރިޓިކަލް ޕޭޝަންޓަކަށް ފަރުވާ ދޭނީ ކިހިނެތްތޯ؟" މަޖިލީހުގައި ވާހަކަ ދައްކަވަމުން ސައުުދު ވިދާޅުވި އެވެ.
ސައުދު ސުވާލު އުފެއްދެވީ ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން އެތައް ހިދުމަތްތަކެއް ލިބެން ހުރިއިރު އެއްވެސް ހިދުމަތެއް ލިބެން ނެތް ވިލިނގިލީގައި ހުންނަ މެޑިކަލް ފެސިލިޓީއަށް ގެނައި ގެނައުމާމެދު އެވެ. އެކަމަކު އެއީ މިކަމާ ގުޅޭ ބޭކާރު ވާހަކަތަކެކެވެ.
ވިލިނގިލީ ހުރި މެޑިކަލް ފެސިލިޓީއަކީ ހަމައެކަނި އެ ރަށުގެ މީހުނަށް ހާއްސަ ތަނެއް ނޫނެވެ. ރާއްޖޭގެ ކޮންމެ ތަނަކުން މީހަކު ގެންދިޔަ ނަމަވެސް އެތަނުގައި އެޑްމިޓް ކުރެވެން ޖެހޭނެ އެވެ.
"މާލެއިންވެސް އަދި އެހެން ކޮންމެ ރަށަކުން މީހަކު ގެންދިޔަ ނަމަވެސް އެ ތަނުގައި އެޑްމިޓް ކުރަން ޖެހޭނެ. އެއީ ވަކި ރަށެއްގެ ތަނެއް ނޫން،" މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ވިދާޅުވިއެވެ. ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ވަނީ ވިލިނގިލީގައި ކޮވިޑް ފެސިލިޓީ ހެދީ ނުފޫޒުން ކަމަށް ތުހުމަތުކޮށްފަ އެވެ. އޭނާ ގަބޫލު ކުރައްވާ ގޮތުގައި އެއީ "ގަދަކަމުން އެ ރަށައް ގެންގޮސްފައިވާ ސެންޓަރެ" ކެވެ.
ކޮވިޑްގެ ބަލި މީހަކު ވިލިނގިއްޔަށް އަރުވަން ދެކޮޅު ހެދި މައްސަލައާއި ގުޅިގެން ހާއްސަ ތަހުގީގެއް މިހާރު ވަނީ ފަށާފައެވެ. އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވި ގޮތުގައި އެ ހާދިސާ ހިނގި ގޮތުގެ ރިޕޯޓެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރެ އެވެ. އެ ރިޕޯޓް ތައްޔާރު ކުރުމަށްފަހު އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ އެވެ. އަދި އޭނާ އެ ހާދިސާ ސިފަކޮށްފައި ވަނީ "ކޮވިޑް-19 އަށް ވުރެ ސީރިއަސް ބައްޔެއް" ގެ ގޮތުގަ އެވެ.
"މި ދައްކަނީ އަޅުގަނޑުމެންފަދަ އިންސާނެއްގެ ވާހަކަ، ދިވެއްސެއްގެ ވާހަކަ. އަޅުގަނޑުމެން އެކަކު އަނެކަކަށް ނުދިން އެހީތެރިކަމެއް ވަކި ކޮން ފަރާތަކުންތޯ ދޭނީ. އެހެންވީމަ މި ގޮތަށް ވަކި ރަށަކަށް ނޫނީ ވަކި ނަސްލަކަށް ނިސްބަތްވާ މީހަކަށް ބައްޔެއް ޖެހިފައި ހުރީއޭ ކިޔާފަ ތަފާތު ކުރުމާއި، ތަފާތު ގޮތަކަށް އޭނާއާމެދު ދެކުމާއި މިއީ ކޮވިޑް-19 އަށްވުރެ ސީރިއަސް ބައްޔެއް ކަމަށް އަޅުގަނޑުމެން ދެކެނީ،" ނަޒްލާ ވިދާޅުވިއެވެ.
މި ދައްކަނީ އަޅުގަނޑުމެންފަދަ އިންސާނެއްގެ ވާހަކަ، ދިވެއްސެއްގެ ވާހަކަ. އަޅުގަނޑުމެން އެކަކު އަނެކަކަށް ނުދިން އެހީތެރިކަމެއް ވަކި ކޮން ފަރާތަކުންތޯ ދޭނީ. އެހެންވީމަ މި ގޮތަށް ވަކި ރަށަކަށް ނޫނީ ވަކި ނަސްލަކަށް ނިސްބަތްވާ މީހަކަށް ބައްޔެއް ޖެހިފައި ހުރީއޭ ކިޔާފަ ތަފާތު ކުރުމާއި، ތަފާތު ގޮތަކަށް އޭނާއާމެދު ދެކުމާއި މިއީ ކޮވިޑް-19 އަށްވުރެ ސީރިއަސް ބައްޔެއް ކަމަށް އަޅުގަނޑުމެން ދެކެނީޑރ. ނަޒްލާ ރަފީގު | އެޗްއީއޯސީގެ ތަރުޖަމާން
ވިލިނގިލީގައި ހިނގާދިޔަ ހަޑި ހާދިސާއާއި ގުޅިގެން އެ ރަށުގައި ސަރުކާރުން ގާއިމުކޮށްފައިވާ ކޮވިޑް ސެންޓަރު އެ އަތޮޅުގެ އެހެން ރަށަކަށް ބަދަލު ކުރުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.
މަޖިލީހުގެ މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ވިދާޅުވި ގޮތުގައި ވިލިނގިލިން ފެނުނީ ގަބޫލު ކުރަން ދަތި މަންޒަރެކެވެ. އެހެން ކަމުން ވިލިނގިލީގައި ހުރި ކޮވިޑް ފެސިލިޓީ އެހެން ރަށަކަށް ބަދަލު ކުރަން ޖެހެ އެވެ. އަދިއެ އަމަލު ހިންގި މީހުންނަށް ހަރުކަށި ފިޔަވަޅު އަޅަން ޖެހެ އެވެ.
ހުވަދު އަތޮޅު ރައްޔިތުންގެ ނަމުގައި ގޮވާލަން ވިލިނގިލީގައި ގާއިމުކޮށްފައި ހުރި ކޮވިޑް ފެސިލިޓީ އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް. ބަލިމީހާ ވިލިނގިއްޔަށް އަރުވަން ހުރަސް އެޅި މީހުންނަށް ހަރުކަށި ފިޔަވަޅު އަޅަން،ހުސައިން ފިރުޝާން | މަޑަވެލި ދާއިރާގެ މެންބަރު
އިއްޔެ ހިނގައި ދިޔަ އެ ހާދިސާއަކީ ވިލިނގިލީ ހުރިހާ ރައްޔިތުންނާއި ގުޅުންހުރި ހާދިސާއެއް ނޫނެވެ. އެފަދަ ހާދިސާއެއް ހިނގައި ދިއުމުން ކަންބޮޑުވާ ރައްޔިތުން އެ ރަށުގައި ވެސް އެބަތިއްބެވެ. ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރި ވިލިނގިލީގެ އެތައް ބަޔަކުވެސް ވަނީ އިއްޔެގެ ހާދިސާ ކުށްވެރިކޮށްފަ އެވެ.
ވިލިނގިލީ ކައުންސިލް މެމްބަރު ހަބީބު ހަސަން ވިދާޅުވި ގޮތުގައި ތިނަދޫއިން ކޮވިޑަށް ޕޮޒިޓިވްވި މީހާއަށް ފަރުވާ ދިނުމަށް ވިލިނގިލީ، ރީޖަނަލް ކޮވިޑް ފެސިލިޓީއަށް ލާން އެމްބިއުލާންސް އެރަށަށް ދިޔުމުން އެމީހާ ރަށަށް އެރިޔަ ނުދޭން މަސައްކަތް ކުރީ ރައްޔިތުންގެ ތެރެއިން ބައެކެވެ. މުޅި ރަށެއް ނޫނެވެ.