ބަޔާން މިޔުނިކްގައި ކާމިޔާބު ސީޒަނެއް ހޭދަ ކުރުމަށް ފަހު، ބްރެޒިލްގެ ފޯވަޑް ފިލިޕޭ ކުޓީނިއޯ އަލުން ބާސާއާ ގުޅިއްޖެ އެވެ.
ލޯން އުސޫލުން މިދިޔަ ސީޒަންގައި ބަޔާންގައި ހޭދަ ކުރި، ކުޓީނިއޯ ވަނީ އެ ޓީމާއެކު ސީޒަންގެ ތިން ތަށި ހޯދާފަ އެވެ. ބާސާއަށް ނާކމިޔާބު ސީޒަނަކަށް ވިޔަސް، ބަޔާންގައި ކުޓީނިއޯ ހޭދަ ކުރީ ކާމިޔާބު ސީޒަނެވެ. މިދިޔަ ސީޒަނަކީ އޭނާގެ ކެރިއަރުގައި ތިން ތަށި ހޯދި ފުރަތަމަ ސީޒަނެވެ.
ޗެމްޕިއަންސް ލީގް ބަޔާނަށް ކާމިޔާބު ކޮށްދިނުމުގައި ކުޓީނިއޯ މުހިންމު ދައުރެއް އަދާ ކުރި އެވެ. ކްއާޓާ ފައިނަލުގައި 8-2 ން ބާސާ ބަލި ކުރި މެޗުގައި ކުޓީނިއޯ ވަނީ ބަޔާނަށް ދެ ލަނޑު ޖަހައިދިފަ އެވެ.
ބަޔާންގެ ސީއޯއޯ ކާލް ހެންޒް ރުމޭނިގޭ ވިދާޅުވީ ކުޓީނިއޯގެ ކްރިއޭޓިވިޓީގެ ސަބަބުން ބަޔާނަށް ގިނަ ފައިދާތަކެއް ކުރި ކަމަށެވެ.
"ބާސާއާ ދެކޮޅަށް ކުޅުނު މެޗުގައި ކުޓީނިއޯގެ އަސަރު ފެނިފައި އަހަރެމެންނަށް އިހްސާސް ކުރެވުނު ލޯން އުސޫލުން އޭނާ މި ޓީމަށް ސޮއި ކުރުވުމަކީ އަހަރެމެންނަށް ކުރެވުނު ވަރަށް ރަނގަޅު ކަމެއް ކަން."
އަނިޔާގެ ސަބަބުން، ބަޔާން އަށް ކުޓީނިއޯގެ ބޭނުން އެހާ ރަނގަޅަށް ނުހިފުނެވެ. އޭނާ މުޅިން ފިޓްވީ ސީޒަން ފަހު ކޮޅުގަ އެވެ. ބާސާއަށް އޭނާ ބަދަލު ވާއިރު އެއް އަހަރު ތެރޭ އެ ޓީމުން ވަނީ ދެ ވަނަ ފަހަރަށް ކޯޗް ބަދަލު ކޮށްފަ އެވެ. ބާސާގެ އާ ކޯޗް ރޮނަލްޑް ކޫމަންގެ ޕްލޭންގައި ކުޓީނިއޯ ނުހިމެނޭ ކަމަކަށް އަންގާފައެއް ނުވެ އެވެ. ކޫމަންގެ ޕްލޭންގައި ނުހިމެނޭ ކުޅުންތެރިން ކަމަށްވާ، ލުއިސް ސުއަރޭޒް އާޓޫރޯ ވިޑާލް އަދި އީވާން ރަކިޓިޗްއަށް އޭނާ ވަނީ އެކަން އަންގާފަ އެވެ. ރަކިޓިޗް މިހާރު ވަނީ ސެވިއްޔާއަށް ބަދަލު ވެފަ އެވެ.