މާރިޔާ އަހުމަދު ދީދީ

އިންޑިއާ-ރާއްޖެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: މާރިޔާ

ރާއްޖެއާއި އިންޑިއާ ގުޅުމުގެ ފައިދާ ވަރަށް ބޮޑު ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވެފައި ވަނީ ރާއްޖެ އިންޑިއާއަށް މި ސަރުކާރުން ވިއްކާލާފައިވާ ކަމަށް ބުނެ އިދިކޮޅުގެ ފާޑުކިޔުން ވަރަށް ބޮޑުވެފައި ވަނިކޮށެވެ. "އިންޑިއާ އައުޓް" ގެ ނަމުގައި ހާއްސަ ކެންޕެއިނެއްވެސް ސޯޝަލް މީޑިއާގައި ކުރިޔަށް ދެއެވެ. އެ ކަމަށް އިޝާރާތް ކުރައްވާ މިނިސްޓަރު މާރިޔާ ވިދާޅުވީ ރާއްޖެ އިންޑިއާ ގުޅުމަކީ ވަރަށް ފައިދާ ބޮޑު ގުޅުމެއް ކަމަށެވެ. އެގޮތުން އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުންވެސް އެ ގުޅުމުން ބޮޑެތި ފައިދާތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

އިންޑިއާއިން ވެދިން މުހިންމު ބައެއް އެހީތައްވެސް އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

އެއް ކަމަކަށް ފާހަގަ ކުރެއްވީ ނޮވެންބަރު 3، 1988 ގައި ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާއެވެ. މާރިޔާ ވިދާޅުވީ އެ ނުރައްކާތެރި ހަމަލާއިން ރާއްޖެ ސަލާމަތް ކުރުމަށް މެދުވެރިވީވެސް އިންޑިއާގެ އެހީތެރިކަން ލިބިގެންނެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރު މާލެ ސިޓީ ފެނަށްޖެހުމުންވެސް އެހީތެރިވީ އިންޑިއާ ސަރުކާރުން ކަމަށް ވިދާޅުވިއެވެ.

އެކަމަނާ އެ ވިދާޅުވީ ފެން ކުންފުނީގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން މާލެ ފެނަށް ޖެހުނު ހާދިސާ އަށެވެ.

މާރިޔާ ވަނީ ރާއްޖެ އާއި އިންޑިއާ އޮތީ ރައްޔިތުންނަށް އޮޅުވާނުލެވޭނެ ފަދަ ގުޅުމެއް ކަމަށް ވިދާޅުވެ އިންޑިއާއާއި ދެކޮޅު ކެންޕެއިނަށް ރައްދު ދެއްވާފައެވެ.