އިދިކޮޅު ފަރާތްތައް

ފެންނަނީ ވެރިކަން ނިމިއްޖެ ކަމުގެ ދަލީލު: ޖަމީލް

Sep 8, 2020
1

ސަރުކާރެއް ވަކި ބައެއްގެ ފަހަތުން އުޅޭ އުޅުމަކީ އެ ސަރުކާރެއްގެ "ވެރިކަން ނިމިއްޖެ" ކަމުގެ ދަލީލެއް ކަަމަށް ސިފަ ކުރައްވާ ކުރީގެ ނައިބު ރައީސް ޑރ. އަބްދުﷲ ޖަމީލް މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ފާޑު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރަށް ފާޑު ވިދާޅުވުމަކީ ޖަމީލް ކޮންމެ ދުވަހަކުހެން ކުރައްވާ ކަމެކެވެ. އެހެން ނަމަވެސް މިއަދު ވިދާޅުވީ "މި ސަރުކާރުގެ ވެރިކަން ނިމިއްޖެ" ކަމަށެވެ.

ޖަމީލްގެ ފަރާތްޕުޅުން މިއަދު ފާޑު ކިޔުން އައީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އަނެއްކާ ވެސް ފުލުހަށް ހާޒިރު ކުރާތީ އެކަމާ ގުޅުވައިގެނެވެ. ޖަމީލް ވިދާޅުވީ ގޮތުގައި ގާނޫނު ތަންފީޒު ކުރުމުގައި ތަފާތު ނުކުރުމަކީ ރައްޔިތުން ގެނައި އެންމެ ބޮޑު އިސްލާހެވެ.

"ރަސްކަމުގެ އެ އުސޫލް ކަމުނުދާތީ ޖުމްހޫރިއްޔަތު ގެނައީ. [މިހާރު] މި ފެންނަނީ ވަކި ބަޔަކު ފަހަތުން ސަރުކާރުގެ މެޝިނަރީ އުޅޭތަން. ކޮންމެ ކަމެއްގައި ވެސް ސިލެކްޓިވް ޖަސްޓިސް. ތިއީ ވެރިކަން ނިމިއްޖެ ކަމުގެ ދަލީލެއް،" ކުރީގެ ސަރުކާރާ ދެކޮޅު ހައްދަވައި މި ސަރުކާރު ވެސް ގެނައުމުގައި މުހިންމު ދައުރެއް އަދާ ކުރެއްވުމަށް ފަހު ފަހުން ފެއަށް ޖެހި ވަޑައިގެން ކުރީގެ ސަރުކާރުގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ގާނޫނީ ވަކީލުކަން ކުރައްވާ ޖާމީލް ވިދާޅުވި އެވެ. އޭނާއަކީ ރައީސް ޔާމީން އިންތިހާބީ ނައިބު ރައީސެވެ.

ޕީޕީއެމާއި ކޮންގްރެސް ޕާޓީ (ޕީއެންސީ) އެޑްވައިޒަރު އަދި މިހާރު ސިޔާސީ ހަރަކާތް އިތުރު ކުރައްވާފައިވާ ރައީސް ވަހީދު ފުލުހަށް ހާޒިރު ކުރަނީ މިދިއަ މަހުގެ 28 ވަނަ ދުވަހު އިދިކޮޅުން މާލޭގައި ބޭއްވި މުޒާހަރާގައި އެޗްޕީއޭގެ ގައިޑްލައިން އާއި ހިލާފުވި ކަމަށް ބުނެ އެވެ. އެކަމާ ގުޅުވައި ރައީސް ވަހީދު ކުރިން ވެސް ފުލުހަށް ހާޒިރު ކުރި އެވެ. އެ ދުވަހު އެމަނިކުފާނު ވަނީ ގާނޫނީ ވަކީލަކާއެކު ފުލުހުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ފުރުސަތަކަށް އެދިވަޑައިގެންފަ އެވެ. އަލުން ރައީސް ވަހީދު ފުލުހަށް ހާޒިރު ކުރަނީ މިއަދު ހަވީރު 4:00 ޖަހާއިރު އެވެ.

ސަރުކާރަކުން އެކެއްގެ ފަހަތުން އުޅުމަކީ އެ ސަރުކާރެއްގެ ވެރިކަން ނިމުނު ކަމުގެ ދަލީލު ކަމަށް ޖަމީލް ސިފަ ކުރެއްވި އިރު ފެބުރުއަރީ 7 ، 2012 ގައި ރައީސް މުހައްމަދު ނަޝީދު ސަރުކާރު ނިމޭންދިޔަ އިރު ކައިރި ކައިރީގައި ކޮންމެ ދުވަހަކުހެން ތަކުރާރުކޮށް ޖަމީލް ފުލުހަށް ހާޒިރު ކުރި އެވެ. އެއް ދުވަހެއްގައި އޭނާ ފަސް ފަހަރު ވެސް ހާޒިރު ކޮށްފައި ވެއެވެ.