ތުރުކީއާއި ގްރީސްއާއި ދެމެދު މިހާރު މައްސަލަޖެހިފައިވާ އިރުމަތީ މެޑީޓެރޭނިއަން ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރްދޮގާން ގްރީސްއަށް ވަރުގަދަ އިންޒާރެއް ދެއްވައިފި އެވެ.
މި އިންޒާރު ދެއްވީ އިސްތަންބޫލްގައި ހޮސްޕިޓަލްއެއްހުޅުވަން ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އުރްދޮގާން ވިދާޅުވީ ޑިޕްލޮމަސީ އާއި ސިޔާސަތުގެ ބަސްމަގު ގްރީސްއިން އަދި ދަސްކުރަންޖެހޭ ކަމަށެވެ. އެހެން ނޫންނަމަ އޭގެ ސަބަބުން ހިތި ތަޖުރިބާއެއް ގްރީސްއަށް ކުރަންޖެހިދާނެ ކަމަށެވެ
އުރްދޮގާން އިތުރަށް ވިދާޅުވީ ގްރީސްއަށް ތުރުކީގެ ސިޔާސީ ބާރާއި އިގްތިސޯދީ ބާރުގެ އިތުރުން އަސްކަރީ ބާރު އެނގެންޖެހޭނެ ކަމަށެވެ.
މި ވާހަކަތައް އައީ ގްރީސް އާއި ސައިޕްރަސްއިން ވެސް އެ ދެގަަމުގެ އިގްތިސޯދީ ކަނޑުގެ ސަރަހައްދެއް ކަަމަށް ދައުވާކުރާ ސަރަހައްދާއި ގުޅޭގޮތުންނެވެ. އުރްދޮގާން ވިދާޅުވީ މި މައްސަލައިގައި ނަތީޖާ ނެރުމަށް ތުރުކީ ތައްޔާރަށް އޮތް ކަމަށެވެ.
ނޭޓޯއިން މި ހަފުތާގައި ބުނި ގޮތުގައި ތުރުކީއާއި ގްރީސްއިން ވަނީ މި މައްސަލަ ހައްލު ކުރުމަށް ޓެކްނިކަލް ބައްދަލުވުންތަކުގައި ބައިވެރިވުމަށް އެއްބަސްވެފަ އެވެ. އެގޮތުން ދެފަރާތުގެ ކަނޑުގެ ސިފައިންނާއި ސިފައިންގެ ކަނޑު އުޅަނދުތަކުގެ މެދުގައި އެކްސިޑެންޓެއް ހިނގިޔަ ނުދޭން އެއްބަސްވެފައި ވެއެވެ. އެކަމަކު ގްރީސްއިން ބުނެފައިވަނީ އެގައުމުން ވާހަކަ ދެއްކުމަށް އެއްބަސްވެފައި ނުވާކަމަށެވެ.
ޔޫރަޕިއަން ޔޫނިއަނުން ވަނީ މި މައްސަލައިގައި ތުރުކީއާއި ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރެއްދީފަ އެވެ. މިދިޔަ ހުކުރު ދުވަހު މިއިންޒާރު ދެއްވައިފައި ވަނީ އީޔޫގެ ހާރިޖީ ސިޔާސަތުގެ އިސްވެރިިޔާ ޖޯސެފް ބޮރެލް އެވެ. އޭނާ ވިދާޅުވެފައި ވަނީ އީޔޫ އިން ވާހަކަތައް ދެއްކުމަށް ސީރިއަސް ޗާންސެއް ތުރުކީއާއި ގްރީސްއަށް ދޭނެ ކަމަށެވެ. އަދި ގްރީސްއާއި ސައިޕްރަސްއަށް ވެސް ކުރިން ވެސް އަދި މިހާރުވެސް އީޔޫގެ ފުރިހަމަތާއީދު ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މި މައްސަލައިގެ ސަބަބުން ތުރުކީ އާއި ގްރީސް އިން އަސްކަރީ ކުރިމަތިލުމަކަށް ދިއުމުގެ ބިރުވެސް އެބައޮތެވެ.
ޑިޕްލޮމެޓުން ވިދާޅުވާ ގޮތުގައި މި މައްސަލައިގެ ސަބަބުން ތުރުކީ ޔޫރަޕިއަން ޔޫނިއަންގެ މެމްބަރަކަށް ވުމަށް ކުރާ މަސައްކަތްތަކަށް އަސަރު ކުރާނެ އެވެ. އަދި ދަތިކުރުމުގެ ފިޔަވަޅެއްގެ ގޮތު، އީޔޫގެ މެމްބަރަކަށް ވުމަށް ތުރުކީން ހުށަހާޅާފައިވާ ޒަމާންވީ މައްސަލަ ކުރިއަށް ނުގެންގޮސް ބާތިލުކުރުން ވެސް އެކަށީގެން ވެއެވެ. މީގެ އިތުރަށް އީޔޫގެ މެމްބަރު ގައުމުތަކާއެކީ ތުރުކީންކުރާ ވިޔަފާރީގެ މުއާމަލާތްތަކަށް ހުރަސްއެޅުން ވެސް އެކަށީގެން ވެއެވެ. މިފަދަ ފިޔަވަޅެއް އަޅައިފިނަމަ ތުރުކީގެ އިގްތިސޯދަށް ފޫނުބެއްދޭވަރުގެ ގެއްލުމަކާ ކުރިމަތިވާނެ އެވެ.
ތުރުކީއާއި ގްރީސް އާއި ދެމެދު މައްސަލަ އުފެދުނީ މިލްކުވެރިކަމާމެދު ދެ ގައުމުން ވެސް ދައުވާ ކުރާ ސައިޕްރަސްގެ ބޯޑަރު ކައިރީގައިވާ ކަނޑުގެ ސަރަހައްދަކުން ގުދުރަތީ ގޭސް ފެނުމާއި ގުޅިގެން އެ ގޭސް ނެގުމުގެ ހައްގުު އޮތް ކަމަށް ބުނެ އެ ސަރަހައްދު ސާވޭ ކުރުމަށް ތުރުކީއިން މަނަވަރެއް ފޮނުވުމުންނެވެ. މިކަމާއި ގްރީސްއިން ހިތްހަމަނުޖެހުން ފާޅުކޮށް އީޔޫގައި މައްސަލަ ޖެއްސި އެވެ. ތުރުކީން ބުނާ ގުރީސް ޖިއޮގްރަފިކަލް ޒާތުގެ ސަބަބުން ބައިނަލްއަގުވާމީ ގާނޫނުގައި ގްރީސްއަށް ކޮންޓިނެންޓަލް ޝެލްފެއް ލިބިގެން ނުވާނެ އެވެވެ.
އަލްޖަޒީރާގެ ސީނެމް ކޮސެގްލޫ ތުރުކީގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނާއި ހަވާލާދީ ބުނެފައިވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ހިލާފައް އީޔޫ.އިން މިމައްސަލައިގެތެރެއަށްނުވަނުމަށެވެ. އަދި ގްރީސްއަކީ އީޔޫގެ މެމްބަރުގައުމަކަށްވިއަސް ގާނޫނާއި ހިލާފައް އެމީހުންނަށް އެހީނުވުމަށެވެ. މިކކަމާއިބެހޭގޮތުން ތުރުކީއިން ބުނެފައިވަނީ އީޔޫއިން އެޖަމާއަތައް ލިބިފައިވާ ބާރުގެ ބޭނުން ހުދޫދުން ބޭރުވެފައިވާކަމަށެވެ. އަދި ތުރުކީގެ ކަނޑުގެ ސަރަހައްދުގައި އެގައުމުގެ ހިންގާ ހައިޑްރޯ ކާބަންގެ ހަރަކާތްތަކައް އީޔޫއިން ފާޑުނުކިޔޭނެކަމަށެވެ.