އެންސްޕާ

ހިދުމަތް ފުޅާ ކުރަން އެންސްޕާއިން ހޮޓްލައިނެއް ތައާރަފުކޮށްފި

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖަންސީ (އެންސްޕާ) ގެ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް ހޮޓްލައިން ނަމްބަރެއް ތައާރަފުކޮށްފި އެވެ.

އެންސްޕާގެ ހަތް ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެންސްޕާ ހޮޓްލައިން ނަމްބަރު އިފްތިތާހު ކޮށްދެއްވީ ހަފްލާ ޝަރަފުވެރިކޮށްދެއްވި ޔޫތު މިނިސްޓަރު އަހުމަދު ޒުހޫރު އެވެ.

އެންސްޕާ ހޮޓްލައިން ނަމްބަރަކީ 3321409 އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޒުހޫރު ވިދާޅުވީ އެންސްޕާ އަކީ އަބަދުވެސް އެހީތެރި ކަމަށް ބޭނުންވާ ފަރާތްތަކަށް ހަގީގީ އެހީތެރިކަން ފޯރުކޮށް ދިނުމުގައި މުހިންމު ރޯލެއް އަދާ ކުރާ ބައެއް ކަމަށެވެ. އެގޮތުން މިރޭ ތައާރަފު ކުރި ހޮޓްލައިން ނަމްބަރު ވެގެންދާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ވީހާވެސް އަވަސް ހިދުމަތް ފޯރުކޮށްދެވުމަށް މަގުފަހި ވެގެންދާނެ ނަމްބަރަކަށް ކަމަށެވެ.

"އެންސްޕާ އަކީ އެހީތެރިކަން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި މުހިންމު ރޯލެއް އަދާ ކުރާ ބައެއް. އަދި މިރޭ މި ތާއާރަފު ކުރި ހޮޓްލައިންގެ ސަބަބުން ހިދުމަތް އިތުރަށް އަވަސް ވެގެން ދާނެ،" ޒުހޫރު ވިދާޅުވި އެވެ.

އެންސްޕާގެ ހަތް ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ވަނީ އެންސްޕާގައި މަސައްކަތް ކުރާ މުވައްޒިފުން އެކި ރޮންގުން ހޯދައިފާވާ ކާމިޔާބީތަށް އަގު ވަޒަން ކުރުމުގެ ގޮތުން ހަނދާނީ ލިޔުން ދިނުން ވެސް މިރޭ އޮތެެވެ. އެގޮތުން ކަރަންޓް ސަބްސިޑީ ރީރަޖިސްޓްރޭޝަން މަސައްކަތް ކުރެއްވި މުވައްޒިފުންނަށް ސެޓުފިކެޓް ދިނުމާއި އެންސްޕާގެ މުވައްޒިފުންގެ ތެރެއިން މުޅި އަހަރު އެންމެ ގަޑިޔަށް ފަރުވާތެރިވި މުވައްޒިފުންނާއި ސަލާމް މަދު މުވައްޒިފުންނަށް ހަނދާނީ ލިޔުން ދިނެވެ.

އެންސްޕާ އަކީ ހުސްނުވާ އާސަންދާ އާއި ބެޔަސް ނުބެޔަސް، މެޑިކަލް ވެލްފެއާ އެހީ، ނުކުޅެދުން ތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސް އަދި ކަރަންޓް ސަބްސިޑީގެ ހިދުމަތް ފަދަ ހިދުމަތްތަށް ދެމުންގެންދާ މުއައްސާއެވެ.