އިންޑިއާ

އިންޑިއާ ބޯޓުގެ ފޮޓޯ ނަގައިގެން ސުވާލެއް ނުކުރަން: ޕޮލިސް

Sep 8, 2020

އިންޑިއާ އަސްކަރިއްޔާގެ ދެ ބޯޓެއް މިއަދު ހެނދުނު ހަނިމާދޫ އެއާޕޯޓަށް ޖެއްސި އިރު ފޮޓޯ އާއި ވީޑިއޯ ނަގައި ހިއްސާ ކުރުމުގެ ތުހުމަތަށް ބަޔަކު ހައްޔަރު ކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް ފުލުހުން ދޮގު ކޮށްފި އެވެ.

ފުލުހުންގެ މީޑީއާގެ ވަޓްސްއެޕް ގްރޫޕުގައި މިއަދު އެ އިދާރާއިން ބުނީ ހަނިމާދުށް މިއަދު ޖެއްސި އިންޑިއާގެ އަސްކަރިއްޔާގެ ދެ ބޯޓުގެ ފޮޓޯ އާއި ވީޑިއޯ ނަގައި ހިއްސާކުރި ކަމަށް ތުހުމަތުކޮށް ބަޔަކު ހައްޔަރުކޮށް ފޮޓޯ އާއި ވީޑިއޯ ޑިލީޓްކުރި ކަމަށް ބުނަމުން ދިޔަ ނަމަވެސް އެފަދަ މައްސަލައަކާއި ގުޅިގެން އެއްވެސް ފަރާތަކާއި ފުލުހުން އެއްވެސް ކަހަލަ މުއާލަމާތެއް ކޮށްފައި ނުވާނެ ކަމަށެވެ. އަދި އެކަމާ ގުޅިގެން އެއްވެސް މީހަކު ފުލުހުން ހައްޔަރުކޮށްފައި ވެސް ނުވާނެ ކަމަށެވެ.

އިންޑިއާގެ އަސްކަރީ ދެ މަތިންދާ ބޯޓެއް ކުއްލި ގޮތަކަށް ހަނިމާދޫއަށް ޖެއްސީ ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެ ތިބޭ ތިބުމާއި ދެކޮޅު ހަދާ ރޫހެއް މުޅި ރާއްޖޭގައި ވަރަށް ބޮޑަށް ފުޅާވެ، އަދި އިދިކޮޅު ސިޔާސީ ހަރކާތް ވެސް އެ ދިމާއަށް އަނބުރާލާފައިވާ ދަނޑިވަޅެއްގަ އެވެއެ. މި ހަރަކާތުގެ ތެރޭގައި "އިންޑިއާ އައުޓް" ގެ ނަމުގައި ކެމްޕޭނެއް ވެސް ފުޅާކޮށްފައި އޮއްވަ އެވެ.

އިންޑިއާގެ އަސްކަރިއްޔާގެ ބޯޓުތައް ހަނިމާދޫ އެއާޕޯޓަށް ތިރިކޮށްފައި ވަނީ މިއަދު ހެނދުނު 10:25 ގަ އެވެ. އިންޓަނޭޝަނަލް ކޮށްފައިވާ އެ އެއާޕޯޓްގައި ޖެއްސި އިންޑިއާ އަސްކަރީ ދެ ބޯޓުތައް މި މަހުގެ 16 އާ ހަމައަށް ރާއްޖޭގައި އޮންނާނެ އެވެ. އެއީ ރާއްޖެ ފޭބީ ކިހާ ސިފައިންނެއް ކަމެއް ސާފެއް ނުވެއެވެ. އަދި އެ މީހުން ކޮވިޑް ކަރަންޓީނަށް ގެންދިޔަ ކަމެއް ވެސް ސާފެއް ނުވެއެވެ.

އިންޑިއާގެ ދެ ބޯޓް ހަނިމާދޫއަށް މިއަދު ތިރި ކުރަމުން ދިޔައިރު ވަރަށް ގިނަ ބަޔަކު ވަނީ ފޮޓޯ އާއި ވީޑިއޯ ނަގާ އާންމުންގެ ތެރެއަށް ދޫކޮށްލާފަ އެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައި ވަނިކޮށް ބައެއް މީހުން ހައްޔަރުކޮށް ފޮޓޯ ޑިލީޓް ކުރަން އަންގާ ކަމުގެ އަޑުތައް ފެތުރިފައި ވެއެވެ.

އެމްއެންޑީއެފުން ބުނީ އިންޑިއާގެ އަސްކަރީއްޔާގައި ހިމެނޭ ޑޯނިއާ ދެ ބޯޓް ރާއްޖެ އައީ ސިލްސިލާކޮށް ރާއްޖޭގެ އިގްތިސޯދީ ސަރަހައްދު ރާއްޖޭގެ ކޯސްޓާ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނަކަށް ކަމަށެވެ. ދެ ބޯޓުގެ ތެރެއިން އެއް ބޯޓަކީ ބެކަޕް ބޯޓެއް ކަމަށާއި ބެކަޕް ބޯޓް ފުރައިގެން ދާނެ ކަމަށެވެ.

ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިންގެ ހަތިޔާރު އެޅި ފައުޖެއް ރާއްޖޭގައި ނެތް ކަމަށް ޑިފެންސް ޗީފް މޭޖޭ ޖެނެރަލް އަބުﷲ ޝަމާލް ވިދާޅުވި ނަމަވެސް ރާއްޖޭގައި މިހާރު ވެސް އިންޑިއާ ސިފައިން ގިނަ އަދަދަކަށް ގާއިމުވެ އަބަތިއްބެވެ. އަދި އެކަމާ ދިވެހިންގެ ގިނަ ބަޔަކު ދެކޮޅު ހަދަމުން ދެއެވެ.