ހަބަރު

އެމްޑީޕީގެ އެންމެ އިސް ފަރާތާމެދު ސުވާލު އުފެދިއްޖެ

Sep 12, 2020
16

ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ އެންމެ އިސް ބޭފުޅަކީ އެ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ކަމަށް ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވުމުން އެކަމާ ގުޅޭގޮތުން ގިނަ ބަޔަކު ސުވާލު އުފައްދައިފި އެވެ.

ހަސަން ލަތީފު މި ގޮތަށް ވިދާޅުވެފައި ވަނީ، ނަޝީދު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ އަމިއްލަ މަސްހަލަތު އިސް ކޮށްގެން ބަދަލު ހިފުމުގެ ރޫހެއްގައި ޕާޓީ ގުރުބާން ކުރައްވައިގެން ކަމަށާއި އެއީ "ޣައްދާރުވުން" ކަމަށް ބުނެ އެކަން ޕާޓީގެ ފަރާތުން ހުއްޓުވައި ދިނުމަށް އެދި އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރު ޝުއައިބު އަލީ ފޮނުއްވި ސިޓީގެ ޖަވާބުގަ އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަޒީރު ކަމުގެ މަގާމުން އެކަހެރިވެވަޑައިގަތުމަށް ދަންނަވަން ރައީސް ނަޝީދު ހަސަން ލަތީފަށް ސިޓީއެއް ފޮނުއްވާފައި ވަނިކޮށް، އޭގެ ރައްދުގައި ޝުއައިބު ވަނީ ގިނަ ތުހުމަތުތަކެއް ކުރައްވައިފަ އެވެ.

އޭނާ ވިދާޅުވީ ރައީސް ނަޝީދު އަމަލު ކުރައްވާ ގޮތުން ޕާޓީގެ އިސް ބޭފުޅުންނާއި މި ސަރުކާރަށް ރައްޔިތުންގެ އިތުބާރު ގެއްލެމުންދާ ކަމަށެވެ.

އެހެންކަމުން ވަޒީރުންނަށް ނުފޫޒު ފޯރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތް އެމްޑީޕީގެ ޗެއާޕާސަންގެ ހައިސިއްޔަތުން ހުއްޓުވަން ކުރެވެން ހުރި މަސައްކަތްތައް ކުރެއްވުމަށް ހަސަން ލަތީފުގެ ކިބައިން ޝުއައިބް ވަނީ އެދިވަޑައިގެންފައި އެވެ.

އެ ސިޓީއާ ގުޅިގެން ޝުއައިބަށް ހަސަން ލަތީފު ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ އެމްޑީޕީގެ ރައީސްގެ މަގާމަކީ، ޕާޓީގެ އެންމެ އިސް މަގާމު ކަމަށާއި އަދި ސިޔާސީ ކަންކަމުގައި ޕާޓީ ތަމްސީލުކުރާ އަދި ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގުމުގެ ވާޖިބު އަދާކުރާ އެންމެ އިސް ފަރާތަކީ ޕާޓީގެ ރައީސް ކަަމަށެވެ.

އޭނާ ވިދާޅުވެފައި ވަނީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ރައީސް މުހައްމަދު ނަޝީދު ވިސްނުންފުޅު ޕާޓީގެ އާންމު މެންބަރުންނާ ހިއްސާ ކުރެއްވުމާއި އެ ވިސްނުންފުޅާއި އެއްގޮތަށް ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގެވުމުގެ އިސް ދައުރު އަދާ ކުރެއްވުމަކީ ޕާޓީގެ ރައީސްގެ މަސްއޫލިއްޔަތެއް ކަމަށެވެ.

މީގެ އިތުރުން، ފައްޔާޒުގެ މައްސަލައިގައި ރައީސް ނަޝީދު ޕާޓީގެ އުސޫލުތަކާއި ހިލާފަށް ޕާޓީގެ ވަސީލަތްތައް ބޭނުން ނުކުރައްވާ ކަމަށާއި ފައްޔާޒު މަގާމުން އެކަހެރިވެވަޑައިގަތުމަށް ދެންނެވުމަކީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ސިޔާސީ ނުހަމަ ނުފޫޒު ފޯރުވުން ކަމަށް ނުދެކޭ ކަމަށްވެސް ހަސަން ވިދާޅުވެފައިވެ އެވެ.

ނަމަވެސް، ގިނަ ބަޔަކު ދަނީ އެމްޑީޕީގެ އަސާސީ ގަވާއިދާ ހަވާލާދީ ހަސަން ލަތީފު ދެއްވި ޖަވާބު ސުވަލު އުފައްދަމުންނެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގެ 75 ވަނަ މާއްދާގައި ވަނީ "ޕާޓީ ދިވެހިރާއްޖޭގެ ވެރިކަމުގައި އޮންނައިރު އެއިރެއްގައި ހުރި ރައީސުލްޖުމްހޫރިއްޔާއަކީ ޕާޓީއަށް ނިސްބަތްވާ މީހެއްނަމަ، ޕާޓީގެ އެންމެ އިސް ފާރަތަކީ އޭނާ އެވެ. ޕާޓީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮންނައިރު ޕާޓީގެ އެންމެ އިސްފަރާތަކީ ޕާޓީގެ ރައީސް،" ކަމަށެވެ.

އެހެންކަމުން، މިވަގުތު އެމްޑީޕީގެ އިސް ފަރާތަކީ ރައީސް ސޯލިހު ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އިކޮނޮމިކް މިނިސްޓަރު ކަމުގެ މަގާމުން އެކެހެރިވެ ވަޑައިގަތުމަށް ނަޝީދު އެދިވަޑައިގެންނެވި ނަމަވެސް ކެބިނެޓްގެ މަގާމަކަށް އައްޔަން ކުރެއްވީ ރައީސް ސޯލިހު ކަމަށާއި އެ މަގާމުން އިސްތިއުފާ ދެއްވާނަމަ ދެއްވާނީ، ރައީސް އެދިވަޑައިގެންނެވުމުން ކަމަށް ފައްޔާޒު ވަނީ ވިދާޅުވެފަ އެވެ.

ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވަނީ ފައްޔާޒުގެ އިތުބާރު ނެތް ކަމަށް މަޖިލީހުގައި ވޯޓެއް ނަގާށެވެ. އެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަން ބޭނުން ވަނީ 10 މެމްބަރެއްގެ ސޮއެވެ. އެކަމަކު އެ މައްސަލަ މަޖިލިހުން ފާސް ކުރަން 44 ވޯޓް ބޭނުންވާނެ އެވެ. އެއީ މަޖިލީހުގެ އެ އަދަދަށް ވޯޓު ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީން ކަމެއް ރައީސް ނަޝީދަކަށް ލިބި ވަޑައިގެންފަ އެއް ނުވެއެވެ.