ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ފެސިލިޓީތައް ނުތާހިރުކޮށް ގެއްލުން ދެނީ

ކޮވިޑްގެ ބަލި މީހުންގެ ތެރެއިން ފެސިލިޓީތަކަށް ގެންދާ ބައެއް މީހުން ކޮޓަރިތަކަށް ގެއްލުންދީ އެ ތަންތަން ނުތާހިރު ކުރާކަން ފާހަގަ ކުރެވިފައިވާ ކަަމަށާ އެކަންކަން ތަކުރާރުވާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެޗްއީއޯސީ އިން ދީފި އެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މީގެ ކުރިންވެސް ކަރަންޓީނަށް މީހުން ގެންދިޔައިރު ބައެއް މީހުން ފެސިލިޓީތަކަށް ގެއްލުން ދީފައިވާ ކަމަށެވެ. ނަމަވެސް ފަހުން އެކަން މުޅިން ހައްލުވެފައިވާ ކަމަށެވެ.

ނަމަވެސް މި ފަހުން އައިސޮލޭޝަނަަށް ގެންދާ ބައެއް މީހުންވެސް ކޮޓަރިތަކަށް ގެއްލުން ދެމުންދާކަމަށް ނަޒްލާ ވިދާޅުވި އެވެ. ނަޒްލާ ވިދާޅުވީ ކޮޓަރިތަކުގައި ބެޑްޝީޓްތައް ހަލާކު ކުރުމާއި ދޮރުފޮތިތައް އިރާފައި ހުރުން ފަދަ ކަންކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

"ބައެއް ފަހަރު ވަރަށް ނުތާހިރުކޮށް ތަކެތި ގެންގުޅެފައި ވަރަށް ހަޑިކޮށް ހުންނަކަންވެސް ފެސިލިޓީތަކުން ފާހަގަކުރެވިފައިވޭ،"

ނަޒްލާ ވިދާޅުވީ އެ ގޮތަށް އަމަލު ކުރުުމުގެ ސަބަބުން ލިބޭ ގެއްލުންތަކަށް ސަރުކާރުން ބަދަލުދޭން ޖެހޭ ކަމަށެވެ. އަދި މިކަންކަން ތަކުރާރުވާނަމަ ފިޔަވަޅު އެޅުން ނޫން ގޮތެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.

"މިކަންކަން ގިނައިން ތަކުރާރުވާނަމަ ފިޔަވަޅު އަޅަންވެސް އަޅުގަނޑުމެންނަށް މަަޖުބޫރުވާނެ. އެކަމަކު އަޅުގަނޑުމެން ފިޔަވަޅު އަޅަންޖެހޭ ހިސާބަށް ދާކަށް ބޭނުމެއް ނުވޭ. އެނގިވަޑައިގަންނަވާނެ ސަރުކާރުން ކުއްޔަށް ނަގައިގެން މި ތަންތަނުގައި މީހުން ބައިތިއްބަނީ. އަދި ފުދޭ ވަރެއްގެ ހޭދައެއްވެސް ކުރަން އެބަޖެހޭ،"

ނަޒްލާ ވިދާޅުވީ ރައްޔިތުންނަށް ފިޔަވަޅު އަޅަން ބޭނުންނުވާ ކަމަށާ ނަމަވެސް ފިޔަވަޅު އަޅަންޖެހޭ ނަމަ އެކަމަށް ފަސްނުޖެހޭނެ ކަމަށެވެ.

"އެއްވެސް ތާކަށް ގެއްލުމެއް ލިބިއްޖެއްޔާ ސަރުކާރުން އޭގެ ބަދަލު އެބަ ދޭންޖެހޭ. މިގޮތަށް ގިނައިން ތަކުރާރުވެއްޖިއްޔާ އަޅުގަނޑުމެންނަށް މަޖުބޫރުވާނެ ގެއްލުންދިން ފަރާތްތަކުން އަޅުގަނޑުމެން އެ އަނބުރާ ހޯދަންވެސް އަދި އެ ފަރާތްތަކާއި މެދު އިތުރު ފިޔަވަޅުވެސް އަޅަން. މިގޮތަށް ތަކުރާރު ގިނައިންވާ ކަމަށްވާނަމަ އަޅުގަނޑުމެން ފިޔަވަަޅު އަޅަން ފަސް ވެސް ނުޖެހޭނަން. އެހެން ނަމަވެސް އަޅުގަނޑުމެން ބޭނުންނުވޭ އެ ހިސާބަށްދާކަށް،" ނަޒްލާ ވިދާޅުވި އެވެ.