ވިޔަފާރި

9،000 ރުފިޔާގެ ވަޒީފާއަކަށް ދާން ކެރޭނެތަ؟

Sep 7, 2020
4

ކޮވިޑް-19 އިގެ ސަބަބުން ކުރިމަތިވި ހީނަރު ކަމުގައި އެތައް ބައެއްގެ އަތްމަތި ހުސް ވެއްޖެ އެވެ. އިގްތިސޯދީ ހީނަރު ކަމުން ވަޒީފާތައް ގެއްލި، ދިވެހިންގެ އެތައް ބަޔަކު މަގުމަތި ވެސް ވެއްޖެ އެވެ. ވަޒީފާއެއް ނެތި އެތައް ޒުވާނުންނެއް ހުސް ވަގުތު ފުރަން ވެސް ފަށައިފި އެވެ. އެހެންވެ، މޯލްޑިވް ގޭހުން މިވަނީ ވަޒީފާ ގެއްލި މަގު މަތިވެފައި ތިބި ދިވެހިންނަށް ފުރުސަތެއް ދޭން ނިންމާފަ އެވެ. ކެރެންޏާ މަސައްކަތަށް ނުކުނަންވީ އެވެ. މި ވަޒީފާގައި ކުރަން ޖެހޭނެހާ ވެސް ކަމަކީ ގޭސް ފުޅިއެއް ގޭގެ ދޮރާ ހަމައަށް ގެންގޮސް ދިނުމެވެ.

"މަގުސަދަކީ ޑެލިވަރީ ހުރިހާ ވަޒީފާ ތަކެއް ދިވެހިންނަށް ދިނުން، ދިވެހިން ނެގުން. މިހާރު ބިދޭސީ އަކަށް ހުރިހާ އެއްޗަކަށް އެބަ ލިބޭ އެވްރެޖުކޮށް 9،000 ރުފިޔާ ވަރު. އެ އަދަދު [9،000ރ.] ދީފައި ދިވެހިން ނެގުން ބޭނުމަކީ. އެހެންވެ މި ވަޒީފާތައް އިއުލާނު މި ކުރަނީ،" މޯލްޑިވްސް ގޭހުގެ އެކްޓިން މެނޭޖިން ޑިރެކްޓަރު އަލީ އިކްރާމް ވިދާޅުވި އެވެ.

މޯލްޑިވް ގޭހަކީ ރާއްޖޭގައި ގޭހުގެ ވިޔަފާރީގައި އެންމެ ފުޅާ ކުންފުންޏެވެ. އެ ކުންފުނީގައި 240 މުވައްޒަފުން މަސައްކަތް ކުރެ އެވެ. އޭގެތޭގައި 100 އެއްހާ ބިދޭސީން ހިމެނެ އެވެ. އެ ބިދޭސީންގެ ވަޒީފާއަކީ ގޭސް ފުޅި ޑެލިވަރީ ކުރުމެވެ. އެ ވަޒީފާ އިން މަހަކު 9،000ރ. އެއިން ކޮންމެ މީހަކު ރަށަށް ފޮނުވަ އެވެ.

އެ ވަޒީފާ ދިވެހިންނަށް އަދާ ނުކުރެވެންވީ ކީއްވެގެން ހެއްޔެވެ؟

"ވަޒީފާގެ ބާޒާރު ވަރަަށް ޑްރައި [ހީނަރު] ވެފައި މިއޮތީ. އެހެންވެ ދިވެހިން ނެގުން މުހިންމު. ބޭނުންވަނީ މިހާރު [މޯލްޑިވް ގޭސްގައި] ތިބި 100 އެއްހާ ބޭރު މީހުންގެ އަދަދު މި އަހަރުތެރޭ 30 އަށް މަދު ކުރުން. ވަޒީފާއަށް ހުޅުވާލީމަ ލިބޭ ތަރުހީބަށް ބަލާފަ މި އަހަރު ހުރިހާ ބިދޭސީން ތިބި ވަޒީފާތައް ދިވެހިންނަށް ދޭނަން،" އިކްރާމް ވިދާޅުވި އެވެ. "މިހާރު ވާނެ ފަސް ސްލޮޓް އިއުލާނު ކޮށްފައި. ތަރުހީބަށް ބަލާފަ އިތުރު މީހުން މީހުން ނަގާނެ. ކުރިމަތިލާންވީ. އެންމެ އިސްކަން ދޭނީ ޒުވާނުންނަށް ބޭނުން ވަނީ ދިވެހިން."