ކުޅިވަރު

ފުރަތަަމަ އެެލްކްލެސިކޯ އަންނަ މަހު 25 ގައި

އާ ސީޒަންގެ ލަލީގާގެ ފުރަތަމަ އެލްކްލެސިކޯ އަންނަ މަހު 25 ގައި ކުޅެން ހަމަޖައްސައި، މެޗު ޝެޑިއުލް ލަލީގާއިން އާންމު ކޮށްފި އެވެ.

ސްޕެއިންގެ ފުޓްބޯޅައިގައި އެންމެ ވާދަވެރި ދެ ކުލަބަކީ، އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ބާސެލޯނާ ބައްދަލު ކުރާ މެޗުތަކެވެ. އެ ދެ ޓީމު ބައްދަލު ކުރާ މެޗަށް ނަން ދީފައި ވަނީ އެލެކްލެސިކޯގެ ނަމުންނެވެ. އާ ސީޒަނަށް ތައްޔާރު ވުމުގެ މަސައްކަތް ބާސާއިން ފަށާފައިވާ ވަގުތަކީ އެ ޓީމުގެ އެތެރޭގައި ބޮޑެތި ނުތަވަސް ކަމެއް އޮތް ވަގުތެކެވެ. ކެޕްޓަން ލިއޮނަލް މެސީ ދަނީ އެ ޓީމު ދޫކޮށްލަން ބޭނުންވާކަން ހާމަ ކުރަމުންނެވެ. މެސީ ޓީމުގައި ހުންނާނެކަން އަދި ނޭގުނަސް ސީޒަންގެ ފުރަތަމަ ޕީރިއަޑްގައި ކުޅެން ޖެހޭ މެޗުތަކުގެ ޝެޑިއުލް ބާސާއަށް ވަނީ އެނގިފަ އެވެ.

އެލްކްލެސިކޯގެ ދެ ވަނަ މެޗު އޮންނާނީ އޭޕްރީލް 11 ގަ އެވެ. ކްލެސކޯއަށް ފަހު ދެން ސްޕެނިޝް ލީގްގައި އެންމެ ފޯރިގަދަ މެޗަކީ މެޑްރިޑް ޑާބީ އެވެ. ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑްގެ ފުރަތަމަ ކުރިމަތިލުން އޮންނާނީ ޑިސެމްބަރު 13 ގަ އެވެ. ދެ ވަނަ މެޗު އޮންނާނީ މާޗް ހަތެއްގަ އެވެ.

ލަލީގާގެ ފުރަތަމަ ހަފުތާގެ މެޗުތައް ކުޅޭނީ، މި މަހުގެ ދެ ވަނަ ހަފުތަ އެވެ. ބާސެލޯނާ، ސެވިއްޔާ، އެތުލެޓިކޯ މެޑްރިޑް މެޗުތައް ފަށާނީ އެހެން ޓީމުތަކަށް ވުރެ ފަހުންނެވެ. އެ ތިން ޓީމު ވަނީ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގްގައި ވަރަށް ފަހަކާ ޖެހެންދެން ކުޅެފަ އެވެ. ބާސާ އާއި އެތުލެޓިކޯ ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލުން ކެޓީ އެވެ. ސެވިއްޔާ ވަނީ ޔޫރޮޕާ ލީގްގެ ޗެމްޕިއަންކަން ހޯދާފަ އެވެ.

ލަލީގާ ނިމޭނީ އަންނަ އަހަރު މެއި މަހު އެވެ. މި ސީޒަންގެ ލަލީގާ ވެސް ރާއްޖޭގައި ފޭސްބުކް މެދުވެރިކޮށް ބެލޭނެ އެވެ.