ވިލުފުށި

ރައީސްގެ ހަށިކޮޅުގައި ރޯކޮށްލަން ބުނި މީހާ ހައްޔަރުކޮށްފި

Sep 6, 2020
8

"ޗެނެލް 13" އިން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅުގައި ހުޅު ޖަހަން ބޭނުންވާ ކަމަށް ބުނި މީހާ ހައްޔަރު ކޮށްފި އެވެ.

ޓެރަރިޒަމަށް ވާގި ދިން އެ މައްސަލާގައި ތ. ވިލުފުށިން ހައްޔަރު ކޮށްފައި ވަނީ އެ ރަށު އިރުއައްސޭރި، މުހައްމަދު އިބްރާހިމެވެ. އޭނާ ހައްޔަރު ކުރީ މިއަދު އެވެ. އުމުރުން 47 އަހަރުގެ އެ މީހާ ހައްޔަރު ކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ސިޔާސީ އިދިކޮޅު ހަރަކާތްތަކުގެ ވާހަކަތަކަށް އިސްކަން ދީފައި އޮންނަ ޗެނެލް 13 އިން "ރައްޔިތުންގެ އަޑު" ގެ ނަމުގައި ގެނެސްދިން ޕްރޮގްރާމެއްގައި މުހައްމަދު އިބްރާހިމް ބައިވެރިވެ އޭނާ ވަނީ "ރައީސް ސޯލިހުގެ ހަށިކޮޅުގައި މިހާރުން މިހާރަށް ހުޅުޖަހަންޖެހޭ" ކަމަށް ބުނެފަ އެވެ.

އޭގެ ފަހުން އޭނާ އެހެން ބުނާ އަޑު ހިމެނޭ ގޮތަށް ޗެނަލް 13 އިގެ އެ ޕްރޮގްރާމްގެ ވީޑިއޯ ކޮޅެއް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެ ރާއްޖޭގެ ގިނަ ބައެއްގެ ނުރުހުން އަމާޒުވެފައި ވެއެވެ.

ވިލުފުށިން ވާހަކަ ދެއްކި މީހަކު މިއަދު ބުނީ އެ ދުވަހުގެ އެ ޕްރޮގްރާމްގައި އެމީހާ ބައިވެރިކޮށް ޓެރަރިޒަމަށް ވާގިދޭ ގޮތަށް އެ މީހާ ލައްވާ ބަޔަކު ވާހަކަ ވާހަކަ ދެއްކުވީ ކަމަށެވެ.

އެ މީހާ ހައްޔަރުކޮށް ފުލުހުން ތަހުގީގު ފަށާފައިވާއިރު އެ ހާދިސާއާ ގުޅިގެން ޗެނެލް 13 އަށް ވެސް ވަރަށް ބޮޑަށް ކިޔުން އަމާޒުވެފައި ވެއެވެ. އެ ޗެނަލުން ވަނީ ބެލުންތެރިންގެ ކިބައިން މައާފަށް އެދިފަ އެވެ.