ސިވިލްސާވިސް ކޮމިޝަން

ސީއެސްސީއަށް ހަތަރު މެންބަރުން އައްޔަން ކޮށްފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހުސްވެފައިވާ ހަތަރު މެންބަރު ކަމުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ލިބިވަޑައިގެންނެވި ހަތަރު ބޭފުޅުން އެ މަގާމުތަކަށް އައްޔަން ކޮށްފި އެވެ.

ސީއެސްސީއަށް އައްޔަން ކުރައްވާފައިވާ ހަތަރު ބޭފުޅުންނަކީ ގދ. ތިނަދޫ މާކޯޅި، ފާތިމަތު ޝަރީފް އާއި ރ. މީދޫ ބްލެކް، އިބްރާހީމް ރަޝީދު އާއި ހ. ޓޫހާޓްސް، މުހައްމަދު ފަރުސަތު އާއި މ. ފަލްކަންގެ، މުހައްމަދު ނާސިހު އެވެ.

ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރެއްވުމުގެ ކުރިން މި ހަތަރު ބޭފުޅުން ވެސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. އެ މެންބަރުންނަށް ހުވައި ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދެވެ.

ސީއެސްސީގެ ހަތަރު މެންބަރުންގެ މަގާމު ހުސްވެގެން ދިޔައީ އެ ކޮމިޝަންގެ ރައީސް ކަމުގައި ހުންނެވި ޑރ. އަލީ ޝަމީމާއި، ނައިބު ރައީސް ކަމުގައި ހުންނެވި ޝަހީދު މުހައްމަދު އާއި، މެންބަރު ކަމުގައި ހުންނެވި ޒަކަރިއްޔާ ހުސައިން އިސްތިއުފާ ދެއްވުމުންނާއި މެންބަރު ކަން ކުރެއްވި އިބްރާހިމް ޝަހީގު ވަކިކުރަން މަޖިލީހުން ފާސްކުރުމުންނެވެ.

މިއަދު މެންބަރުން އައްޔަން ކުރެއްވުމާއި ހަމައަށް ސީއެސްސީގައި އިންނެވީ މެންބަރު ފާތިމަތު އާމިރާ އެކަންޏެވެ. އާމިރާ އަކީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ ބޮޑު ދައިތަ އެވެ. ކޮމިޓީން އާމިރާގެ މައްސަލަ ބެލި ނަމަވެސް ނިންމީ ވަކިނުކުރުމަށެވެ. އެ ކަމުގައި ރޮޒައިނާ ބައިވެރިއެއް ނުވެ އެވެ.