ހެލްތު މިނިސްޓަރެއް ނެތި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރެވިދާނެތޯ އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ ސުވާލު ކުރައްވައިފި އެވެ.
އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރުމުގެ ބާރު އޮންނަނީ ހެލްތު މިނިސްޓަރަށެވެ. އެހެން ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ކުރި ހަރަދުތަކުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާކަމަށް އޮޑިޓް ރިޕޯޓަކުން ހާމަވުމާ ގުޅިގެން، އެކަމުގެ ތަހުގީގު ނިންމެންދެން މިނިސްޓްރީގެ މަސައްކަތްތަކުން މިނިސްޓަރު އަބްދުﷲ އަމީން ވަނީ އަމިއްލަފުޅަށް އެކަހެރިވެވަޑައިގެންފަ އެވެ.
ކޮވިޑް-19 އާއި ގުޅިގެން ހެލްތް މިނިސްޓްރީން ކުރި ހަރަދުގެ ކޮމްޕްލަޔަންސް އޮޑިޓެއް ހަދާ އެ އޮޑިޓާ ގުޅޭ ގޮތުން އޮޑިޓަރު ޖެެނެރަލް އާންމު ކުރެއްވި ރިޕޯޓުގައި އެ މިނިސްޓްރީން ހިޔާނާތަށް މަގުފަހިވާ ގޮތަށް މަސައްކަތްކޮށްފައިވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އެ ވުޒާރާ ހިންގެވުމާ ވަގުތީ ގޮތުން ހަވާލުކޮށްފައި ވަނީ މި ސަރުކާރުގައި އެންމެ ގިނަ ޒިންމާ އާއި މަސްއޫލިއްޔަތުތައް އެއް މިނިސްޓްރީއެއްގެ ދަށަށް ބަދަލުކޮށްފައިވާ ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްއާ އެވެ.
ހެލްތު މިނިސްޓަރިު އަމީން މަސްއޫލިއްޔަތު ތަކުން އެކަހެރިވެ ވަޑައިގެން ހުންނެވިކަން ފާހަގ ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރެވޭނެ ވަޒީރަކު މިވަގުތަކު ނެތް ކަމަށެވެ. އަދި މިނިސްޓަރު އަސްލަމަށް ސިއްހީ ނުރައްކާ އިއުލާންކުރުން ފަދަ ގާނޫނީ ޒިންމާ އަދާނުކުރެއްވޭނެ ކަމަށްވެސް އަބްދުއްރަހީމް ވަނީ ވިދާޅުވެފަ އެވެ.
މިނިސްޓަރު އަމީން އަމީން މަގާމުން ވަކިކޮށް އާ ވަޒީރަކު މިއަދު އައްޔަންކުރަންވީތޯ އާއި ނޫނީ މިކަމުގެ ހައްލަކީ ކޮބާތޯ އަބްދުއްރަހީމް ވަނީ ސުވާލު ކުރައްވާފަ އެވެ. އަދި ގާނޫނު އަސާސީގެ 253 ވަނަ މާއްދާގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތު ރައީސުލް ޖުމްހޫރިއްޔާ އިއުލާންކުރެއްވުންތޯ ހައްލަކީ އޭނާ ވަނީ ސުވާލު ކުރައްވާފަ އެވެ.
ހެލްތު މިނިސްޓަރށް ލިބޭ ބާރުގެ ދަށުން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އެންމެ ފުރަތަމަ އިއުލާންކޮށްފައިވަނީ
މިއަހަރުގެ މާޗު މަހުގެ 12 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަކަށެވެ. އޭގެފަހުން އެކި ފަހަރު މަތިން ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރުކޮށްފަ އެވެ. އެންމެ ފަހުން ސިްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކޮށްފައިވަނީ މިދިޔަ މަހުގެ ހަ ވަނަ ދުވަު އެވެ. އެއީ އެއްމަސް ދުވަހުގެ މުއްދަތަށެވެ.