ހަބަރު

އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 27 ގައި

މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 27 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ އޮންނާނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ އޮންލައިން ވެބް އެޕްލިކޭޝަން "ފަހިވޯޓް" މެދުވެރިކޮށެވެ.

އަދި 27 ވަނަ ދުވަހުގެ ހަވީރު 4:00 ޖަހާއިރު އޮންނަ ޖަލްސާގައި މިމަހުގެ 10 ވަނަ ދުވަހާއި ހަމައަށް އެ ކުންފުނީގައި ހިއްސާދާރުންގެ ގޮތުގައި ރެޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ބައިވެރިވެވޭނެ ކަމަށް ވެސް އެމްޓީސީސީން ބުނެ އެވެ.

މި ޖަލްސާގައި ހިއްސާދާރުންނަށް ބަހާނެ ފައިދާ އާއި ގުޅޭގޮތުން ކުންފުނީގެ ބޯޑުން ނިންމާފައިވާ ނިންމުންތަކަށް ވޯޓަށް އެހުމާއި ކުރިއަށް އޮތް ދައުރަށް އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަން ކުރާނެ ފަރާތްތައް ކަނޑައެޅުމަށް އިންތިހާބު ބޭއްވުމަށް ވެސް އެޖެންޑާ ކޮށްފައި ވެއެވެ.

ހިއްސާދާރަކަށް ފައިދާގެ ގޮތިގައި މޫނުމަތީގެ އަގު ފަސް ރުފިޔާގެ ހިއްސާ އަކަށް ދެ ރުފިޔާ ބަހަން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިންމާފަ އެވެ. އެމްޓީސީސީ އަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 53 މިލިއަން ރުފިޔާ ލިބުނެވެ.