ރައްކާ ކުރާނެ އެއްޗެއް ނުލިބޭ މައިގަނޑު ސަބަބަކީ ހިސާބަށް ވުރެ ހަރަދުތައް މަތިވުމެވެ. ހިންގުމުގެ ހަރަދު އިންތިހާއަށް މައްޗަށް ދިއުމެވެ. ދިވެހި ދައުލަތާއި ކުންފުނިތަކުގެ މާލީ ރިޕޯޓްތައް ހަޑިވުމުގެ އެއް ސަބަބަކީ "ބޭކާރު" ނުވަތަ "ކުރަން ނުޖެހޭ" ހަރަދު ގިނަވުމެވެ. ހިންގުން ޒަމާނީ ނުކޮށް މުސްކުޅި ގޮތަށް ހިންގަން ހިފުމެވެ. އެކަމަކު ޒަމާނުގެ އޮއެވަރާ އެއްގޮތަށް ހިންގުން ދީލާ ލެވިއްޖެނަމަ ބޮޑު ކާމިޔާބީއެއް ހޯދިދާނެ އެވެ. މީގެ އެއް މިސާލަކީ ސަރުކާރުގެ މައި ކުންފުނި އެސްޓީއޯ އެވެ. އެ ކުންފުނީގެ މިދިޔަ އަހަރުގެ މާލީ ރިޕޯޓް ދައްކާ ގޮތުގައި 2018 ވަނަ އަހަރާއަޅާބަލާއިރު ޖުމްލަ ފައިދާ ވަނީ 13 ޕަސެންޓް އިތުރުކޮށް، ސާފު ފައިދާ އަށް މިދިޔަ އަހަރު ވަނީ 303 މިލިއަން ރުފިޔާ ހޯދާފަ އެވެ. މީގެ ސިއްރަކީ ކޮބައި ހެއްޔެވެ؟
އެ ކުންފުނީގެ މިދިޔަ އަހަރުގެ މާލީ ހިސާބުތައް ބަލައިލުމުން އެނގިގެންދަނީ ހިންގުމުގެ ހަރަދުގެ ތެރެއިން އުނިކުރި ބައިގެ ތެރެއިން ބޮޑު ބައެއް ކަނޑާލާފައިވަނީ ޑިޖިޓަލައިޒޭޝަން އާއި ކަރުދާސް މަދުކުރުން ފަދަ ކަންކަމުން ކަމެވެ.
ކިހާ ކަރުދާހެއް މަދު ކުރި ތަ؟
އެސްޓީއޯ އިން މިދިޔަ އަހަރު އޮންލައިންކޮށް ބޭނުން ކުރެވޭ ގޮތަށް 55،600 އަށްވުރެ ގިނަ ލިޔެކިއުން ބަދަލު ކުރި އެވެ. މިއާއެކު ކަރުދާހާއި ކަރުސާސް ޕްރިޓް ކުރާ ޓޯނަރަށް ކުރާ ހަރަދުން މިލިއަނެއްހާ ރުފިޔާ ވަނީ އުނިކޮށްފަ އެވެ. ދެހާސް އަށާރަ ވަނަ އަހަރު ކަރުދާހާއި ޓޯނަރަށް ހަ މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު ފަހުކޮޅު އެސްޓީއޯ އިން ފެށި ޑިޖިޓަލައިޒޭޝަން ޕްރޮގްރާމުގެ މިހާތަނަށް ބޮޑު ފައިދާއެއް ވަނީ ހޯދާފަ އެވެ. އަދި 2020 ވަނަ އަހަރު ނިމޭއިރު ކަރުދާހާއި ޓޯނަރަށް ކުރެވުނު ޚަރަދު 2018 ވަނަ އަހަރާއަޅާ ބަލާއިރު ދެ ގުނަ ކުޑަވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
މި ބަދަލުން މުވައްޒަފުންނަށް ލުއި ވޭ ތަ؟
މިދިޔަ އަހަރު އެ ކުންފުނިން ގެނެސްފައިވާ މި ބަދަލާއެކު 20،000 އަށްވުރެ ސޮއި ޑިޖިޓަލްކޮށްފައިވެ އެވެ. އަދި ކުންފުނީގެ އެތެރޭގެ މަސައްކަތްތަކުގެ ތެރެއިން 17 ކަމެއް އެކީގައި ޑިޖިޓަލައިޒް ކުރި އެވެ. މިކަންވީ އެއް ޑިޕާޓްމަންޓުން އަނެއް ޑިޕާޓްމަންޓަށް ލިޔެކިޔުންތަކުގައި ސޮއިކުރަން މުވައްޒަފުން ހިނގާ ހިންގުން ހުއްޓުމަކަށް އައުމަށެވެ. އަދި އެއް ރަށުން އަނެއް ރަށަށް ފޮނުވަން ޖެހޭ ލިޔެކިޔުންތައް ފޮނުވުން ވެސް އަވަސް ވެގެން ދިޔަ އެވެ. މި ބަދަލުގެ ސަބަބުން ޕްރިންޓަރު ދޮށުގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަކުރެވި މުވައްޒަފުންގެ ވަގުތުން އެތަށް ތަނެއް ވަނީ ސަލާމަތް ކުރެވިގެން ދިޔަ އެވެ. މީގެ އިތުރުން ވެރިންގެ ސޮއި ހޯދުމަށް ގޭ ދޮށަށް މުވައްޒަފުން ދާން ޖެހޭ ޖެހުމަށްވެސް ނިމުން ގެނެވުނެވެ. މި ނޫން ވެސް އެތައް ކަމަކާއެކު މުވައްޒަފުންނަށް މި ބަދަލުން ލުއި ފަސޭހަ ވެގެންދިޔަ އެވެ،
ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑި އެއް
ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑި ހާސިލް ކުރާ ވާހަކަ ދައްކާ އަޑު އިވުނަސް އެކަން ހާސިލް ވަނީ މަދު ބަޔަކަށެވެ. އެކަމަކު މި ލަނޑު ދަނޑިއަކީ އދ. އިން 2030 ވަނަ އަހަރު އަންނަންވާއިރަށް ފުރިހަމަ ކުރަން ލާޒިމްކޮށްފައިވާ ކަމެކެވެ. އެސްޓީއޯ މިދިޔަ އަހަރު ވަނީ މީގެ ބައެއް ކާމިޔާބުކޮށްފަ އެވެ. އެސްޓީއޯގެ މިހާރުގެ މަސައްކަތް ވަނީ އދ. އިން ކަނޑައަޅާފައިވާ ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑި ހާސިލް ކުރަން ދައުލަތުގެ ކުންފުންޏަކުން ފެނިގެން ދިޔަ އެންމެ ނަމޫނާ އެއް ޕްރޮގްރާމް އަށެވެ. އެ ކުންފުނިން މި ދެއްކި ނަތީޖށާ އިން އދ. އިން ކަނޑައަޅާފައިވާ ޒިންމާދާރުކަމާއެކު އުފެއްދުން ބޭނުން ކުރުމާއި ތިމާވެއްޓަށް ކުރެވޭ މަސައްކަތުގެ ލަނޑުދަނޑި ހާސިލް ކުރަން ފިޔަވަޅަކަށްވި އެވެ.
އެސްޓީއޯ މީގެ ކުރިން ވަނީ އެއް ފަހަރު ބޭނުންކުރުމަށްފަހު އެއްލާލެވޭ ޕްލާސްޓިކްގެ ބާވަތްތައް ވިއްކުން 2019 ވަނަ އަހަރުގެ ކުރީ ކޮޅުން ފެށިގެން ހުއްޓާލާފަ އެވެ. އެ ކުންފުނީގެ ޑިޖިޓަލައިޒް ކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމުން އެތައްހާސް ކަރުދާހެއް ސަލާމަތްކުރެވިގެ ންދާނެ އެވެ. އެ ކުންފުނީގެ މިހާރުގެ މިޝްރާބު ހުރީ މުސްތަގުބަލަށް ބަލާއިރު ކަރުދާސް ފައިލްކޮށް ބޮކްސް ފައިލްތަކަށްލައި ހަރުގަނޑުތަކުގައި ގުދަންކުރަން ގެއްލާ ޖާގަ ސަލާމަތް ކުރުމަށެވެ. ކަރުދާސް މަދުކޮށް އެސްޓީއޯ ޑިޖިޓަލް ދުނިޔެ އަށް ދަތުރު ކުރުމުގެ މަގުސަދަކީ މި އެވެ.