މެސީ

ބާސާއާއެކު ކުރިއަށްދާން އުނދަގޫ: މެސީ ބައްޕަ

ބާސެލޯނާއާއެކު އަލުން ކުރިއަށް ދާން އޭނާގެ ދަރިފުޅަށް އުނދަގޫ ވެއްޖެ ކަމަށް، ލިއޮނެލް މެސީގެ ބައްޕަ ޖޯޖް މެސީ ބުނެފި އެވެ.

މެސީގެ އެޖެންޓްކަން ވެސް ކުރާ ޖޯޖް ވަނީ އިއްޔެ ސްޕެއިނަށް ގޮސް ބާސާގެ މެނޭޖްމެންޓާ ބައްދަލު ކޮށްފަ އެވެ. ކުލަބު ދޫކޮށްލަން މެސީ ބޭނުން ވާކަން ހާމަ ކުރިތާ މިހާރު ނުވަ ދުވަސް ވީއެވެ. އެކަމުގައި ކުރިއެރުމެއް ނުލިބެ އެވެ. މެސީގެ ހުށަހެޅުމަށް އެއްބާރުލުން ލިބޭތޯ ޖޯޖް ކުރި މަސައްކަތަށް ވެސް ކާމިޔާބެއް ނުލިބުނެވެ. ބާސާގެ ވެރިން ޖޯޖް ގާތު ވިދާޅުވެފައި ވަނީ، މެސީގެ ކޮންޓްރެކްޓް އާ ކުރުމުގެ ވާހަކަތަކަށް ކުލަބް ތައްޔާރަށް އޮތް ކަމަށެވެ. އަދި ކުލަބު ދޫކޮށްލުމުގެ ވާހަކަ ދައްކަން ބާސާއިން ބޭނުން ނުވާކަމަށް ވެސް ޖޯޖް ގާތު ބާސާގެ ވެރިން ވިދާޅުވެފައި ވެއެވެ.

ބާސެލޯނާގެ އެއާޕޯޓުން ޖޯޖްއާ ނޫސްވެރިން ސުވާލު ކުރި އެވެ. އޭނާ ބުނީ އެއްވެސް ކަމެއް އޭނާއަށް ނޭންގޭ ކަމަށެވެ. އަދި މެސީއަށް ބާސާ އާއެކު ކުރިއަށް ދިއުން ދަތި ވެފައިވާ ކަމަށެވެ. ޖޯޖް ބުނީ މެންޗެސްޓާ ސިޓީއާ ވެސް އަދި އެ ޓީމުގެ ކޯޗް ޕެޕް ގާޑިއޯލާ އާ ވެސް އޭނާ ވާހަކަ ނުދައްކާ ކަމަށެވެ.

"އަހަންނަކަށް ނޭނގެ، އަހަންނަށް އެއްވެސް އެއްޗެއް ނޭނގޭ،" މެސީ ބާސާ ދޫކޮށްލަނީތޯ ސުވާލު ކުރުމުން ނޫސްވެރިންގެ ސުވާލުތަކުން ރެކެން މަސައްކަތް ކުރި ޖޯޖް ބުންޏެވެ. މެސީ ބާސާގައި ދެމިހުރުމާ މެދު އޮތް ފުރުސަތަކީ ކޮބައިތޯ ސުވާލު ކުރުމުން ޖޯޖް ބުނީ "އުނދަގޫ ވަރަށް އުނދަގޫ." ކަމަށެވެ.

މެންޗެސްޓާ ސިޓީ އާ ވާހަކަ ދައްކަންތޯ އަދި ސިޓީ އަކީ މެސީއަށް އެންމެ ރަނގަޅު ފުރުސަތުތޯ ސުވާލު ކުރުމުން ޖޯޖް ބޫނީ މީހެންނެވެ.

"އަހަންނަކަށް ނޭނގެ، ޕެޕް [ގާޑިއޯލާ] އާ އަހަރެން ވާހަކަ ނުދައްކަން، އަހަރެން އެއްވެސް މީހަކާ ވާހައެއް ނުދައްކަން."

ކޮންމެ ސީޒަނެއް ނިމުމަށް ފަހު ހިލޭ ޓްރާންސްފާގައި މެސީއަށް ކުލަބު ދޫކޮށްލުމުގެ އިހްތިޔާރު ލިބެ އެވެ. އެކަން ފުރިހަމަ ވާނީ ޖޫން 10 ގެ ކުރިން އެ ޓްރާންސްފާގެ ހުރިހާ ކަމެއް ނިންމުމުންނެވެ. ކޮންޓްރެކްޓްގައި ފާހަގަ ކުރާ އެ މުއްދަތު އައިރު ފުޓްބޯޅައިގެ ހަރާކްތްތައް އޮތީ ކޮރޯނާ ވައިރަސް އާ ގުޅިގެން މެދުކަނޑާލާފަ އެވެ. ކުރިއަށް ނުގެންދެވިގެން މާޗް މަހު ހުއްޓާލި ލަލީގާ ވެސް ފެށީ ޖޫން 11 ގަ އެވެ. އެހެން ނަމަވެސް މެސީ 33، ވަނީ ޓްރާންސްފާގެ ކަންކަން މިހާރު ފުރިހަމަ ކުރުމުގެ އިހްތިޔާރު ދިނުމަށް ބާސެލޯނާ އަށް ހުށަހަޅާފަ އެވެ. މެސީގެ ގާނޫނީ ޓީމުން ގަބޫލު ކުރަނީ، ވައިރަސް އާ ގުޅިގެން ސީޒަން ދިގުލައިގެން ދިއުމަކީ އިސްތިސްނާ ހާލަތެއް ކަމަށެވެ.

ލަލީގާއިން ވަނީ، ހިލޭ ޓްރާންސްފާގައި ކުލަބު ދޫކޮށް ދިއުމުގެ ފުރުސަތު މެސީއަށް ނެތް ކަމަށް ބުނެފަ އެވެ. ކުލަބު ދޫކޮށްލަން އޭނާ ބޭނުންވާނަމަ ޓްރާންސްފާ ފީގެ ގޮތުގައި 700 މިލިއަން ޔޫރޯ ދައްކަން ޖެހޭނެ ކަމަށް ލަލީގާއިން ނިންމި އެވެ. އެއީ ބާސެލޯނާ އާއެކު މެސީ ހަދާފައިވާ ކޮންޓްރެކްޓްގައި އޭނާގެ ރިލީޒް ކްލޯސްގެ ގޮތުގައި ހިމަނާފައިވާ އަދަދެވެ