ލައިފްސްޓައިލް

ރަހައެއް ނުލި، ނުއެއް ކެވުނު ދެން ނޫޑުލްސް ޕެކެޓް ކުރާހާލީ!

ދިވެހިންގެ ހިތުގައި "މަމީ" ބްރޭންޑް ނޫޑުލްސް އަކީ ހާއްސަ ލޯއްބެއް ދީފައި އޮންނަ އެއްޗެކެވެ. ތަފާތު އެކި ބްރޭންޑްގެ ނޫޑުލްސް ރާއްޖެ އެތެރެކޮށް ބާޒާރުގެ ފިހާރަ ހަރުތަކުގައި ގުދަންތަކުގައި ކޭސް ޖަހާލާފައި ހުއްޓަސް މަމީ ނޫޑުލްސް ވަރެއް ދިވެހިންގެ ކުޑަދުލަކަށް އަދިވެސް ހަމަ ނެތެވެ. ކުޑަކުދިންނާއި ޒުވާނުން އަދި ދުވަސްވީ މީހުންގެ މެދުގައި ވެސް މަމީ ނޫޑްލްސް ހިނގަ އެވެ. ރަހަ ވެސް ހެޔޮވަރެވެ. މިއީ ދިވެހިންގެ އެންމެ ބޮޑު އެއް "ކޮމްފޯޓް" ފުޑް ވެސް މެއެވެ.

ހައްޖަށް މައްކާއަށް ދާއިރު ވެސް އިންޑިއާއަށް ބޭހަށް ދާއިރު ވެސް މަމީ ނޫޑުލްސް ޕެކެޓަކީ ގެންދާ އެއްޗަކަށް ހަދަ އެވެ. ރާއްޖެއިން ބޭރުގައި ކިޔަވަން ތިބޭއިރު ފޮނުވާ ހަދިޔާ ފޮށިގަނޑުގައި މަމީ ނޫޑްލްސް ހިމެނެން މަޖުބޫރު ވެއެވެ. އެވެސް އެތައް ބައިވަރު ގޮތް ގޮތަށެވެ. ހުހާ ވެސް ކައެވެ. ދަންވަރު ހޭލާ އުޅޭ މީހުންގެ ތެރޭ ވެސް ނޫޑުލްސް ކޮޅަކަށް މަސް މިރުސް އަޅައިގެން ނުކައި ނުނިދޭ ބަޔަކު ވެސް އުޅެ އެވެ.

ވާރޭވެހޭ ދުވަހެއް ވެއްޖެއްޔާ ވަޅޯމަސް ނޫޑުލްސް ގަނޑެއް ނުލާނަމަ ހިތްހަމަ ނުޖެހޭ ބައެއްވެސް އެބަ އުޅެއެވެ. އަދި މޫދަށް ދާ އިރުވެސް ހާއްސަ ރެސިޕީއަކަށް "މޫދުނޫޑުލްސް" އާއި ވަލަށް ދާއިރު ވަލުގައި ކައްކާ ނޫޑްލްސްއެއް "ވައްލެ ނޫޑެ" ނަމުގައި ވެސް އޮވެ އެވެ. އަނެއްކާ ލައިގެން ކާނެ އެއްޗެއް ގޭގައި ނުހުންނަ ދުވަހު ވެސް ކާލަނީ މަމީ ނޫޑުލިސް ޕެކެޓެކެވެ. މަމީ ނޫޑުލްސް އަކީ ދިވެހިންގެ "ގައުމީ ނޫޑުލްސް" އެވެ. މަމީ ނޫޑުލިސް ކައިގެން އެއް ޖީލު އެކީ ބޮޑުވެފައި ވެސް ތިބެދާނެ އެވެ. އެނގޭނީ ބެލީމަ އެވެ.

ކޮވިޑް-19 އިގެ ސަބަބުން ރާއްޖޭން ބޭރަށް އަދި ރާއްޖޭގައި އެކި ތަންތަން އެކަހެރިވެެ އައިސޮލޭޝަން ފެސިލިޓީގައި ތިބި އެންމެ ގިނަ މީހުން ޕެކްކޮށްގެން އެތަންތަނަށް ގެންދާ އެއްޗަކީ ވެސް ނޫޑުލިހެވެ. އާއިލާގެ މީހުންނަށް ގުޅައިގެން ފެސިލިޓީތަކަށް ފޮނުވާ ކެއާ ޕެކޭޖްގައި ވެސް ބޮޑު ބަޔަކީ މަމީ ނޫޑުލިހެވެ.

އާޓިސްޓެއް ކަމުގައި އާމިނާ ފާތިނާ (ފާތި)، އާޓް ސީންގެ މަޝްހޫރުކަން ހޯދާފައިވާ ނަމުން ނަމަ
އާމިނާއޮފްދަސީ އަކީ ކުޑަކުދިންގެ ފޮތް އިލަސްޓްރޭޓް ކުރުމާއި އަދި އޭނާގެ އަތު ލިޔުމުން ވިޔަފާރި ތަކުގެ ބްރޭންޑް ލޯގޯ ފަދަ ތަކެހި ހަދާ ހުނަރުވެރި އާޓިސްޓެކެވެ. މީގެ ކުރިން ފާތި އަވަސް އަށް އޭނާގެ މަސައްކަތާއި ގުޅޭގޮތުން އިންޓަވިއުއެއް ދީފައި ވެސް ވެއެވެ.

އޭނާ ހުރި ފެސިލިޓީގައި ކެއުމުގެ ޝަކުވާއެއް ފާތިގެ ނެތެވެ. ނަމަވެސް ކޮވިޑް-19 ބަލީގައި އޭނާ ހުރިއިރު އެއްވެސް ރަހައެއް ނުލަ އެވެ. ވަހެއް ވެސް ނުދުވައެވެ. އެތަނުން ދޭ ކާ އެއްޗެއް ވެސް ކާ ހިތް ނުވަނީ އެ ސަބަބާއި ހެދި އެވެ. ވަސް ނުދުވުމާއި ރަހަ ނުލުން މިއީ ކޮވިޑްގެ ބަލީގެ އަލާމަތެކެވެ.

"10 ދުވަސް ދިޔަ އެއްވެސް އެއްޗެއްގެ ރަހަ ނުލައި އެއްވެސް ވަހެއް ވެސް ނުދުވާ. އެއްކޮށް އެޕެޓައިޓް ގެއްލިފައި ހުންނަނީ. ކާ އެއްޗެހީގެ ރަަހަ ނުލައި 10 ދުވަސް ވެފައި އަލުން ރަހަލާން ފެށުމުން ވަރަށް ބޮޑަށް އެޕްރިޝިއޭޓް ކުރެވުނު މި ހިއްސުތައް." ފާތި ބުންޏެވެ.

ދަރިފުޅު އެދިގެން މާލެއިން ފޮނުވި ނޫޑްލްސް ޕެކެޓު ނުކެވިފައި ހަފުތާއެއް ވީ ފަހުން ނޫޑުލްސް ޕެކެޓު ކުރަހާލަން ހިތަށް އެރީ އެވެ. ނުކެވުނަސް އެ ނޫޑްލްސް ޕެކެޓު އޭނާއަށް މުހިއްމުވި އެވެ. އެހެންކަމުން އޭގެ އަގުވަޒަން ކޮށްލީ އޭނާގެ ފެންކުލަ ފޮއްޓާއި ފިހި ބޭނުންލައިގެނެވެ.

ފާތި ސޯޝަލް މީޑިއާ އަށް ދޫކޮށްލި މި ކުރެހުން ކުއްލިއަކަށް ފެންނައިރު ހީވާނީ ހަމަ އަސްލަ ވެސް މަމީ ނޫޑުލިސް ޕެކެެޓެއްގެ ފޮޓޯއެއް ހެންނެވެ. ބްރޭންޑް ނަމާއި ލޯގޯ ފާތިގެ ކުރެހުމުގައި ހަމަ އަސްލު ޕެކެޓަކާއި އެއްވެސް ތަފާތެއް ނެތެވެ. މުއްދަތު ހަމަވާ ތާރީހާއި އަދި ގްރާމްތައް ނޫޑުލްސް ޕެކެޓެއްގައި ބޭރުގައި ހުންނަ ގޮތަށް އޭނާގެ އަތު ލިޔުމުން ލިޔެފައި ހުއްޓެވެ. ކަރީ ފްލޭވާ ޖަހާފައި އިންނަ ގޮތަށް ރީނދޫ ކުލައިގެ މަމީ ނޫޑުލްސް އުރައިގެ ބޭރުގައި ނޫޑުލްސް ތައްޓެއް ފާތިގެ ކުރެހުމުގައި ވެސް ހުއްޓެވެ.

ފާތި ކުރަހާލި މި ނޫޑުލްސް ޕެކެޓް މިހާރު ވަރަށް ވައިރަލް ވެފައި ވެއެވެ. އަދި އެ ނޫޑްލުސް ޕެކެޓްގެ ފޮޓޯ މިހާރު ފެނުމުން މާ ފުން މާނައެއް ވެސް އެބަ ދޭހަވެއެވެ. ކޮވިޑް-19 އާއި ހަނގުރާމަ ކުރަމުން އައި ފާތި ބުނާ ގޮތުގައި "އެ ހިއްސުތައް ނެތް ނަމަ، ކިރިޔާ ބަނޑުހައިކަން ފިލާ ވަރަށް ވެސް އޮންނާނީ ނުކެވިފައި. ބަލިހާލުގައި ކެއުން ވެސް ވީ ބުރަ ކަމަކަށް."

މުގުރިހަ ދެރަ ވެގެން އެކަމަށް ފާޑު ކީ އަޑު އިވުނު އިރު މި ބައްޔާއި ހެދި އެ މުގުރިހައިން ވެސް ރަހަ ނުލައިގެން އުޅޭ އެތައް ބަޔަކު އެބަތިއްބެވެ. ރަހަލުމާއި ވަސް މިއީވެސް އަހަރުމެންގެ ހަޔާތުގައި ބޮޑެެތި ކަންކަމެވެ. ސަަލާމަތް ސިއްހަތެއްގައި ހުރުމަކީ ބޮޑު ނިއުމަތެކެވެ. އަދި މިކަމަށް ޝުކުރުކުރަންވީ އެވެ.