އިދިކޮޅު ފަރާތްތައް

އިދިކޮޅުގެ ޒުވާނުން ދެވަނަ ސައިކަލް ބުރަކަށް

ޕީޕީއެމް އާއި ޕީއެންސީގެ ޒުވާނުން އިސްނަގައިގެން އަންނަ ހޮނިހިރު ދުވަހު ސައިކަލެއް ބުރެއް ބޭއްވުމަށް ނިންމައިފި އެވެ.

އިދިިކޮޅު ކޯލިޝަންގެ ޒުވާނުން ވަނީ މިިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ހަވީރުވެސް ސައިކަލެއް ބުރެއް ބާއްވާފައެވެ. އެ ސައިކަލު ބުރުގައި އެޗްޕީއޭގެ ގައިޑުލައިނާއި ހިލާފަށް އަމަލުކޮށްފައިވާތީ އިދިކޮޅު ކޯލިޝަންގެ އިސްވެރިން ވަނީ ޖޫރިމަނާކޮށްފައެވެ.

އެގޮތުން އިދިކޮޅުގެ އެޑްވައިޒަރު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އާއި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ދެ ނާއިބު ރައީސުން ކަމަށްވާ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އާއި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއު ވަނީ 1000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

އަންނަ ހޮނިހިރު ދުވަހު ޒުވާނުން ބާއްވާ ސައިކަލު ބުރާއި ގުޅިގެން ޕީޕީއެމްގެ ދެ ނާއިބު ރައީސުން ކަމަށްވާ އަހުމަދު ޝިޔާމް އަދި އިބްރާހިމް ޝުޖާއު މިއަދު ވަނީ ފުލުހުންނާއި ބައްދަލުކޮށްފައެވެ. މި ބައްދަލުވުން އޮތީ އިސްކަންދަރު ކޮށީގައެވެ. އެއީ ސައިކަލް ބުރު އޮންނާތީ ފުުލުހުން އަންގައިގެން ބޭއްވެވި ބައްދަލްވުމެކެވެ.

އެ ބައްދަލުވުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން މެންބަރު ޝިޔާމް ވިދާޅުވީ ހޮނިހިރު ދުވަހު އޮންނަ ސައިކަލު ބުުރުގައި އިދިކޮޅުގެ ލީޑަރުން ބައިވެރިވާނެ ކަމަށެވެ. އެއީ ޒުވާނުން އިންތިޒާމުކުރާ ހަރަކާތެއް ކަމަށާ އެއީ އިދިކޮޅު ދެ ޕާޓީން ރަސްމީކޮށް ބާއްވާ ހަރަކާތެއް ނޫން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ރައްޔިތުން ތިބީ ވަރަށް ދަތި ހާލަތެއްގައި ކަމަށާ އެހެން ކަމުން ރައްޔިތުން އިހުތިޖާޖު ކުރާނެ ކަމަށެވެ. ރައްޔިތުން ކުރާ ކޮންމެ އިހުތިޖާޖެއްގައި އެ ބޭފުޅުން ބައިވެރިވާނެ ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ.

"މިއީ އަޅުގަނޑުމެންގެ ހަރަކާތެއް ނޫން. ނަމަވެސް ރައްޔިތުން ކުރާ މިފަދަ ކޮންމެ އިހުތިޖާޖެއްގައި އަޅުގަނޑުމެން ބައިވެރިވާނަން،" ޝިޔާމް ވިދާޅުވިއެވެ.