ގައުމީ އިނާމް

ގައުމީ އިނާމަށް 94 ފަރާތް ކުރިމަތިލައިފި

Sep 10, 2020

މި އަހަރުގެ ގައުމީ އިނާމަށް 94 ފަރާތަކުން ނަން ހުށަހަޅައިފި އެވެ.

ރައީސް އޮފީހުގައި އޮންނަ ގައުމީ އިނާމާބެހޭ ކޮމިޓީން ބުނީ ގައުމީ އިނާމަށް ނަން ހުށަހެޅި ފަރާތްތައް ޝަރުތު ހަމަވޭތޯ ބެލުމާއި، ފޯމުތައް ދިރާސާ ކޮށް ޕޮއިންޓް ދިނުމުގެ މަސައްކަތް ކޮމެޓީން ކުރާ ކަމަށެވެ. މި އަހަރު އިނާމު ދޭނީ މައިގަނޑު 33 ދާއިރާއަކުން ކަމަށެވެ.

ގައުމީ އިނާމަށް މިއަހަރު ހުށަހެޅި 94 ނަމަކީ އެ 33 ދާއިރާގެ ތެރެއިން 26 ދާއިރާއަކަށް ހުށަހެޅި ނަންތަކެވެ.

ގައުމީ އިނާމަކީ، ދިވެހި ގައުމާއި މުޖުތަމައުގެ ލާބައާއި މަންފާއަށް ވަކިވަކި ފަރުދުންނާއި، މަދަނީ މުއައްސަސާތަކުންނާއި، މަދަނީ ޖަމިއްޔާތަކާއި ޖަމާއަތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ދެމެހެއްޓެނިވި ކުރާ މަސައްކަތްތަކަށް ހިތްވަރު ދޭން ސަރުކާރުން ދޭ އެންމެ މަތީ އިނާމެކެވެ.

ސަރުކާރުން މި އިނާމު ފުރަތަމަ ދޭން ފެށީ އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމުގެ ނަމުގައި 1979 ވަނަ އަހަރުން ފެށިގެނެވެ. އޭގެ ފަހުން 2009 ވަނަ އަހަރުން ފެށިގެން މި އިނާމު ދެނީ ގައުމީ އިނާމުގެ ނަމުގައެވެ.

މިދިޔަ އަހަރުން ފެށިގެން ގައުމީ އިނާމު ދެމުން ގެންދަވަނީ ގައުމީ ދުވަހު އެވެ. ކުރީ ދެމުން އައީ ޖުމްހޫރީ ދުވަހުގެ ޖަލްސާގަ އެވެ.