މާދަމާ ހަވީރު ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގަތުމަށް ކުރީގެ ރައީސް އަދި އިދިކޮޅު ދެ ޕާޓީގެ އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް އަންގައިފި އެވެ.
އިދިކޮޅުން ބޭއްވި ސައިކަލް ބުރާއި ގުޅިގެން ރައީސް ވަހީދު ވަނީ މީގެ ކުރިން ވެސް ފުލުހަށް ހާޒިރު ކޮށްފަ އެވެ. އެ ސައިކަލް ބުރު ނިންމާލުމުގެ ގޮތުން ޕީޕީއެމް އޮފީސް ކުރިމަތީ އެއްވެފައިތިބި މީހުންނާއި މުހާތަބުކޮށް ރައީސް ވަހީދު ވަނީ ވާހަކަފުޅު ދައްކަވާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
މިދިޔަ މަހުގެ 30 ވަނަ ދުވަހު ހަވީރު ފުލުހުންގެ އިދާރާއަށް ހާޒިރުވެ ވަޑައިގަތުމަށް ފަހު ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ އެމަނިކުފާނު ފުލުހަށް ހާޒިރު ކުރެއްވީ އާންމު ސިއްހަތުގެ އުސޫލާއި ހިލާފަށް މާސްކު ނާޅުއްވައި ހުންނެވި ކަމަށް ތުހުމަތުކޮށެވެ.
"އޭގެ އިތުރުން އަޅުގަނޑު ވާހަކަ ދެއްކިލެއް ބާރުކަމުން ފަހަރެއްގައި ބައެއްގެ ހިތްތަކުގައި ބިރުވެރިކަން އުފެދިދާނެތީ އެހެންވީމަ މި ބާވަތުގެ ކަންކަމާއި ބެހޭ ގޮތުން އަޅުގަނޑާ ސުވާލު ކުރައްވަމުން ގެންދަވަނީ. ދެން އެކަންކަމާއި ގުޅޭގޮތުން އަޅުގަނޑު އެއްޗެއް ނުދަންނަވަން. އަޅުގަނޑު ގަސްތު ކުރަނީ އަޅުގަނޑުގެ ފަރާތުން މިކަމާބެހޭ ގޮތުން ގާނޫނީ ވަކީލެއް ކަނޑައެޅުމަށްފަހުގައި މިކަމުގައި ކުރިއަށްދާން،"
ދެ ވަނަ ފަހަރަށް ރައީސް ވަހީދު ފުލުހަށް ހާޒިރުވެ ވަޑައިގަންނަވާނީ މާދަމާ ހަވީރު 4:00 ޖަހާއިރު އެވެ. އެކަން އިދިކޮޅު ކޯލިޝަނުން ވަނީ ޔަގީން ކޮށްދީފަ އެވެ.
އެންމެ ފަހުން ފުލުހަށް ހާޒިރުވެވަޑައިގެންނެވި ދުވަހު ރައީސް ވަހީދު ވިދާޅުވީ ވިދާޅުވީ އިހުތިޖާޖުގައި މާސްކު ތިރިކޮށް ލެއްވީ ވާހަކަފުޅު ދައްކަވަން ފަސޭހަފުޅަށް ކަމަށެވެ. ފުލުުހުންގެ އިދާރާއަށް ހާޒިރު ކުރުމަކީ ސިޔާސީ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުވެސް މިއީ ދިވެހިރާއްޖޭގައި ރައީސްކަން ކޮށްފައިވާ މީހެއް. ދުވަހަކު ވެސް، ދުވަހަކު ވެސް ސިޔާސީ ބޭނުމަށްޓަކައި ފުލުުހުން ބޭނުން ކޮށްފައެއް ނޯންނާނެ. ފުލުހުންގެ މުއައްސަސާ އަގުވައްޓާލުމުގެ މަސައްކަތް ކޮށްފައެއް ނޯންނާނެ،"