އެމްއެމްޕީއާރްސީ

"ސޭފް ހޭވަން"ގެ ގޮތު ރާއްޖެ ދައްކަން ވެބިނާތަކެއް

"ސޭފް ހޭވަން" އެއްގެ ގޮތުގައި ރާއްޖެ ދައްކަން އެމްއެމްޕީއާރްސީން "ރީޑިސްކަވާ މޯލްޑިވްސް" ނަމުގައިި ވެބިނާ ސީރީޒެއް ފަށައިފި އެވެ.

ފާޑުކިޔުން އަމާޒުވެފައި އޮންނަ އެމްއެމްޕީއާރްރްސީން ވަނީ މިދިއަ ޖުލައި 15 ގައި އަލުން ބޯޑަރު ހުޅުވުމާ ގުޅިގެން "ރީޑިސްކަވާ މޯލްޑިވްސް" ނަމުގައިި ކެމްޕޭނެއް ލޯންޗުކޮށްފަ އެވެ. ވެބިނާ ސީރީޒް ތަކެއް ފެށީ އެ ކެމްޕޭނުގެ ދަށުންނެވެ.

މި ވެބިނާ ސީރީޒަކީ "ސޭފް ހޭވަން" އެއްގެ ގޮތުގައި ރާއްޖެ ދައްކާ ބަލިމަޑުކަމުގެ ދަނޑިވަޅުގައި ވެސް ޒިޔާރަތް ކުރަން އެންމެ ރައްކާތެރި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރާނެ ސީރީޒެކެވެ. އަދި މިއީ ރާއްޖެއަށް ފަތުރުވެރިން އަންނަ ބޮޑެތި މާކެޓްތަކުގެ ޓްރެވަލް ޓްރޭޑާއި މީޑިއާތަކަށް ހާއްސަ ކުރާނެ ވެބިނާ ތަކެކެވެ.

އެއް މަސް ދުވަހަށް ވެބިނާ ކުރިއަށްގެންދާނެ އެވެ. އެއީ ހަފުތާއަކު އެއް ދުވަހު އެއް ގަޑިއިރަށެވެ.

ރާއްޖޭގައި ކޮވިޑްގެ އަދަދު 8،000 އަށް ވަނީ އަރާފަ އެވެ. ކޮވިޑް ކޭސްތައް އިތުރުވުމާ ގުޅިގެން އިއްޔެ ވަނީ ފަތުރުވެރިން ރާއްޖެ އަންނަ އުސޫލަށް ބަދަލު ގެނެސްފަ އެވެ. ކޮވިޑް ޓެސްޓުން ނެގެޓިވްކަން ޔަގީން ކޮށްފައި ނޫނީ ރާއްޖެއަށް ޓޫރިސްޓުންނަށް ނާދެވޭ ގޮތަށް، ބަދަލު ކުރި އިރު، ރީއޯޕަނިންއަށް ފަހު މިހާތަނަށް އައިސްފައިވަނީ 12،000 ޓޫރިސްޓުންނެވެ.