ދުނިޔެ

ޕާކިސްތާނުގެ މައިނެއްގައި 19 މީހުން މަރުވެއްޖެ

Sep 9, 2020

ޕާކިސްތާނުގައި މާބުލް ނަގާ ވަޅެގައި ހިނގި ހިތާމަވެރި ހާދިސާއެއްގައި 19 މީހުން މަރުވެ އެތަައް ބަޔަކު ތާށިވެއްޖެ އެވެ. ހިތާމަވެރި މި ހާދިސާ ހިނގީ ހައިބަރު-ޕަކްތުންހުއާ ޕްރޮވިންސްގެ މޮހްމަންޑް ޑިސްޓްރިކްޓްގަ އެވެ. އިއްޔެ މި ހާދިސާ ހިނގީ މަތީން ފުރޮޅާލައިގެން މާބުލް ނަގާ މައިން ތެރެއަށް ބޮޑު ގަލެއް ވެއްޓުމާއި ގުޅިގެނެވެ.

ޕާކިސްތާންގެ މޮހްމަންޑް ޑިސްޓްރިކްގެ ފުލުހުންގެ ވެރިޔާ ތޯރިގް ހަބީބު ވިދާޅުވި ގޮތުގައި ހާދިސާއަށް ފަހު ވަޅުގަނޑުގެ ކުނިބުނީގެ ތެރެއިން ވެސް ހަތް މީހެއްގެ ހަށިގަނޑު މީހުން ހޯދުމާއި ސަލާމަތް ކުރުމުގެ މަސައްކަތުގައި އުޅޭ ޓީމްތަކުން ހޯދާފައި ވެއެވެ. އަދި ޒަހަމްވެފައިވާ 20 މީހަކު ހޮސްޕިޓަލަށް ގެންގޮސްފައި ވެއެވެ.

އޭއެފްޕީ ނިއުސް އެޖެންސީ އާއި ވާހަކަފުޅު ދައްކަވަމުން ޕްރޮވިންޝަލް މިނިސްޓާ ފޯ މައިންސް ވިދާޅުވީ މައިންގެ ތެރޭގައި އަދި ވެސް އިތުރު 20 ނޫނީ 25 މީހުން ތާށިވެފައިވާނެ ކަމަށް ބެލެވެއެވެ. މާބްލް ނަގާ އެ ވަޅު ހުންނަނީ އަފްޣާނިސްތާން ބޯޑަރާ ކައިރީގައި އޮންނަ މޮހްމަންޑްގެ ޒިއަރަޓް އޭރިއާގަ އެވެ. މި އޭރިއާއަކީ ވަރަށް މަތީ ފެންވަރުގެ މާބްލް ހުންނަ ތަނެކެވެ. އަދި މިތަނުން މާބްލް ނަގައިގެން އެހެން ގައުމުތަކަށް އެކްސްޕޯޓް ކުރެ އެވެ.

އޮފިޝަލުން ވިދާޅުވާ ގޮތުގައި ނުރައްކާތެރި މި ހާދިސާ ހިނގަން މެދުރިވި ސަބަބު ތަހުގީގު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. ޕާކިސްތާންގެ މައިންތަކަކީ ސަލާމަތީ ފިޔަވަޅުތައް ވަރަށް ދަށްކޮށް ހުންނަ ތަންތަނެވެ. ކޮންމެ އަހަރަކު މައިންތަކުގައި ހިނގާ ނުރައްކާތެރި ހާދިސާތަކުގައި އެތައް ބަޔަކު މަރުވެ އެވެ.

މިގޮތުން 2011 ވަނަ އަހަރު ބަލޯޗިސްތާންގެ ސޮރޭންޖް އަވަށުގެ މައިނެއްގައި ހިނގި އެއްޗެއް ގޮވުމުގެ ހާދިސާގައި 43 މީހުން މަރުވި އެވެ. އަދި 2018 ވަނަ އަހަރުގައި ބަލޫޗިސްތާންގެ މަރްވަރްގައި ހުރި ބޯޓުދެލި ނަގާ މައިނެއްގައި މީތޭން ގޭސް ލީކްވެ ބޮޑު ގޮވުމެއް ގޮވައި ފުރާޅެއް ވެއްޓުމުގެ ސަބަބުން 16 މީހުން މަރުވި އެވެ.