ރެއާލް މެޑްރިޑް

ރެއާލްއިން ވަނީ ކަންކަން އުނދަގޫ ކޮށްފައި: ބޭލް

ރެއާލް މެޑްރިޑް ދޫކޮށްލަން އޭނާ ބޭނުން ވިޔަސް، އެ ކުލަބުން އެ ކަންކަން އުނދަގޫ ކޮށްފައިވާ ކަމަށް އެ ޓީމުގެ ފޯވަޑް ގެރެތު ބޭލް ތުހުމަތު ކޮށްފި އެވެ

ރެއާލް އާއެކު 2022 ވަނަ އަހަރަށް ކޮންޓްރެކްޓް ހަދާފައިވާ ބޭލް، ބުނީ ޕްރިމިއާ ލީގް ކުލަބަކުން ހުށަހެޅުމެއް ލިބިއްޖެނަމަ ބަދަލުވާން މަސައްކަތް ކުރާނެ ކަމަށެވެ. އެހެން ނަމަވެސް އެކަން އޮތީ ރެއާލްގެ އަތް މަތީގައި ކަމަށެވެ.

ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުގައި މެންޗެސްޓާ ސިޓީ އާ ދެކޮޅަށް ކުޅުނު މެޗަށް ރެއާލްގެ ޓީމާ އެކު ބޭލް މެންޗެސްޓާއަށް ދަތުރު ނުކުރެ އެވެ. ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން ތުހުމަތު ކޮށްފައި ވަނީ ބޭލް ޓީމާއެކު ނުދިޔައީ އޭނާގެ އަމިއްލަ ނިންމުމަކުން ކަމަށެވެ.

ކޮރޯނާ ވައިރަސް އާ ގުޅިގެން ތިން މަސް ދުވަހަށް ފުޓްބޯޅަ މެދުކަނޑާލައި އަލުން ކުޅުނު 12 މެޗުގެ ތެރެއިން ޒިދާންގެ ޓީމުން ބޭލްއަށް ފުރުސަތު ދިނީ ހަމައެކަނި 48 މިނެޓަށެވެ.

މިދިޔަ އަހަރު ޗައިނާގެ ސުޕަ ލީގަށް ބަދަލުވުމާ ވަރަށް ކައިރިއަށް ބޭލް ދިޔަ އެވެ. ބޭލްގެ އެ ޓްރާންސްފާ ރެއާލްއިން މަޑުޖައްސާލީ އެންމެ ފަހު ވަގުތުގަ އެވެ. އޭރު ޒިދާން ވެސް ބުނެފައި ވަނީ ބޭލް ކުލަބު ދޫކޮށްލަން ހަމަޖެހިފައިވާ ކަމަށެވެ. ބޭލް ބުނީ ޗައިނާގެ ހުށަހެޅުންވީ އޭނާވެސް ވަރަށް ޝައުގުވެރިވި ޕްރޮޖެކްޓަކަށް ކަމަށެވެ.

"އެހެން ފުރުސަތުތައްވެސް ލިބުނު އަހަރެމެން މަސައްކަތް ކުރިން އެ ފުރުސަތުތަކުގެވެސް ބޭނުން ހިފޭތޯ، ނަމަވެސް ކުލަބުން އެކަމަށް ފުރުސަތެއް ނުދޭ، ނުވަތަ ކުލަބުން ކޮންމެވެސް އެހެން ކަމެއް ކުރޭ، އަހަންނަށް ކުރެވޭނެ ކަމެއް ނެތް، ކުލަބާއެކު އަހަރެންގެ ކޮންޓްރެކްޓް އެބައޮތް."

"އަހަންނަށް ކުރެވޭނެ ހަމައެކަނި ކަމަކީ، އަހަރެން ކުރަމުންދާ ކަންކަން ކުރުން، އެހެންނަމަވެސް އެހެން ހުށަހެޅުމެއް އައިޔާ އަހަރެން މަސައްކަތް ކުރާނަން، ނަމަވެސް އަހަރެން ބުނިހެން އެކަން އޮތީ ކުލަބު [ރެއާލް މެޑްރިޑް] ގެ އަތުގައި، ތެދަށް ބުނަންޏާ އެމީހުން ކަންކަން ވަރަށް އުނދަގޫ ކުރޭ."