ޝަރުއީ ނިޒާމަށް ސިޔާސީ ނުފޫޒު ވަރަށް ބޮޑަށް ވަދެފައިވާ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
މެންބަރު އާދަމް ޝަރީފް މިހެން ވިދާޅުވީ މަޝްހޫރު ވިޔަފާރިވެރިޔާ އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ ވިޔަފާރި ކުންފުނި ސަން ޓްރެވަލްސްގެ ބޭންކް އެކައުންޓްތައް ފްރީޒްކުރަން ސިވިލް ކޯޓުން އަމުރު ނެރުމާއި ގުޅިގެން އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ. ޝިޔާމްގެ ކުންފުނީގެ އެކައުންޓްތައް ފްރީޒުުކުރުމުގެ އަމުރު ސިވިލް ކޯޓުން ނެރުނީ މިިދިޔަ އާދިއްތަ ދުވަހުއެވެ. އެ އަމުރުގައި އެކައުންޓްތަކުގެ ތަފްސީލުތައް ސިވިލް ކޯޓަށް ފޮނުވަންވެސް ވަނީ އަންގާފައެވެ.
ޝަރީފް ވިދާޅުވީ ސަން ޓްރެވަލްގެ އެކައުންޓްތައް ފްރީޒު ކުުރުމުން އެންމެ ބޮޑު މާޔޫސްކަމެއްގައި ލިިބިފައިވަނީ އެ ކުންފުނީގައި މަސައްކަތް ކުރަމުންދާ ހާހަކަށްވުރެ ގިނަ ދިވެހި މުވައްޒިފުންނަށް ކަމަަށެވެ.
"މިއީ ވަރަށް ކަންބޮޑުވާ ކަމެއް. ކޮވިޑްގެ ބަލިމަޑުކަމުގައިވެސް އެއްވެސް މުވައްޒިފަކު ވަކި ނުކުރޭ. އެންމެންނަށްވެސް މުސާރަ ލިބުނު،" ކަންބޮޑުވުން ފާޅުކުރައްވާ ކުރެއްވި ޓްވީޓްގައި ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޝަރުއީ ނިޒާމަށް ސިޔާސީ ނުފޫޒު ވަރަށް ބޮޑަށް ވަދެފައިވާ ކަމަށެވެ.
މެންބަރު އަހުމަދު ޝިޔާމްގެ ވިޔަފާރި ކުންފުނި ސަން ޓްރެވަލްސްގެ ބޭންކް އެކައުންޓްތައް ފްރީޒްކުރަން ސިވިލް ކޯޓުން އަމުރު ނެރުނީ އެ ކުންފުންޏާއި ދެކޮޅަށް ހިލްޓަން އިންޓަނޭޝަނަލް ކުންފުނިިން ހުށަހަޅާފައިވާ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައަކާއި ގުޅިގެންނެވެ.