ހަބަރު

ރައީސް ސޯލިހުގެ ހަށިކޮޅުގައި ހުޅުޖަހަން ބުނި މައްސަލައެއް ބަލަނީ

ޗެނެލް 13 އިން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅުގައި ހުޅުޖަހަންޖެހޭ ކަމަށްބުނި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ޗެނެލް 13 އިން ގެނެސްދޭ "ރައްޔިތުންގެ އަޑު" ޕްރޮގްރާމްގައި ބައިވެރިވެ ވާހަކަ ދެއްކި މީހަކު ވަނީ ރައީސް ސޯލިހުގެ ހަށިކޮޅުގައި މިހާރުން މިހާރަށް ހުޅުޖަހަންޖެހޭ ކަމަށް ބުނެފަ އެވެ. އެމީހާ އެހެން ބުނާ ވީޑިއޯ ސޯޝަލް މީޑިއާގައި ވައިރަލްވެ ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށް އެއީ ޓެރަރިޒމަށް ހިތްވަރު ދޭ ކަމަށްބުނެ ފިޔަވަޅު އެޅުމަށް ގޮވާލާފަ އެވެ.

މި މައްސަލަ އާއި ގުޅިގެން ފުލުހުން ބުނީ ޓީވީ ޗެނަލް އަކުން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސް ސޯލިހުގެ ހަށިކޮޅުގައި ހުޅުޖެހުމަށް ގޮވާލާފައިވާ މައްސަލައެއް އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެހެން ކަމުން އެކަމާގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

މި ކަމާގުޅިގެން ޗެނެލް 13 އަށް ފާދު ކިޔުން އަމާޒުވެ އެ ޗެނަލުން ވަނީ ބެލުންތެރިންގެ ކިބައިން މައާފަށް އެދިފަ އެވެ. އަދި އެމީހާ އެހެން ބުނުމާއެކު ވަގުތުން ފޯނު ކަނޑާލާފައިވާ ކަމަށާއި އެ ޗެނަލަކީ އަނިޔާވެރިކަމަށް ހިތްވަރުދޭ ޗެނަލެއް ނޫން ކަމަށް ވަނީ ބުނެފަ އެވެ.