ވިޔަފާރި

ޔޫ އެންޑްމީގައި މޫދުއަޑީ ކައިވެނި ކުރަން ފުރުސަތު

ޔޫ އެންޑް މީ އެޓް ކޮކޫން މޯލްޑިވްސް ރިސޯޓުން މޫދުގެ އަޑީގައި ކައިވެނީގެ ރަސްމިއްޔާތުތައް ބޭއްވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ކޮކޫން ކުންފުނިން ހިންގާ ޔޫއެންޑްމީ ރިސޯޓުން ބުނި ގޮތުގައި އެ ރިސޯޓުގެ މޫދު އަޑީގެ ރެސްޓޯރެންޓް "އެޗް އޯ ޓޫ" ގައި ކައިވެނީގެ ހަފުލާތައް އިންތިޒާމު ކުރަން ހުޅުވާލި ފުރުސަތަކީ ރޮމޭންޓިކް މާހައުލެއްގައި ކައިވެނީގެ ރަސްމިއްޔާތެއް ބާއްވަން ލިބިގެން ދާނެ ރަނުގެ ފުރުސަތަކަށް ވާނެ އެވެ.

މަތީ ފަންތީގެ ޔޫ އެންޑް މީ ރިސޯޓުގެ މޫދު އަޑީގެ ރީތި މަންޒަރުތައް ވަށައިގެން ފެންނަ ގޮތަށް ހަދާފައިވާ މި ރެސްޓޯރެންޓުގައި ކައިވެނި ކުރަން ތައާރަފު ކޮށްފައިވާ "ޑީޕް އިން ލަވް" ޕެކޭޖުގެ އަގަކީ ދެ ލޯބިވެރިންނަށް 2،500 ޑޮލަރު (38،550ރ.) އެވެ.

މި ޕެކޭޖުގައި ކައިވެނީގެ ހަފުލާއެއްގައި ހިމެނޭ ހުރިހާ ކަމެއް އެކުލެވިގެންވެ އެވެ. މީގެ ތެރޭގައި އަންޑަ ވޯޑާ ރެސްޓޯރެންޓް ޒީނަތްތެރި ކުރުމާއި ހާއްސަ ރިފްރެޝްމަންޓެއް ދިނުން ވެސް ހިމެނެ އެވެ. ރިފްރެޝްމަންޓް އަކަށް ދެނީ ކުރުނބަ އެވެ.

މި ހަފުލާ އިންތިޒާމު ކޮށް ކައިވެނީގެ ކަންކަން ކުރިއަށްދާއިރު މޫދު އަޑީގެ ރެސްޓޯރެންޓުގެ ބޭރުގައި ތިބެގެން ޑައިވަރުން މަރުހަބާ ކިޔާނެ އެވެ. އަދި މި ޕެކޭޖު ނަގާ ފަރާތްތަކަށް ހަފުލާގެ ވީޑިއޯ އާއި ފޮޓޯ ވެސް ނަގައިދޭނެ އެވެ.

ރ. އުތުރުމާފަރުގައި ހިންގާ ޔޫ އެންޑް މީ ރިސޯޓުގައި 111 ވިލާ ހުރެ އެވެ. މީގެތެރެ އިން 97 ވިލާއަކީ މޫދު ވިލާ ތަކެވެ. މި ރިސޯޓުގައި މަންތާ ވިލާ އާއި ޑޮލްފިން ވިލާ ޑޮލްފިން ވިލާ ވިޕް ޕޫލްގެ އިތުރުން އަކްއާ ވިލާ އަދި ބީޗް ސުއިޓް ވިތް ޕޫލް އަދި އަކުއާ ޕޫލް ވިލާ އާއި ރިސޯޓްގެ ނަން ދީފައިވާ ހާއްސަ ބޮޑު ވިލާއެއް ވެސް ހުރެ އެވެ.

ކޮކޫންގެ މި ރިސޯޓުގައި އެކި ގައުމުތަކުގެ ކެއުންތައް ލިބޭނެ ހަ ރެސްޓޯރެންޓެއް ހުރެ އެވެ. މި ރެސްޓޯރެންޓް ތަކުން ޖަޕާނާއި އިޓަލީގެ މީރު ރަހަތައް ވެސް ލިބެން ހުރެ އެވެ.

"އެޗް ޓޫ އޯ" ގެ ނަމުގައި ހަދާފައިވާ އަންޑަ ވޯޓާ ރެސްޓޯރެންޓަކީ ރ. އަތޮޅުގައި ހެދި ފުރަތަމަ މޫދު އަޑީގެ ރެސްޓޯރެންޓެވެ. އެތާނގައި ތިބޭއިރު މޫދު އަޑީގެ ވަށައިގެންވާ ހިތްގައިމު މަންޒަރުތައް 360 ޑިގްރީއަށް ފެނެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސީޕްލޭންގައި 45 މިނެޓުން ދެވޭ ރާސްތާގައި ހުޅުވި ފަސް ތަރީގެ މި ރިސޯޓް ފަރުމާ ކޮށްފައި ވަނީ ހާފް ބޯޑް އަދި ފުލް ބޯޑް އަދި ފުލް ބޯޑް ޕްލަސް ޕެކޭޖް ނަގައިގެންދާ މީހުންނަށް ވެސް ހިދުމަތް ދެވޭނެ ގޮތަކަށެވެ.