- މާލޭގައި ދިރިއުޅެން ޖެހިފައި ވަނީ އުޅެން ހެޔޮނުވާ ވަރު ތަންތަނުގައި
- ބޯހިޔާވަހިި ކަމުގެ މައްސަލަ ވަނީ ބޮއްސުންލާފައި
- މީހުން ދިރިއުޅޭ ތަންތަން މޮނީޓާ ކުރުމުގެ ނިޒާމް ވަރަށް ދޯދިޔާ
- ރައްކާތެރި ކަމުގެ ފިޔަވަޅުތައް ނެތުމުން އެތައް ބައެއް ވަނީ ނުރައްކަލަށް ހުށަހެޅިފައި
މާލެ އަކީ "ކޮންކްރީޓް ޖަންގައްޔެކޭ" މީހުން ބުނެ އުޅެނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އޭގައި އޮތް ސީދާ މާނަ އާއި ފޮރުވިފައިވީ މާނަ ވެސް ވަރަށް ފުނެވެ. އަދި މި ވަނަމަކީ މާލެ އަށް ކިޔަން ވަރަށް ފުރިހަމަ ވަނަމެއްކަން މި ވަނީ އިއްޔެ މި ރަށުގައި ހިނގި ހިތާމަވެރި ހާދިސާއަކުން ވެސް އެނގި ހާމަވެގެން ގޮސްފަ އެވެ.
އިމާރާތެއްގެ ހަ ވަނަ ބުރިން ހަތް މަހުގެ ތުއްތު ކުއްޖަކާއި އޭނާގެ މާމައަކު ވެއްޓި ލިބުނު ސީރިއަސް އަނިޔާތަކަށް ފަރުވާ ހޯދަމުން ދަނިކޮށް އެ ކުޑަކުއްޖާ މަރުވީ އެވެ. މި ދެ މީހުން ވެއްޓުނީ "އެމީހުންގެ މަރަށެވެ." އިމާރާތުގައި ހަދަން ފަށައި ނުނިންމައި ހުރި ލިފްޓް ގޮޅިއެއްގެ ތެރެއަށެވެ.
މިއީ މި ކޮންކްރީޓް ޖަންގަލީގެ މަރުގެ ސިލްސިލާ އަށް ބަލާއިރު "މަރަށް ތައްޔާރުކޮށްފައިވާ" އެންމެ ފުން އަދި އެންމެ ނުރައްކާތެރި އަނދަވަޅަށް ވެއްޓި ހިނގި ހިތާމަވެރި ހާދިސާއެކެވެ. މިސާލަކަށް އުމުރުން 57 އަހަރުގެ މުސްކުޅި އަންހެނަކާއި ހަތް މަހުގެ ތުއްތު ކުއްޖަކު ހަނި ލިފްޓްފޮޅިއެއްގެ ތެރެއަށް ގޭގެ ހަ ވަނަ ބުރިން ވެއްޓިގެން ގޮސް ބިންމަތީގައި ޖެހޭނެ ގޮތާއި ލިބޭނެ އަނިޔާ ހިޔާލަށް ގެންނަވާށެވެ.
އަނެއްކޮޅުން އެ ދެ މީހުން ވެއްޓުނު ގޮޅިއަކީ އިމާރާތްކުރަން ބޭނުންކުރާ ދަގަނޑު ހޮޅީގެ ހާއްޔެއްހެން އޮތް ތަނެކެވެ. ޖަންގަލީގައި އުދުހި އުޅޭ ދޫނިތައް ބިސްއަޅަން އެކި ތަންތަނުން ގޮފިކޮޅުތައް ހިފައިގެން ގޮސް ތައްޔާރުކުރާ ފަދަ ހާއްޔެކެވެ.
ތަފާތަކީ މާމަ އާއި ތުއްތު ދަރިފުޅު ވެއްޓުނީ "ކޮންކްރީޓް ޖަންގަލީ" ގެ އުސޫލަށް ފުރިހަމަކޮށްފައިވާ "މަރުގެ ދާނަކަށް" ވީކަމެވެ.
ލިފްޓް ބަހައްޓަން، ފަސް ބުރީގެ އިމާރާތްތަކުގައި ގަވާއިދަކުން މަޖުބޫރުކޮށްފައިވިޔަސް އިމާރާތްތައް ފަސްބުރިއަށް ވުރެ މައްޗަށް ނަގައި މީހުންނަށް ކުއްޔަށް ދޭން ފަށާއިރު ވެސް މިފަދަ ގިނަ އިމާރާތްތަކުގައި ލިފްޓް ގޮޅި ހުންނަނީ އެތައް އަހަރެއް ވަންދެން ހުސްކޮށެވެ.
މިސާލަކަށް އިއްޔެ މި ހިތާމަވެރި ހާދިސާއެއް ހިނގި ހ. ފެންނާގެ އަކީ ދިރިއުޅެން އެ ގެ ބޭނުންކުރުމުގެ ހުއްދަ ހައުސިން މިނިސްޓްރީން 1998ގައި ނުވަތަ އެއަށް ވުރެ ވެސް ކުރިން ދީފައިވާ ގެ އެވެ.
މާނަ އަކީ މި އޮތްހާ ދުވަހު އެގޭގެ ލިފްޓް ގޮޅި ހުރީ، މަރުގެ އަނދަވަޅެއްހެން ހުސްކޮށް ކަމެވެ. އަދި އެތަނަށް މީހަކު ވެއްޓި މަރުވުމުގެ ކުރިން އެ ތަނުގައި ލިފްޓް ހަރުކޮށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ފުރުސަތު ވެސް ގޭގެ ވެރިފަރާތަށް އޮތް ކަމެވެ.
ނަމަވެސް "ކޮންކްރީޓް ޖަންގަލީގައި" އޮންނާނީ ނުވަތަ ހިނގާނީ ޖަންގަލީގެ އުސޫލު ކަމަށްވުމުން ލިފްޓް ގޮޅި ވެސް އޭގެ ގޮތުގައި ޝިކާރައަށް ނުކުމެ އަނގަ ތަންމިނަށް ހުޅުވައިގެން އޮތީ އެވެ. ލިފްޓް ގޮޅީގެ ޝިކާރަ އަށް ނުކުންނަން ނުކެރި އާންމު ނިކަމެތި މީހާ އާއި އޮފިޝަލުން ވެސް ފަރުވާކުޑަކަމުގެ ނިދީގައި ގުގުރިދަމާލަދަމާލަ ތިބީ އެވެ.
ފާހަގަކޮށްލަން ޖެހެނީ މިއީ މާލޭގެ އިމާރަތަކުން މިގޮތަށް ލިފްޓް ގޮޅިއަކަށް ވެއްޓި މަރުގެ ފުރަތަމަ ހާދިސާ ވެސް ނޫން ކަމެވެ. މިފަދަ ހިތާމަވެރި އެހެން ހާދިސާއެއް މީގެ ހަތަރު އަހަރު ކުރިން ވެސް، ހަމަ އޮކްޓޯބަރު މަހެއްގެ 10 ވަނަ ދުވަހެއްގައި ހިނގާފައި އެބަހުއްޓެވެ.
އުމުރުން 35 އަހަރުގެ އެ މީހާ، 2011 ވަނަ އަހަރު ހިނގި އެ ހާދިސާގައި މަރުވީ ހަދަމުން ދިޔަ އެ އިމާރާތުގެ ފަސް ބުރީގައި މަސައްކަތުގައި އުޅެނިކޮށް ލިފްޓް ގޮޅި ތެރެއަށް ވެއްޓި ބޮލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެންނެވެ. ފާހަގަކޮށްލަން ޖެހެނީ މި ހާދިސާއެއް ހިނގި ގެއަކީ ވެސް ލިފްޓް ހަރުނުކޮށް މީހުން ދިރިއުޅެމުން ދިޔަ ގެއެއް ކަމެވެ.
"މާލޭގެ އުސް ގިނަ ގޭގޭގައި ހުންނާނީ ލިފްޓެއްގެ ބަދަލުގައި ލިފްޓް ގޮޅި އެކަނި. ދެން ކުއްޔަށް ހިފަން މީހުން ދިޔައީމަ ބުނާނެ ދެ ތިން މަސް ތެރޭގައި ލިފްޓް ހަރުކޮށް ނިމޭނެއޭ. އެކަމަކު ކުއްޔަށް ހިފައިގެން އެ ގެއެއްގައި ދިރިއުޅޭތާ ފަސް އަހަރުވާއިރު ވެސް ލިފްޓްގެ ބަދަލުގައި ހުންނާނީ އެއްކަލަ ހުސް ގޮޅި،" މާލޭގެ އުސް އިމާރާތަކުން އެޕާޓްމެންޓެއް ކުއްޔަށް ހިފައިގެން އުޅޭ އާންމުންގެ މީހަކު ނަން ނުޖެހުމަށް އެދި ކިޔައިދިނެވެ.
އޭނާ ބުނީ އެމީހުން ދިރިއުޅޭ އިމާރާތުގައި ވެސް ލިފްޓް ހަރުނުކޮށް ހުންނަތާ މިހާރު އެތައް ދުވަހެއް ވެއްޖެ ކަމަށެވެ.
އިމާރާތްކުރުމުގެ ގާނޫނާއި ގަވާއިދު ރާއްޖޭގައި އޮތީ ލިޔުމުގައި ހަރުކަށިކޮށެވެ. މިސާލަކަށް މީހުން ދިރިއުޅޭ އިމާރާތެއްގައި ރައްކާތެރި ނޫން ގޮތަކަށް އެފަދަ ލިފްޓް ގޮޅިއެއް ހުސްކޮށް ބަހައްޓައިގެން ވެސް ނުވާނެ އެވެ. ތުއްތު ކުއްޖާ އާއި މާމަ ވެއްޓުނު ލިފްޓް ގޮޅި ހުރި އިމާރާތުގެ ފްލޯތަކުގައި އެ ގޮޅިއާ ދިމާލުގައި ކުރިން ތިރި ފާރުބުރިއެއް ރާނާފައި ހުއްޓަސް އެއީ ވެސް ރައްކާތެރިކަމުގެ ފުރިހަމަ ފިޔަވަޅެއް ކަމަކަށް ބެލެވޭނެ ޖާގައެއް ނެތެވެ.
އިމާރާތެއް ނިންމައި އެތަނެއްގައި މީހުން ދިރިއުޅުމުގެ ހުއްދަދޭއިރު ކަމާ ބެހޭ ފަރާތްތަކުން އެތަނަކަށް ގޮސް ބަލައި ޗެކްކޮށް ހަދާ ކަމަށް މިނިސްޓަރު މުހައްމަދު މުއިއްޒު ވަނީ އިއްޔެ ވެސް ވިދާޅުވެފަ އެވެ. ލިފްޓް ގޮޅި މިގޮތަށް ހުޅުވިފައި ނުވަތަ ހުސްކޮށް ނުބޭއްވުމާއި ބެލްކަނީގައި ދަނގަޑު ނުވަތަ ފެންސް ޖަހައި ސަލާމަތީ ގޮތުން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ވެސް ފުރިހަމަކުރަން ޖެހެ އެވެ.
މީގެ އިތުރުން ސިޑީގެ އަރިމަތީގައި ހަރުކުރަން ޖެހޭ ދަނގަޑުތައް ހަރުކުރުމަކީ ކޮންމެހެން ބާރުއަޅާ ކަންކަމެވެ. ނަމަވެސް މި ދެންނެވި ޝަރުތު ފުރިހަމަ ނުވެ، ދިރިއުޅުމުގެ ހުއްދަ ލިބިގެން އާންމުންނާ އެކު ތޮއްޖެހިފައިވާ ކިތައް އިމާރާތް މި މާލެއިން ހޯދިދާނެ ހެއްޔެވެ؟
މިސާލަކަށް އިމާރާތަކުން ކުއްޖަކު ވެއްޓުމުގެ ހިތާމަވެރި އަދި ފާހަގަކޮށްލަން ޖެހޭ ހާދިސާއެއް 2009 ވަނަ އަހަރު ވެސް މާލޭގައި ހިނގި އެވެ. އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކު ވެއްޓުނީ އޭނާ ދިރިއުޅުނު އެޕާޓްމަންޓްގެ ބެލްކަނީގައި ރާނަން ޖެހޭ ފާރުބުރި ނުރާނައި ނުވަތަ އެތަނުގައި ރައްކާތެރިކަމުގެ އެއްވެސް ހުރަހެއް ގާއިމުނިކޮށް ހާމައަށް ދޫކޮށްލާފައި ހުއްޓަ އެވެ.
އެ ތަނުގައި ދިރިއުޅޭނެ ބަޔަށް އެ ތަން ކުއްޔަށް ދިންއިރު އެ ގޭގެ ވެރިމީހާ އަށް އެތަން ނުނިމޭކަމާއި މީހުން އެތަނުގައި ދިރިއުޅުން ރައްކާތެރި ނޫންކަން އެނގޭނެ ނޫންހެއްޔެވެ؟ ރަސްމީ ފަރާތްތަކުން އެ ގެ ބަލައި ފާސްކުރީ ލޮލުގައި ކަނު ބަނދެގެން ތޯ މިއީ ވެސް އުފެދޭ ސުވާލެކެވެ. އަނެއްކޮޅުން ކުއްޔަށް އެ ގެ ހިފި މީހުންގެ ޒިންމާދާރުކަމާ މެދު ވެސް ސުވާލު އުފެދެ އެވެ.
ހަގީގަތަކީ މިފަދަ ހިތާމަވެރި ހާދިސާތައް މާލޭގައި ތަކުރާރުވަމުން އަންނައިރު ކަންކަން ބަލަން ޖެހޭ މިންވަރަށް ނުވަތަ ރައްކާތެރިވުމަށް އަޅަން ޖެހޭ ފުރިހަމަ ފިޔަވަޅުތަކަށް އެއްވެސް ބަޔަކު މާ ބޮޑު ސަމާލުކަމެއް ނުދޭ ކަމެވެ.
ފަހަރެއްގައި ދިވެހިން ދިވެހިންނަށް ވަނީ ވެސް މި ސަބަބާ ހެދި އެވެ. އިމާރާތްކުރުމުގެ ނުރައްކާތެރި ހާދިސާތަކާއި ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތަކަށް ބެލި ނަމަވެސް ދިވެހިން ދުރާލައި މިފަދަ ނުރައްކާތަކަށް އަމަލީ ގޮތުން ތައްޔާރުނުވާކަން ފާހަގަކޮށްލެވޭނެ އެވެ.
އަނެއް ބޮޑު މައްސަލައަކީ އިހުމާލުގެ ބޮޑު ކުށެވެ. އިމާރާތްތަކުން، ހާއްސަކޮށް ކުޑަކުދިން ވެއްޓި އަނިޔާ ލިބުމާއި މަރުވުމުގައި އެ ކުދިންގެ ބެލެނިވެރިންގެ އިހުމާލުގެ މައްސަލަ ބޮޑުކަން ފާހަގަކޮށްލެވެ އެވެ. މިސާލަކަށް ފަހުގެ ތާރީޚުތަކުގައި ހިނގާފައިވާ މިފަދަ ހާދިސާތަކާ ބެހޭ ޚަބަރުތައް ހޯދައި ބެލިޔަސް ބެލެނިވެރިންގެ ފަރުވާކުޑަކަމުގެ ސަބަބުން ހިނގާފައިވާ އެތައް ހާދިސާއެއް ފެންނާނެ އެވެ.
މިސާލަކަށް 2011 ވަނަ އަހަރު މާލޭގެ އުސް އިމާރާތެއްގެ ބެލްކަނީން ކުއްޖަކު ވެއްޓި އަނިޔާލިބުނުއިރު އޭނާ ވެއްޓިފައި ވަނީ ބެލްކަނީ ކައިރީގައި ގޮނޑިއެއް ބަހައްޓައިގެން އޭގެ މައްޗަށް އަރައި ބޭރަށް ބޯ ދިއްކޮށްގެން އޮތްވަ އެވެ.
ހަމަ މިފަދަ ގޮތަކަށް ބެލްކަނީގައި ބަނޑު އަޅައިގެން ބޭރު ބަލަން އޮތް ހަ އަހަރުގެ ކުއްޖަކު 2004 ވަނަ އަހަރު ވެސް މާލޭގެ އިމާރާތެއްގެ ދެ ވަނަ ބުރިން މަގުމައްޗަށް ވެއްޓި އަނިޔާ ލިބިފައިވެ އެވެ. ހަމަ އެ އަހަރު އެ ގެއެއްގެ ބެލްކަނީއަކުން ތިން ކުއްޖަކު މަގުމައްޗަށް ވެއްޓިފައިވެ އެވެ.
ކުރީގެ ވާހަކަތަކެއް ދައްކާނެ ކަމެއް ނެތެވެ. އިއްޔެ ހިނގި ހާދިސާއެއް ހިނގުމުގެ ކުރިން، މި މަހުގެ އެއް ވަނަ ދުވަހު ވެސް ފަސް ގެއެއްގެ ފަސް ވަނަ ބުރިން 11 އަހަރުގެ ކުއްޖަކު ވެއްޓި އަނިޔާ ލިބިގެން މަރުވެފައިވެ އެވެ. އޭނާ ވެސް ވެއްޓުނީ ބެލްކަނީންނެވެ. ބެލްކަނީ ކައިރީގައު ބަހައްޓާފައި ހުރި ދޮންނަ މެޝިނެއްގެ މައްޗަށް އަރައިގެން އުޅެނިކޮށް ކައްސާލައިގެން ދިޔަގޮތަށް މަގުމައްޗަށް ވެއްޓުނީ އެވެ.
އެހެންވީމަ އިމާރާތްތަކުން ކުދިން ނުވަތަ މީހުން ވެއްޓި މަރުވުން އިތުރުވާތީ ނުވަތަ މި މައްސަލައަށް އެދެވޭ ހައްލެއް ނުލިބިގެން ކަމާ ބެހޭ ފަރާތްތަކާއި މާލޭގައި ގެދޮރު ކުއްޔަށް ދޭ ފަރާތްތައް އެކަނި ކުށްވެރިކުރެވޭކަށް ނެތެވެ. މިއީ ޖުމްލަކޮށް މުޖުތަމައު ކުށްވެރިވާ މައްސަލައެކެވެ.
"ހޭލުންތެރިކަން އިތުރުކުރަންވީ. ކަމާ ބެހޭ މުއައްސަސާތަކުން ގޭގެ މީހުން ދިރިއުޅެމުންދާ ހާލަތު ބަލައި ގަވާއިދުން އެކަން ކުރިއަށް ގެންދަންވީ. އާންމުންނަށް ރައްކާތެރިކަމާ އެކު ބޯހިޔާވަހިކުރެވޭނެ ގޮތެއް މި ރާއްޖެއަކު ނެތް،" މިއީ އާންމުންގެ މީހެއްގެ ހިޔާލު ހުރި ގޮތެވެ.
ޔަގީނަށް ވެސް ބޯހިޔާވަހިކަން ނުވަތަ ރައްކާތެރިކަމާ އެކު ބޯހިޔާވަހިކޮށްލުމުގެ ފުރުސަތަކީ ދިވެހިންނަށް ނުލިބި އޮތް އެންމެ އަސާސީ އެންމެ ބޮޑު ހައްގެވެ. ފަހަރެއްގައި ބޯހިޔާވަހިކަމުގެ މައްސަލަ މިހާރު އޮތް ހާލަތަށް ވެއްޓިގެން ދިއުމުގެ އަސްލަކީ ވެސް މިއީ އެވެ.
ގެދޮރުގެ ދަތިކަން ބޮޑު މި މާލޭގައި އިމާރާތެއް އަޅަން ގޭގެ ޗާޓު ކުރަހައި ނިމޭ ހިސާބުން މީހުން އެތިބެނީ އެ ގެއަކުން ތަންކޮޅެއް ކުއްޔަށް ހިފަން ކިޔޫގައި ޖެހިގެންވިއްޔާ އެވެ. މި ހާލެއްގައި ދިރިއުޅޭއިރު ނިންމަން ހުންނަ އިމާރާތް ނިމެންދެން ކެތްކުރާނީ ވެސް ކިހިނެތް ހެއްޔެވެ؟