ދުނިޔެ

މަރު ހުކުމުގެ މެންބަރު ހުވާ ކުރުމުން އިހުތިޖާޖަށް

Sep 8, 2020

ކޮލޮމްބޯ (ސެޕްޓެމްބަރު 8) - މަރަށް ހުކުމް ކޮށްފައިވާ ކެންޑިޑޭޓަކު ސްރީލަންކާގައި ބޭއްވި އާއްމު އިންތިހާބުގައި ގޮނޑިއަކަށް އިންތިހާބު ވެފައިވާއިރު، އޭނާއަށް މަޖިލީހަށް ހާޒިރު ވެވޭނެކަމާ މެދު ސުވާލު އުފެދިފައި ވަނިކޮށް، އޭނާ މެންބަރުކަމުގެ ހުވާ ކޮށްފި އެވެ.

ލަންކާގެ ކުރީގެ ޕަވާ އެންޑް އެނާޖީ ޑެޕިއުޓީ މިނިސްޓަރު ޕްރޭމަލާލް ޖަޔަސޭކަރަ ވަނީ ސަރުކާރު ތަމްސީލް ކުރާ ސްރީލަންކާ ޕޮޑުޖަނަ ޕެރަމުނަ ޕާޓީގެ (އެސްއެލްޕީޕީ) ޓިކެޓުގައި ރަތުނަޕުރަ ޑިސްޓްރިކްޓްގެ މެންބަރު ކަމަށް އިންތިހާބުވެފަ އެވެ. ނަމަވެސް، ލަންކާގެ ބަންޑާރަ ނައިބު ވަނީ ހުކުމުގެ ސަބަބުން، ޖަޔަސޭކަރައަށް ޕާލިމަންޓަށް ހާޒިރުވެ، ވޯޓު ނުދެވޭނެ ކަމަށް އަންގަވައިފަ އެވެ.

އެއާއެކު ޖަޔަސޭކަރަ އެ ނިންމުން ކޯޓަށް ހުށަހެޅުމުން، ލަންކާގެ އިސްތިއުނާފު ކޯޓުން ވަނީ އޭނާއަށް މަޖިލީހަށް ހާޒިރުކޮށްދިނުމުގެ ވަގުތީ އަމުރެއް ޕްރިޒަންސް ކޮމިޝަނަރުގެ މައްޗަށް ނެރެފަ އެވެ.

މިއަދު މެންބަރުން ހުވާކުރުމުގެ ރަސްމިއްޔާތުގައި، ޖަޔަސޭކަރަ ހުވާ ކުރުމާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން، އެހެން ޕާޓީތަކުގެ މެންބަރުން ވަނީ ތަޅުން ދޫކޮށް ނުކުމެފަ އެވެ.

ޖަޔަސޭކަރައަށް މަރުގެ ހުކުމް އިއްވާފައިވަނީ 2015 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރެއިން، އޭރުގެ ރައީސް މަތިރިޕާލަ ސިރިސޭނަގެ ކެމްޕެއިނު ރެލީއެއް ބާއްވަން ތައްޔާރީތަކުގެ ތެރެއިން އެމަނިކުފާނުގެ ސަޕޯޓަރުންތަކެއްގެ ގަޔަށް ބަޑިޖެހި މައްސަލައެއްގަ އެވެ.

އެ ހާދިސާގައި އެކަކު މަރުވެފައިވާއިރު، ޖަޔަސޭކަރައިގެ އިތުރުން ދެ މީހަކަށް ވަނީ މަރުގެ ހުކުމް އިއްވާފައި އެވެ. ނަމަވެސް، އޭނާ މިހާރު ވަނީ އެ ހުކުމް އިސްތިއުނާފަށް ހުށަހަޅައިފަ އެވެ.