ރިޕޯޓް

ކެންސަރަށް 0 - ޑރ. ޝަކީލާ އަށް 3: އަދިވެސް ހަމަ އެ ހިތްވަރުގައި!

"ކެންސަރު ހުރިކަން އެނގުނު ވަގުތު ފަސް މިނެޓު ވަންދެން ހިތައް އެރީ ހަޔާތް ނިމި މުޅިދުނިޔެ ނިމިގެން ދިޔައީއޭ ދެން. ނަމަވެސް އެ މާޔޫސް ކަންމަތީ ދެން ހިތަށް އެރީ މި ބަލީގައި ބިރުން ރޯން އޮތަސް ހައްލެއް ނުލިބޭނެއޭ. ފަހުވަގުތާއި ޖެހެންދެން ހިއްވަރާއެކު ކެންސަރާ ހަނގުރާމަ ކުރާނީއޭ"

މިއީ އުރަމަތީގެ ކެންސަރަށް ހާއްސަ މި އޮކްޓޯބަރު މަސް ފާހަގަކުރުމަށް ހުވަރީ ބިލްޑިންގްގައި މިއަދު ބޭއްވި ހޭލުންތެރިކުރުމުގެ ކެމްޕެއިންގައި ހާއްސަ މެހްމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެން ކުރީގެ ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ އެކަމަނާގެ އަމިއްލަ ތަޖުރިބާގެ ވާހަކަ ހިއްސާކުރައްވަމުން ވިދާޅުވި ވާހަކަކޮޅެކެވެ.

ޝަކީލާ އަކީ ތިން ފަހަރެއްގެ މަތިން ކެންސަރުގެ ނުރައްކަލާ ކުރިމަތިލައި ކުރި ހޯއްދަވާފައިވާ ހިތްވަރުގަދަ އަންހެން ބޭކަނބަލެކެވެ.

ޝަކީލާ އަކީ ތިން ފަހަރެއްގެ މަތިން ކެންސަރުގެ ނުރައްކަލާ ދެކޮޅަށް ހަނގުރާމަ އަށް ނުކުމެވަޑައިގެންނެވި ހިތްވަރުގަދަ އަންހެނެކެވެ. އޭނާ މިއަދު ސަލާމަތުން ދުނިޔޭގައި ހުންނެވުމުގެ އެއް ސިއްރަކީ ވެސް އެ ދުވަހު ނެރުއްވި ހިތްވަރެވެ.

"އަޅުގަނޑުގެ ބައްޔަށް ފަރުވާ ހޯދަން ފެށީމަ މީސް މީހުން ފާޑުފާޑުގެ އެއްޗެހި ވެސް ކި. ނަމަވެސް އަޅުގަނޑު ދިނީ ބީރުކަންފަތެއް. އަޅުގަނޑު ބެލީ ކެންސަރާ ހަނގުރާމަކުރަމުން ވެސް ހަޔާތުގައި ކުރިޔަށް ދާން،" ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި މި ބައްދަލުވުމުގެ ތެރެއިން އާންމުންނާ މުހާތަބުކުރައްވައި އަމިއްލަ ތަޖުރިބާ ހިއްސާކުރައްވަމުން ޝަކީލާ ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވީ އޭނާ ކެންސަރުގެ ނުރައްކަލުން ސަލާމަތްވީ ޝައްކެއްގެ ތެރެއިން ދޫނުދެއްދައި ހެއްދެވި ސިލްސިލާ ޓެސްޓްތަކެއްގެ ސަބަބުން ކަމަށެވެ.

"އެންމެ ފުރަތަމަ މެމޮގްރާމް އާއި އަލްޓްރާ ސަައުންޑް ސްކޭނުން ނުވަތަ ބްލަޑް ޓެސްޓަކުން ކެންސަރު ހުރި ކަމަކަށް ނުދެއްކި. އެހިސާބުން ކަންބޮޑުވެގެން އިތުރު ޓެސްޓްތައް ހެދުމުގެ ސަބަބުން ކުރިއާލައި އަޅުގަނޑަށް އެނގުނީ ކެންސަރު ހުރިކަން،" ޝަކީލާ ވިދާޅުވި އެވެ.

ޝަކީލާ ވިދާޅުވީ ކެންސަރު ހުރިކަން އެނގުނު ހިސާބުން ފެށިގެން ހިތްވަރެއް ދޫކޮށްނުލައްވާ ކަމަށެވެ. ޝަކީލާ ވިދާޅުވާ ގޮތުން މިއަދު އޭނާ ފެންނަ މީހަކަށް އޭނާ އަކީ ކެންސަރުގެ ބަލި ތަޖުރިބާކޮށްފައިވާ މީހެއްކަން ނޭނގެނީ އެ ހިތްވަރެއް އެގޮތުގައި ކުރިއަށް ނެރުއްވުމުގެ ސަބަބުން ކަމަށެވެ.

"ފަސް ނުޖެހި ކުރިޔަށް ދިޔުމުގެ ނަތީޖާއަކީ މިއަދު އަޅުގަނޑަށް ބަލާލައިފައި އަޅުގަނޑަކީ އަކީ މިފަދަ ބައްޔަކާ ހަނގުރާމަ ކޮށްފައި ހުރި މީހެއް ކަމަށް މީހުން ނުބުނާނެ. އެންމެ ދަތި ވަގުތުތަކުގައި ވެސް އަޅުގަނޑު ދިޔައީ ކެރިގެން މީހުންގެ ބަސްތަކަށް ނުބަލައި،" ޝަކީލާ ވިދާޅުވި އެވެ.

"އަޅުގަނޑު ދޭން ބޭނުންވާ މެސެޖަކީ ކެންސަރު ބައްޔަކީ މީހާ ނިކަމެތިކޮށްލާ މުޖުތަމައުގައި ބޭކާރުކޮށްލާ ބައްޔެއް ނޫން ކަމާއި މި ބައްޔާ ހަނގުރާމަ ކުރަން ބޭނުން ވާނީ ވަރުގަދަ ހިއްވަރަކާއި އަގީދާއެއްކަން."

ޔަގީނަށް ވެސް ޝަކީލާ އަކީ އެ ނަމޫނާގެ ފުރިހަމަ މިސާލެކެވެ.

ހުރަވީ ބިލްޑިންގްގައި މިއަދު ބޭއްވި ހަފުލާގައި ޝަކީލާ އެކަމަނާގެ ކެންސަރުގެ ތަޖުރިބާ އާންމުންނާ ހިއްސާކުރެއްވިއިރު އުރަމަތީގެ ކެންސަރާ ގުޅޭ ގިނަ މައުލޫމާތުތަކެއް އެކި ތަޖުރިބާކާރުން އާންމުންނާ ހިއްސާކޮށް ލީފްލެޓް ފަދަ ލިޔުންތައް ބަހާފައިވެ އެވެ.