ލައިފްސްޓައިލް

ދަ ބިގް ގާލް ޕްރޮޖެކްޓް: މޭކަޕް އާޓިސްޓެއްގެ "ފަލަ" ރައްދު!

"ސްކޫލް ލައިފްގައި އަޅުގަނޑަކީ އަޅުގަނޑު ހުރި ސިފައެއްގެ ސަބަބުން މަލާމާތް އަމާޒުވެ ބުލީންގެ އުނދަގޫ ތަޖުރިބާކުރަން ޖެހުނު މީހެއް. އެއީ އޭރު ވެސް އަޅުގަނޑު ހަމަ މިގޮތަށް ފަލަކޮށް ހުރީމަ،" ސޯޝަލް މީޑިއާގައި މަގްބޫލުކަން ހޯދާފައިވާ "ދަ ބިގް ގާލް ޕްރޮޖެކްޓް" ގެ ފަހަތުގައި ހުރި މަޝްހޫރު މޭކަޕް އާޓިސްޓް ރިޒްނާ އަހުމަދު (ރިޒް) ބުނީ މިހެންނެވެ.

"އެހެންވީމަ އަޅުގަނޑު ބޭނުންވީ ފަލަކޮށް ތިބޭ ކުދިންނާއި މީހުންނަށް، ހާއްސަކޮށް އަންހެން ކުދިންނަށް މުޖުތަމައުން އަމާޒުވާ މަލާމާތާއި ފުރައްސާރައިން އެމީހުން ސަލާމަތްކޮށްދޭން، ހިތްވަރެއް ލިބޭ ކަހަލަ މަސައްކަތެއް ކުރަން"

"އެގޮތުން ފެށި ޕްރޮޖެކްޓެއް މިއީ."

ދަ ބިގް ގާލް ޕްރޮޖެކްޓަކީ އާންމުކޮށް ރިޒް މޭކަޕްކޮށްދޭ ހިކި އަންހެން ކުދިންގެ ބަދަލުގައި ސައިޒުން ބޮޑު ނުވަތަ ފަލަ އަންހެން ކުދިން ލައްވައި މޮޑެލްކުރުވައި އެ ފޮޓޯތައް އާންމުންނާ ހިއްސާކުރަމުން އަންނަ ޕްރޮޖެކްޓެކެވެ. އާންމުކޮށް ރާއްޖޭގައި އަދި ދުނިޔޭގައި ވެސް ޕްލަސް ސައިޒުގެ އަންހެން މޮޑެލުންނަކީ ނުވަތަ އަންހެނުންނަކީ މަލާމާތާއި ފުރައްސާރައިގެ ސަބަބުން ނިކަން ބޮޑަށް އެކަހެރިކޮށް ހަވާސާއިން ބޭރަށް ޖައްސާފައިވާ ބައެކެވެ.

"ބޮޑީ ޝޭމިން ރާއްޖޭގައި ވަރަށް ބޮޑު މައްސަލައެއް. ހަމަ ފެންނައިރަށް ބުނެލާނެ ކަލޭ ހާދަ ފަލައޭ. ހިކޭކަށް ނުވޭ ހެއްޔޭ؟ ކޯއްޗެއްހެއްޔޭ ކަނީ ތިހާ ވަރަށް ފަލަވަނީ؟ މިކަހަލަ ސުވާލުތަކެއް އެންމެ ފުރަތަމަ ވެސް އަންނާނީ،" ރިޒް ބުންޏެވެ.

"އަޅުގަނޑު އަމިއްލަ އަށް ވެސް ފަލަ މީހަކަށްވީމަ ވަރަށް ގިނައިން ކުރެވިފައި ހުރީ މި ތަޖުރިބާ ޚުދު އަޅުގަނޑަށް ވެސް."

"މިހެން އުޅެނިކޮށް އެއް ދުވަހަކު އަޅުގަނޑުގެ ރައްޓެއްސަކު އަޅުގަނޑަށް ގުޅާލާފައި މި ބުނަނީ އައި އެމް ވެރީ ޑިސެޕޮއިންޓެޑް އިން ޔޫ އޭ. ވީ ކިހިނެތްތޯ އަޅުގަނޑު އަހާލީމަ ބުނީ އަޅުގަނޑުގެ ޕްރޮޖެކްޓްތަކުގައި އަބަދުވެސް ބޭނުންކުރަނީ ސްކިނީ މޮޑެލްސްއޭ. ޔޫ އާ އަ ބިގް ގާލްއޭ. ކީއްވެހޭ ފަލަކުދިން ބޭނުން ނުކުރަނީ؟."

މި ވާހަކަ ރިޒް އަށް އިހްސާސްކުރެވުނީ އޭނާގެ މޫނު މަތީގައި އެކުވެރިޔާ އަޅުވައިލި އެތިފަހަރެއްގެ ގޮތުގަ އެވެ. ރީތީ ހިކިކޮށް ތިބޭ ކުދިން އެކަނި ކަމަށް ބުނި މޭކަޕްގެ ދުނިޔެއިން ރިޒް އަށް ހޭލެވުނު ހިސާބަކީ އެއީ އެވެ.

"ދެން އަޅުގަނޑު ހިތަށް އެރީ ފަލަ ކުއްޖަކަށްވެ ހުރެ އަޅުގަނޑު ވެސް ފަލަކުދިން ބާކީކޮށްލަނީ ނޫން ހެއްޔޭ. އެހިސާބުން ނިންމީ ސީދާ ފަލަ އަންހެން ކުދިންނަށް ހާއްސަ ޕްރޮޖެކްޓެއް ފަށަން."

ބިގް ގާލް ޕްރޮޖެކްޓްގައި ކުލަޖެހިގެން ދިޔަ ގޮތަކީ މިއީ އެވެ. މި ކަން ހަގީގަތަށް ހެދުމަށް އޭނާ އަށް ދެން ލިބިގެން ދިޔަ އެންމެ ބޮޑު ހިތްވަރަކީ ޕްލަސް ސައިޒްގެ މޮޑެލުން ހޯދަން އިއުލާނުކޮށްލުމުން އެކަމަކަށް ލިބުނު ބޮޑު ތަރުހީބެވެ.

"އަޅުގަނޑުގެ ފޭސްބުކް ޕޭޖުގައި އިއުލާނުކޮށްލީ މި ޕްރޮޖެކްޓަށް ކުދިން ބޭނުންވާ ވާހަކަ. ދެން ހަމަ އަޅުގަނޑުގެ އިންބޮކްސް ފުރުނީ އެކަމަށް ޝައުގުވެރިކަން ފާޅުކުރި މީހުންނާ އެކު،" ރިޒް ކިޔައިދިނެވެ.

"ގާތްގަނޑަކަށް 25-30 ވަރަކަށް މީހުން ޝައުގުވެރިކަން ފާޅުކުރި މި ޕްރޮޖެކްޓްގައި ބައިވެރިވާން. އޭގެ ތެރެއިން ބައެއް ކުދިންނަކީ ނިކަން ގަދަ އަށް ބުލީކޮށްފައިވާ ކުދިން."

ދަ ބިގް ގާލް ޕްރޮޖެކްޓްގެ ދަށުން މިހާތަނަށް ޕްލަސް ސައިޒްގެ ނުވަ އަންހެން ކުދިން ބޭނުންކޮށްގެން ނަގާފައިވާ ފޮޓޯތައް ރިޒްގެ ފޭސްބުކް ޕޭޖުގައި ވަނީ އާންމުކޮށްފަ އެވެ. މި ޕްރޮޖެކްޓްގައި އެންމެ އުމުރުން ދޮށީ 36 އަހަރުގެ އަންހެނެކެވެ. އެންމެ ޒުވާން މޮޑެލްގެ އުމުރަކީ 18 އެވެ.

"މި ޕްރޮޖެކްޓްގައި އަޅުގަނޑަށް މޮޑެލްކޮށްދިން އެއް ކުއްޖަކީ ސްކޫލްގައި އޭނާ އަށް އެހެން ކުދިން ބުލީކުރުމުގެ ސަބަބުން ޑިޕްރެޝަންއަށް ގޮސްގެން އެންމެފަހުން ސްކޫލަށް ދިއުން ވެސް ހުއްޓާލި ކުއްޖެއް،" ޕްރޮޖެކްޓްގައި ބޭނުންކުރި އަންހެން ކުދިންނަށް ކުރެވިފައިވާ ހިތްދަތި ތަޖުރިބާތަކުގެ ވާހަކަތައް ކިޔައިދެމުން ރިޒް ބުންޏެވެ.

އޭނާ ބުނީ ފަލަކޮށް ހުންނަ މީހާ ޖަޖުކޮށް މަލާމާތްކުރުމުގެ ހައްގު އެކަކަށް ވެސް ލިބިގެން ނުވާ ކަމަށެވެ.

"މިސާލަކަށް މީހަކު ފަލަވެފައި ހުރެދާނެ ކޮންމެ ފަދަ ސަބަބަކާ ގުޅިގެން ވެސް. އަންހެނުން އެންމެ ގިނައިން ފަލަވާ މައްސަލައަކީ ޕީސީއޯއެސްއޭ ކިޔާ ސިއްހީ ކަމެއްގެ ސަބަބުން. އެއީ އަންހެނުން ވަރަށް ބޮޑަށް ފަލަކޮށްލަފާނެ މައްސަލައެއް. ޚުދު އަޅުގަނޑަކީ ވެސް އެ މައްސަލަ ހުންނަ އަންހެނެއް،" ޖަޒުބާތުގައި ވާހަކަ ދައްކަމުން ރިޒް ބުންޏެވެ.

"އެހެންވީމަ ފަލައީ ކީއްވެހޭ އަޅުގަނޑު ގާތު ނާހާތި!"

"ކަލޭ ހާދަ ފަލައޭ، ކަލޭ ދަރިއެއް ހޯދާކަށް ނުވޭ ހެއްޔޭ. ފިރިމީހާ ކޮބައި ހެއްޔޭ؟ މި ހުންނަނީ މަގުމަތިން ދިމާވާ މީހާއާ ކުރަން ޖެހޭ ސުވާލުތަކަށް ވުރެ ބޮޑަށް މާ ޒާތީ ސުވާލުތަކެއްހެން އަޅުގަނޑަށް ހީވަނީ."

މިސާލަކަށް އެމީހަކު ފަލައީ ސިއްހީ މައްސަލައެއްގެ ސަބަބުން ކަމަށް ވެދާނެ އެވެ. ދަރިއަކު ނުލިބެނީ ފަލަވީމަ ދިމާވެފައިވާ ސިއްހީ މައްސަލައެއްގެ ސަބަބުން ކަމަށް ވެދާނެ އެވެ. ފިރިމީހާ އޭނާއާ އެކުގައި ނެތީ ވެސް ދިމާވި ސިއްހީ މައްސަލައެއްގެ ސަބަބުން ކަމަށް ވެދާނެ ނޫން ހެއްޔެވެ؟

ރިޒް ގަބޫލުކުރަނީ މިހެންނެވެ. އަދި އޭނާ ބޭނުން ވަނީ މުޖުތަމައުގެ އެހެން މީހުން ވެސް ފަލަ މީހުންނާ މެދު މި ވިސްނުން ގެންގުޅުމަށެވެ.

ޔަގީނަށް ވެސް އޭނާގެ ބިގް ގާލް ޕްރޮޖެކްޓަކީ، ފަލަވުމުގެ ސަބަބުން މުޖުތަމައުން މަލާމާތްކޮށް ލަދުގަންނަވާލާފައިވާ އެތައް ބަޔަކަށް ލިބިގެން ދިޔަ ހިތްވަރެކެވެ. އަދި މިފަދަ މައްސަލަތަކަށް މީހުން ހޭލުންތެރިކުރުމުގެ މާ ގިނަ ކަންތަކެއް ނުކުރެވޭ މި މުޖުތަމައުގައި ތިބި އާންމުންނަށް ހޭލުންތެރިކަމުގެ ޑޯޒެއް ވެސް ދިން މަސައްކަތެއްކަން ޔަގީނެވެ.

ރިޒްގެ މި ޕްރޮޖެކްޓްގައި ނަގާފައިވާ ފޮޓޯތަކަށް ސޯޝަލް މީޑިއާގައި އޮހެމުންދާ ތައުރީފާއި ހިތްވަރުން ވެސް އެކަން ސާބިތުވެ އެވެ.

"މީގެ ފުރަތަމަ ފޮޓޯ އަޅުގަނޑު ފޭސްބުކްގައި ޕޯސްޓްކުރީ ވަރަށް ބިރުން ހުރެ. އެކަމަކު ފެޓް އޭ ކިޔައިގެން އެންމެ ކޮމެންޓެއް ވެސް ނުލިބޭ އެ ފޮޓޯއަކަށް. އެންމެން ވެސް ބުނަމުން ދިޔައީ ހާދަ ރީއްޗޭ. އޯމައިގޯޑް ދެޓް ލޮކޭޝަން، ދެޓް ޑްރެސް، ދެޓް މޭކަޕް ހާދަ ރީއްޗޭ. އެ ކުއްޖާ ހާދަ ރީއްޗޭ،" ރިޒް ކިޔައިދިނެވެ.

"މިއީ މި ޕްރޮޖެކްޓްގެ ބޭނުމަކީ ވެސް. ފަލަ މީހުންނާ މެދު މީހުން ދެކޭ ގޮތް ބަދަލުކޮށް ނެގެޓިވް ތިންކިން ޕޮޒިޓިވް ތިންކިންއަކަށް ބަދަލުކުރުން."

ރިޒް ބުނީ އޭނާގެ މި ޕްރޮޖެކްޓް ކާމިޔާބު ޕްރޮޖެކްޓަކަށް ހެދުމަށް އެންމެފަހުން ޚުދު އޭނާ ވެސް މި ޕްރޮޖެކްޓްގައި މޮޑެލްކުރަން މިހާރު ނިންމާފައިވާ ކަމަށެވެ. އޭނާ ބުނީ އެގޮތަށް ނިންމީ ނިކަން ގާތްއެކުވެރިޔަކަށް ދިމާވި އަދި މިހާރު ވެސް އޭނާ ތަޖުރިބާކުރަން ޖެހިފައިވާ މައްސަލައަކާ ދެކޮޅަށް ޕްރޮޓެސްޓްކުރުމުގެ ބޭނުމުގައި ކަމަށެވެ.

"ފަލަޔަސް ފަލަ ވާހަކަ މި އަށް ވުރެ ރީއްޗަށް ބުނެވިދާނެ ނޫންތޯ ދޯ އަނބިމީހާ ގާތު."

ކޮންމެއަކަސް ރިޒްގެ ހިތުގައި ހުރި އުދާހާއި ޖަޒުބާތުތައް ވަރަށް ވެސް ގިނަ އެވެ. އޭނާ ބުނީ މަގުމަތިން ހިނގާލާފައި ދާއިރު ވެސް ފަލައޭ ކިޔައި މީހުން ދިމާކުރުން މާލޭގެ މަގުމަތީގައި ވެސް އާންމުވެފައިވާ ކަމާއި އެގޮތަށް މީހުންނަށް ފުރައްސާރަކުރާ ބައެއް މީހުން އަންހެން ކުދިންގެ ގަޔަށް އަތްލައި ގޯނާ ކުރާ ހިސާބަށް ވެސް މައްސަލަ މިއަދު ގޯސްވެފައިވާ ކަމަށެވެ.

"މަގުމަތިން ހިނގާފައި ދަނިކޮށް އަޅުގަނޑުގެ ބައެއް ރައްޓެހި އަންހެން ކުދިންގެ އަންހެން ގުނަވަންތަކުގައި ވެސް ފިރިހެނުން އެބަހުރި ހިފައި ބެހިފައި."

މި އުދާސްތަކެއް ބޭރުކުރަމުން ގޮސް ރިޒް ބުނީ ފަލަ މީހާ ފަލަވެގެން ބައެއް މީހުން އެފަދަ މީހުންނަށް މާލާމާތާއި ފުރައްސާރަ އަމާޒުކުރާއިރު ބައެއް މީހުންނަކީ ފަލަވެގެން އެކަމާ އުފާކުރާ މީހުންކަން ވެސް ދަންނަން ޖެހޭނެ ކަމަށެވެ.

"ފަލަވީމަ އެކަމާ ފަހުރުވެރިވާ ނުވަތަ އުފާކުރާ އަންހެނުން ވެސް އުޅޭ. މި ބިގް ގާލް ޕްރޮޖެކްޓްގައި ބައިވެރިވެ ފޮޓޯނެގި އަންހެން ކުއްޖަކު ވެސް އަޅުގަނޑު ގާތު ބުނީ ފަލަވީމަ އެކަމާ އޭނަ ވަރަށް އުފާކުރަމޯ،" ރިޒް ކިޔައިދިނެވެ.

"އޭނަ ބުނަނީ އޭނަ އަށް އޭނާގެ ވެއިޓް ފީލްކުރެވެނީ ވަރަށް ސެކްސީކޮށްނޭ. ހިކިކޮށް ހުރި ވަރަށް ވުރެ ބޮޑަށް މިހާރު ފަލަވެގެން އޭނާ އަށް ލިބުނު އިތުބާރު މާ ބޮޑޭ."

އެހެންވީމަ ފަލަކޮށް ހުންނަ މީހާގެ އިހްސާސް ނޭނގި އޭނާ އަށް މަލާމާތާއި ފުރައްސާރައިން ހަމަލާ ނުދޭށެވެ. ރިޒްގެ ބިގް ގާލް ޕްރޮޖެކްޓްގެ މެސެޖަކީ އަދި އިންޒާރަކީ ވެސް މިއީ އެވެ.

"ފަލަކޮށް ހުންނަ މީހަކު ނުވަތަ ފަލަކޮށް ތިބޭ ބަޔަކު ފެނިގެން އަޅުގަނޑު އެމީހުން ދުވަހަކު ވެސް ޖަޖެއް ނުކުރަން. އެއީ އަޅުގަނޑަށް ވިސްނޭ އެމީހުންގެ ކިބައިގައި އެހެން މައްސަލަތަކެއް ވެސް ހުރެދާނެކަން،" ރިޒް ބުންޏެވެ.

"އަޅުގަނޑުގެ އެކުވެރިންގެ ތެރޭގައި ވެސް ނުތިބޭނެ ފަލައޭ ކިޔާފައި އަނެކަކާ ދިމާކުރާ ބަޔަކު. ސެލޫންގައި އުޅުނުއިރު ވެސް ފަލައޭ ކިޔާފައި ގޮވުން އޮންނާނީ މަނާކޮށްފައި. ހާދަ ރީއްޗޭ ކިޔާފައި އަބަދުވެސް ގްރީޓްކުރާނީ އެންމެންވެސް."

- ބިގް ގާލް ޕްރޮޖެކްޓްގެ ފޮޓޯގްރާފަރުން: ނާވިން ސައީދު، ހައިޝަމް އާގިލް