ހަބަރު

ނުގަވައިދުން ބިދޭސީން ގެންގުޅޭ މަސްދޯނިތައް ޖޫރިމަނާ ކުރަނީ

Sep 2, 2020
2

މަސްވެރިކަން ކުރާ އުޅަނދުފަހަރުގައި ގަވާއިދާ ހިލާފަށް ބިދޭސީން ގެންގުޅޭނަމަ 5،000 ރުފިޔާއިން ޖޫރިމަނާއެއް ހިމަނައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން އާންމު ކޮށްފައިވާ މަސްވެރިކަމުގެ އާއްމު ގަވާއިދު ގައިވާ ގޮތުން، މަސްވެރިކަން ކުރާ އުޅަނދުތަކުގައި ބިދޭސީންނަށް ހަރަކާތްތެރި ވެވޭނީ، އެ ކަމާ ގުޅޭ ގޮތުން ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން ކަނޑައަޅައިފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ވަކި އުޅަނދެއްގައި އެ މަސައްކަތް ކުރުމަށް ވޯކްޕާމިޓް ލިބިގެން ކަމަށް ވަނީ ބަޔާންކޮށްފަ އެވެ.

އަދި މިފަދަ ޕާމިޓާއި ނުލާ އުޅަނދު ފަހަރުގައި ބިދޭސީން ގެންގުޅޭނަމަ މަސްވެރިކަން ކުރުމުގައި ގަވާއިދާ ހިލާފުވެފައިވާކަމަށް ކަނޑައަޅާ، ނުގަވައިދުން ގެންގުޅޭ ކޮންމެ ބިދޭސީއަކަށް 5،000 ރުފިޔާގެ މަގުން ޖޫރިމަނާކުރާކަމަށް ބުނެފައިވެ އެވެ.

އޭގެ އިތުރުންވެސް، މި ގަވާއިދުގެ ދަށުން މަސްވެރިކަމުގެ ގާނޫނުގައި ކަނޑައަޅާފައިވާ މަނާ ކަންކަން ކުރާ ފަރާތްތަކަށް ބޮޑެތި ޖޫރިމަނާތަކެއް ވަނީ ކަނޑައަޅައިފަ އެވެ.

މިގޮތުން، ބޮޑު ދަލު، އޮޔާދާ ދަލު އަދި ދަމާ ދަލުގެ މަސްވެރިކަން ކުރާނަމަ ހަތަރު ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމާއި، ގޮވާ އެއްޗެއް ނުވަތަ ވިހައެއް ބޭނުންކޮށްގެން މަސްވެރިކަން ކުރާނަމަ އެއް ލައްކަ ރުފިޔާގެ ޖުރިމަނާއެއް ވަނީ ހިމަނައިފަ އެވެ.

އަދި ފީނުމުގެ ސެޓްފިކެޓުނެތް ފަރާތެއް އެފަދަ ހަރަކާތެއްގައި ބައިވެރިވެއްޖެނަމަ 5،000 ރުފިޔާގެ ޖޫރިމަނާއެއް ކަނޑައަޅާފައިވާއިރު، އެ ފަދަ ކަމަކުން މީހެއްގެ ފުރާނައަށް ގެއްލުންވެއްޖެނަމަ އެއް ލައްކަ ރުފިޔާގެ ޖޫރިމަނާއަކާއެކު ޖިނާއީ ތަހުގީގެއް ކުރުމަށް އެދުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވެ އެވެ.

މިދިއަ އަހަރުގެ ސެޕްޓެމްބަރު މަހު ވުޖޫދުވި މަސްވެރިކަމުގެ އާ ގާނޫނުގައި ބުނާ ގޮތުން އެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް ހަ މަސް ދުވަހުގެ ތެރޭގައި ނިންމައި ޝާއިއު ކުރަން ޖެހެ އެވެ.

ނަމަވެސް، އެ ގަވައިދުތައް ހެދުން ލަސްވެގެން، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު މަސްއޫލިއްޔަތު އަދާ ކުރައްވާފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމިޓީން ކަނޑައެޅި އެވެ.