ބާސެލޯނާ

ޑީޕޭ ބާސާއަށް ސޮއިކުރުވަން ކޫމަން އެދިއްޖެ

އޮލިމްޕިކް ލިޔޯން އަށް ކުޅެމުންގެންދާ، ހޮލެންޑްގެ މެންފިސް ޑީޕޭ، ބާސެލޯނާ އަށް ސޮއި ކުރުވަން އެ ޓީމުގެ ކޯޗް ރޮނަލްޑް ކޫމަން އެދިއްޖެ އެވެ.

މެންޗެސްޓާ ޔުނައިޓެޑަށް ކުރިން ކުޅުނު ޑީޕޭ އަށް، ހޮލެންޑްގެ ގައުމީ ޓީމުގައި ކޫމަން ވަނީ ކޯޗް ކޮށްދީފަ އެވެ. ބާސާގެ ކެޕްޓަން ލިއޮނެލް މެސީ ޓީމުގައި މަޑުކުރަން ނިންމި ނަމަވެސް ފޯވަޑްލައިން އިތުރަށް ވަރުގަދަ ކުރަން ކޫމަން ގެންނަން ބޭނުންވާ ކުޅުންތެރިޔަކީ ޑީޕޭ އެވެ. އޭނާ އަކީ ސްޓައިކަރުގެ ރޯލލްވެސް އަދާ ކުރެވޭ ކުޅުންތެރިޔެކެވެ.

ސްޕެއިންގެ މީީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ޑީޕޭ ގެންދަން 25 މިލިއަން ޔޫރޯގެ ޓްރާންސްފާ ބިޑެއް، ލިޔޯން ހުށަހެޅުމަށް ބާސާއިން ވަނީ ތައްޔާރު ވެފަ އެވެ. ލިވަޕޫލަށް ކުޅެމުން ގެންދާ ހޮލެންޑް މިޑްފީލްޑާ ޖޯޖީނިއޯ ވައިނަލްޑަން ގެންނަންވެސް ބާސާއިން ދަނީ މަސައްކަތް ކުރަމުންނެވެ.

ޔުވެންޓަސް އަދި މެންޗެސްޓާ ސިޓީ ބަލިކޮށް ޔޫއެފާ ޗެމްޕިއަންސް ލީގްގެ ސެމީ ފައިނަލާ ހަމައަށް ދަތުރު ކުރި ލިޔޯންގެ ސްޕޯޓިން ޑައިރެކްޓާ ޖުނީނިއޯ ބުނީ ޑިޕޭ ވިއްކާލަން އެ ކުލަބުން އޮތީ ތައްޔާރު ވެގެން ނޫން ކަމަށެވެ. ނަމަވެސް ކުޅުންތެރިޔާ އެދޭނަމަ މިހާރު ކުރިއަށްދާ ޓްރާންސްފާ ޕީރިއަޑްގައި އެ ފުރުސަތު އެބައޮތް ކަމަށް އޭނާ ބުންޏެވެ.