ކުޅިވަރު

އިޓަލީ އެއްވަރު، ހޮލެންޑް މޮޅު ވެއްޖެ

ޔޫއެފާ ނޭޝަން ލީގްގައި، އެންމެ ފަހުގެ ރަނަރަފް ހޮލެންޑުން، ޕޮލެންޑާ ދެކޮޅަށް ކުޅުނު މެޗުން 1-0 ން މޮޅުވެއްޖެ އެވެ.

ހޮލެންޑްގެ ގައުމީ ޓީމު ކޯޗް ކަމުން ރޮނަލްޑް ކޫމަން އިސްތިއުފާ ދިން ފަހުން ކުޅުނު ފުރަތަމަ މެޗުގައި، ޓީމަށް އިރުޝާދު ދިނީ، ކޫމަންގެ ކުރީގެ އެސިސްޓެންޓް ކޯޗް ޑްވައިޓް ލޯޑެވެގެސް އެވެ. މެޗުގައި ހޮލެންޑްގެ ހަމަ އެކަނި ލަނޑު ކަމިޔާބު ކުރީ ޓޮޓެންހަމް ހޮޓްސްޕާސްގެ ވިންގާ ސްޓިވަން ބާގްވިން އެވެ. އެއީ ގައުމީ ޓީމަށް އޭނާ ޖަހައިދިން ފުރަތަމަ ލަނޑެވެ.

ޕޮލެންޑް ކުޅުނީ އެ ޓީމުގެ ކެޕްޓަން ރޮބަޓް ލެވަންޑޮސްކީ ނުހިމަނަ އެވެ. ޔޫއެފާ ޗެމްޕިއަންސް ލީގް ބަޔާން މިޔުނިކަށް ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާ ކުރި ލެވަންޑޮސްކީއަށް ލަހުން ސީޒަން ނިމުމުން، އޭނާއަށް ވަނީ އަރާމު ކުރަން އިތުރު ވަގުތު ދީފަ އެވެ.

ބޮސްނިއާ ހާޒެގޮވީނާ އާ ދެކޮޅަށް ކުޅުނު މެޗުން އިޓަލީ އެއްވަރުވީ 1-1 ންނެވެ. މެޗުގައި ފުރަތަމަ ލީޑް ނެގީ ބޮސްނިއާއިންނެވެ. އެ ޓީމުގެ ލަނޑު އެޑެން ޒެކޯ ކާމިޔާބު ކުރީ 57 ވަނަ މިނެޓްގަ އެވެ. އޭގެ 10 މިނެޓް ފަހުން ލޮރެންޒޯ އިންސީނިއާ ތަނަވަސް ކޮށްދިން ފުރުސަތަކުން އިޓަލީއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ސްޓެފާނޯ ސެންސީ އެވެ.

ނޭޝަން ލީގްގެ ލީގް އޭ ގައި މިރޭ ވަރުގަދަ މެޗުތަކެއް ކުޅެން ވަނީ ހަމަޖެހިފަ އެވެ. އެންމެ ފަހުގެ ޗެމްޕިއަން ޕޯޗްގަލް އާއި ކްރޮއޭޝިއާ، ފްރާންސް ސްވިޑެން، އައިސްލޭންޑާއި އިންގްލެންޑް އަދި ޑެންމާކާއި ބެލްޖިއަމް މިރޭ ކުޅޭނެ އެވެ.