މެސީ

ސިޓީގެ އެކަކުވެސް މެސީގެ ވާހަކައެއް ނުދައްކާ

ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ، މެންޗެސްޓާ ސިޓީއަށް ބަދަލުވާން އުޅޭ ކަމުގެ އަޑުތައް މީޑިއާއިން ފެތުރި ނަމަވެސް، ސިޓީގެ އެއްވެސް ކުޅުންތެރިޔަކު މެސީގެ ވާހަކަ ނުދައްކާ ކަމަށް އެ ޓީމުގެ ޑިފެންޑަރު އެރިކް ގާސިއާ ބުނެފި އެވެ.

ބާސެލޯނާގެ ޓީމަށް 19 އަހަރު ވަންދެން ކުޅުނު މެސީ ކުލަބު ދޫކޮށްލަން ބޭނުންވާކަން މިދިޔަ އަންގާރަ ދުވަހު އޭނާ ވަނީ އަންގާފަ އެވެ. އާ ކޯޗް ރޮނަލްޑް ކޫމަންގެ އިރުޝާދުގެ ދަށުން ބާސާގެ ޕްރެކްޓިސް ފެށި ނަމަވެސް، ޓީމުގެ ޓްރޭނިންއަށް ވެސް މެސީ ހާޒިރެއް ނުވެ އެވެ.

ސްޕެއިންގެ ގައުމީ ޓީމާއެކު މިވަގުތު ހުރި ގާސިއާ 19، ބުނީ ސިޓީގެ ކުޅުންތެރިންނާއެކު މެސީ ކުޅޭނެ ކަމަށް ހީވާ ކަހަލަ އެއްވެސް ވާހަކައެއް ކުޅުންތެރިންގެ މެދުގައި ނުދައްކާ ކަމަށެވެ.

"ސިޓީިގައި އަހަރެމެންގެ އެއްވެސް ކުޅުންތެރިޔަކު ވާހަކަ އެއް ނުދައްކާ މެސީ ޓީމަށް އަންނަ ވާހަކަ އެއް،" ގާސިއާ ބުންޏެވެ. "އެހެން ނަމަވެސް ކޮންމެ ޓީމެއްވެސް ޝައުގު ވެރިވާނެ އެ ޓީމެއްގައި މެސީ ހުންނަން، މެސީ ޓީމަށް ސޮއި ކުރުވުމާ ނުކުރުވުން އެއީ ކުލަބުގެ ކަމެއް އަހަރެން އެކަންތައްތަކާ ބެހޭގޮތުން ވާހަކަ އެއް ނުދައްކަން."

މެސީ ބަދަލު ވުން އެންމެ ކައިރި ކުލަބަކީ ސިޓީ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އޭނާގެ ކެރިއަރުގައި އެންމެ ކާމިޔާބު އަހަރުތައް ހޭދަ ކުރީ ބާސެލޯނާއަށް ކުރިން ކޯޗް ކޮށްދިން، ސިޓީގެ މިހާރުގެ ކޯޗް ޕެޕް ގާޑިއޯލާ އާއެކު އެވެ. އަލުން ގާޑިއޯލާއާ އެކު މަސައްކަތް ކުރުމަށް މެސީގެ ޝައުގުވެރިކަން ހުރި ކަމަށް ވެސް މީޑީއާ ރިޕޯޓްތައް ބުނެ އެވެ.

ކޮންމެ ސީޒަނެއް ނިމުމަށް ފަހު ހިލޭ ޓްރާންސްފާގައި މެސީއަށް ކުލަބު ދޫކޮށްލުމުގެ އިހްތިޔަރު ލިބެ އެވެ. އެކަން ފުރިހަމަ ވާނީ ޖޫން 10 ގެ ކުރިން އެ ޓްރާންސްފާގެ ހުރިހާ ކަމެއް ނިންމުމުންނެވެ. ކޮންޓްރެކްޓްގައި ފާހަގަ ކުރާ އެ މުއްދަތު އައިރު ފުޓްބޯޅައިގެ ހަރާކްތްތައް އޮތީ ކޮރޯނާ ވައިރަސް އާ ގުޅިގެން މެދުކަނޑާލާފަ އެވެ. ކުރިއަށް ނުގެންދެވިގެން މާޗް މަހު ހުއްޓާލި ލަލީގާ ވެސް ފެށީ ޖޫން 11 ގަ އެވެ. އެހެން ނަމަވެސް މެސީ 33، ވަނީ ޓްރާންސްފާގެ ކަންކަން މިހާރު ފުރިހަމަ ކުރުމުގެ އިހްތިޔާރު ދިނުމަށް ބާސެލޯނާ އަށް ހުށަހަޅާފަ އެވެ. މެސީގެ ގާނޫނީ ޓީމުން ގަބޫލު ކުރަނީ، ވައިރަސް އާ ގުޅިގެން ސީޒަން ދިގުލައިގެން ދިއުމަކީ އިސްތިސްނާ ހާލަތެއް ކަމަށެވެ.

ލަލީގާއިން ވަނީ، ހިލޭ ޓްރާންސްފާގައި ކުލަބު ދޫކޮށް ދިއުމުގެ ފުރުސަތު މެސީއަށް ނެތް ކަމަށއ ބުނެފަ އެވެ. ކުލަބު ދޫކޮށްލަން އޭނާ ބޭނުންވާނަމަ ޓްރާންސްފާ ފީގެ ގޮތުގައި 700 މިލިއަން ޔޫރޯ ދައްކަން ޖެހޭނެ ކަމަށް ލަލީގާއިން ނިންމި އެވެ. އެއީ ބާސެލޯނާ އާއެކު މެސީ ހަދާފައިވާ ކޮންޓްރެކްޓްގައި އޭނާގެ ރިލީޒް ކްލޯސްގެ ގޮތުގައި ހިމަނާފައިވާ އަދަދެވެ.