ކުޅިވަރު

ޓްރައޯރޭ، އޮޔާޒަބަލް ސްޕޭންގެ ޓީމުން ބާކީކޮށްފި

ޒުވާން ދެ ފޯވަޑުން ކަމަށްވާ އެޑަމާ ޓްރައޯރޭ އާއި މިކެލް އޮޔާޒަބަލް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން، ސްޕެއިންގެ ގައުމީ ޓީމުން ބާކީ ކޮށްފި އެވެ.

ސްޕެއިންގެ ޓީމުގެ ހުރިހާ ކުޅުންތެރިން، ޓްރޭނިން ކޭމްޕަށް އައުމުގެ ކުރިން ކޮވިޑަށް ވަނީ ޓެސްޓް ކޮށްފައެވެ. ވޯލްވްސްގެ ފޯވަޑް ޓްރައޯރޭ ކޮވިޑަށް ޕޮޒިޓިވް ވިކަން އެނގުނީ އިއްޔެ ހެދި ޓެސްޓްތަކުންނެވެ. އޭގެ ކުރިން ރެއާލް ސޮސިއެޑާޑް ކެޕްޓަން އޮޔާޒަބަލް ކޮވިޑަށް ޕޮޒިޓިވް ވިކަން ވަނީ އެނގިފަ އެވެ.

ޔޫއެފާ ނޭޝަން ލީގްގައި ޖަރުމަނާއި ޔޫކްރޭން އާ ދެކޮޅަށް ކުޅޭ މެޗުތަކުގައި އެ ދެ ކުޅުންތެރިންނަށް ބައިވެރި ނުވެވޭނެ އެވެ. އޮޔާޒަބަލްގެ ބަދަލުގައި ލީޑްސް ޔުނައިޓެޑަށް ސޮއި ކޮށްފައިވާ ޖެރާޑް މޮރޭނޯ ގައުމީ ޓީމަށް ނެގުމަށް، ސްޕެއިންގެ ކޯޗް ލުއިސް އެންރީކޭ ވަނީ ނިންމާފަ އެވެ. ޓްރައޯރޭގެ ބަދަލުގައި އެހެން ކުޅުންތެރިޔަކު އަދި ޓީމަށް ނަގާފައެއް ނުވެ އެވެ. ޔޫއެފާއިން ނެރެފައިވާ ޕްރަޓަކޯލްގައިވާ ގޮތުން ޓީމާއެކު މިވަގުތު އެއްވެސް މަސައްކަތެއް ޓްރައޯރޭ އާއި އޮޔާޒަބަލްއަކަށް ނުކުރެވޭނެ އެވެ.

ގައުމީ ޓީމާއެކު ނުދެވުމަކީ ޓްރައޯރޭއަށް އިތުރަށް ކުރިމަތިވި މައްސަލަ އެކެވެ. މީގެ ކުރިން އޭނާ ސްޕެއިންގެ ޓީމަށް ނެގީ މިދިޔަ ނޮވެމްބަރު މަހު އެވެ. އެފަހަރު އަނިޔާގެ ސަބަބުން އޭނާ ޖެހުނީ ޓީމުން ވަކި ވާށެވެ.

އޮޔާޒަބަލް އަކީ މިފަހުން ލަރެއާލް (ރެއާލް ސޮސިއެޑާޑް) ގެ ޓީމުން ކޮވިޑަށް ޕޮޒިޓިވް ވި ފަސް ކުޅުންތެރިޔާ އެވެ. އެ ޓީމުން އެންމެ ފަހުން ކޮވިޑަށް ޕޮޒިޓިވް ވީ، ހީލޭ ޓްރާންސްފާއެއްގައި މިދިޔަ މަހު އެ ކުލަބަށް ބަދަލުވި މެންޗެސްޓާ ސިޓީގެ ކުރީގެ މިޑްފީލްޑާ ޑޭވިޑް ސިލްވާ އެވެ. އެ ޓީމުން ކޮވިޑް ކޭސްތައް ފެނުމުން، ޕްރީ ސީޒަންގެ ޓްރޭނިން ކޭމްޕްގައި ޕޯޗްގަލް އަށް ދާން ހަމަޖެއްސި ދަތުރު ވަނީ ކެންސަލް ކޮށްފަ އެވެ.