ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އުމަރު ރައްގާޒާއެކު މިއަދު ބޭއްވެވި ބައްދަލްވުމަށް ފަހު ލަންކާގެ ޔޫތު މިނިސްޓަރު ނަމަލް ރާޖަޕަކްސާ ދިވެހި ބަހުން ޓްވީޓެއް ކުރައްވައިފި އެވެ.
މިއަދުގެ ބައްދަލްވުމާއި ގުޅޭގޮތުން ނަމަލް ވިދާޅުވީ ކުޅިވަރާއި ޒުވާނުންގެ ދާއިރާއިން ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.
"ރާއްޖެ އަދި ލަންކާއަކީ ގާތް އެކުވެރި ދެ ގައުމު،" ދިވެހި ބަހުން ނަމަލް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ނަމަލް އަކީ ރާއްޖެއާއި ހާއްސަ ގުޅުންތަކެއް ބާއްވަވާ ބޭފުޅެކެވެ. ރާއްޖޭގެ ސިޔާސީ ދާއިރާގެ އެކި ބޭފުޅުންނާއި ނަމަލްއާއި ހާއްސަ ގުޅުންތަކެއް އޮވެއެވެ.
މިދިޔަ މަހުގެ ހަތްވަނަ ދުވަހު ސްރީލަންކާގައި ބޭއްވި އާންމު އިންތިހާބުގައި ނަމާލް ރާޖަޕަކްސަ ވަނީ ތާރީހީ ކާމިޔާބެއް ހޯއްދަވާފައެވެ. އިންތިހާބުގައި ނަމަލް ވަނީ 166090 ވޯޓް ހޯއްދަވާފަ އެވެ. ލަންކާގެ ނޫސްތަކުން ބުނާ ގޮތުގައި މިއީ ލަންކާގެ ތާރީހުގައި ވެސް އާންމު އިންތިހާބެއްގައި ކެންޑިޑޭޓަކު ހޯދި އެންމެ ބޮޑު ކާމިޔާބެވެ. އަދި މިއީ ލަންކާގެ ތާރީހުގައި ވެސް ސިޔާސީ ލީޑަރަކަށް ލިބިވަޑައިގެންނެވި އެންމެ ގިނައިން ވޯޓް ލިބުނު ފަހަރެވެ.
ލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި ނަމާލް ތަމްސީލް ކުރައްވަނީ އާއިލާ ނިސްބަތްވާ ހަމްބަންޓޯޓާ އެވެ.
ލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ބޭފުޅުންގެ ތެރެއިން ލަންކާގައި އެންމެ މަގުބޫލީ ނަމާލްއެވެ. ނަމާލް އަކީ ލަންކާގެ ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލް ބޭފުޅެކެވެ.
އަދި ޒުވާން ސިޔާސީ ޝަހުސިއްޔަތުންގެ ތެރެއިން މިވަގުތު ލަންކާގައި އެންމެ ނުފޫޒުގަދަ ބޭފުޅަކީވެސް އޭނާއެވެ.