ހަބަރު

ހުސެއިންގެ ހަނދާނުގައި މަޖިލީހުގައި ސުކޫތެއް

Sep 6, 2020

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ހުސައިން މުހައްމަދު އަވަހާރަވުމާ ގުޅިގެން، އޭނާގެ ހަނދާނުގައި ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިއަދު ސުކޫތެއް ގެނެސްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން މުހައްމަދު އަވަހާރަވެފައިވަނީ ޓްރީޓޮޕްގައި ފަރުވާދެމުން ދަވަނިކޮށް ބުރާސްފަތި ދުވަހުގެ ދަންވަރުގެ ވަގުތެއްގަ އެވެ. އަވަހާރަވި އިރު އުމުރުފުޅަކީ 71 އަހަރެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ ހުސެއިން އަކީ އާއްމު ހިދުމަތުގައި ސަރުކާރަށާއި ދައުލަތަށާއި ގައުމަށް ހިދުމަތް ކުރެއްވުމުގައި އެތައް އަހަރެއް ހޭދަކުރެއްވި ބޭފުޅެއް ކަމަށެވެ.

އީވާ ވިދާޅުވީ އޭނާވެސް މެމްބަރު ހުސެއިން އާއި އެކު 10 ވަރަކަށް އަހަރު ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރެއްވި ކަމަށާއި ހުސެއިން އަކީ ހުރިހާ ބަހުސެއްގައިވެސް ތެދުބަސް ވިދާޅުވި ބޭފުޅެއް ކަމަށެވެ.

"ހުސެއިން ބެ އަކީ ހުރިހާ ކަމެއްގައިވެސް ހަމަ ގައިމުވެސް އަޅުގަނޑަށް ފެނުނު ތާނގައި ހުސެއިންބެ އަކީ ހުރިހާ ބަހުސެއްގައިވެސް ތެދުބަސް ވިދާޅުވި ބޭފުޅެއް. ސިޔާސީ މަޝްރަހުގައި އެތައް ކަމެއް އަޅުގަނޑުމެން އެތައް ގޮތަކަށް ވޭތުވެ ދިޔަ އަހަރު ނިންމަން ޖެހުނުއިރު ހުސެއިންބެ ހަމަ ވިދާޅުވެފައި އޮންނާނީ ތެދުބަސް. އަދި ހުސެއިން ބެ އަކީ ހަމަ މައުލޫމާތު ފުން ބޭފުޅެއް. އަޅުގަނޑުމެންނާއި ވަކި ވެގެންމިދިޔައީ މި ގައުމަށް، ރައްޔިތުންނަށް ވަރަށް ގިނަ ދާއިރާތަކެއްގައި މަސައްކަތްކޮށްދެއްވި އިހްލާސްތެރި ހިދުމަތްތެރިއެއް،" އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ އާދީއްތަ ދުވަހުގެ ވަގުތެއްގައި ރައްޔިތުންގެ މަޖިލީހުގައި ތައުޒިޔާ ދަފްތަރެއް ހުޅުވާލާނެ ކަމަށެވެ.

ކުރިއަށް އޮތް ހަފްތާގައިވެސް ފޮތުގައި ލިއުމުގެ ފުރުސަތު ހުޅުވާލާފައިވާކަން ފާހަގަކުރައްވާ އީވާ ވިދާޅުވީ އާއްމުންށާއި، މެމްބަރު ހުސެއިން އާއި އެކު މަސައްކަތް ކުރެއްވި ހުރިހާ މެމްބަރުންނަށް ވެސް މި ފޮތުގައި ލިޔުއްވުމަށް ދައުވަތު އަރުވާކަމަށެވެ.

ހުސައިން މުހައްމަދކީ ރައްޔިތުންގެ މަޖިލީހުގެ އާއި ރައްޔިތުންގެ މަޖިލޫހުގެ ހާއްސަ މަޖިލީހުގައިވެސް ގުނަ ދުވަސްތަކެއް ވަންދެން މެމްބަރުކަން ކުރެއްވި ބޭފުޅެކެވެ. އެގޮތުން 2005 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރާއި ހަމަޔަށް އއ. އަތޮޅުގެ މެމްބަރުކަން ކުރައްވާފައިވާއިރި 2009 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާއި ހަމަޔަށް މަތިވެރިވެރި ދާއިރާގެ މެމްބަރުކަން ވަނީ ކުރައްވާފަ އެެވެ.

މަތިވެރި ދާއިރާގެ މެމްބަރުކަން ކުރައްވާފައިވަނީ ޖުމްހޫރީ ޕާޓީގެ ފަރާތުންނެވެ. އޭގެ ފަހުން ހުސައިން މުހައްމަދު ހުންނެވީ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރެއްގެ ގޮތުގަ އެވެ.

މީގެ އިތުރުންވެސް ހުސައިން މުހައްމަދު ވަނީ ތައުލީމީ ދާއިރާއަށާއި މީޑިއާ ދާއިރާއަށްވެސް ގިނަ ގުނަ ހިދުމަތްތަކެއް ކުރައްވާފަ އެވެ.