ޒުވާނުންތަކެއް އިސްނަގައިގެން މިއަދު ބޭއްވުމަށް ހަމަޖެއްސި ސައިކަލު ބުރުގައި ބައިވެރިވާން ދިޔަ ބައެއް ޒުވާނުން ހައްޔަރުކޮށްފި އެވެ.
އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި އިއުލާން ކޮށްފައި ވަނިކޮށް އަދި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާފައިވާ އެނގުންތަކާ ހިލާފަށް އެއްވުންތައް ނުބޭއްވުމަށް ފުލުހުން ވަނީ ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ. ނަމަވެސް އިދިކޮޅު ޕާޓީތަކަށް ތާއީދުކުރާ ޒުވާނުން ވަނީ މިއަދު ސައިކަލެއް ބުރެއް ބޭއްވުމަށް ނިންމާފައެވެ.
ރަސްފަންނު ސަރަހައްދުން ފެށުމަށް ހަމަޖެއްސި ސައިކަލު ބުރު ކުރިއަށް ނުގެންދެވޭނެ ކަމަށް ފުލުހުން ވަނީ އަންގާފައެވެ. އަދި ސައިކަލްބުރު ކުރިއަށް ގެންދާނަމަ ބާރުގެ ބޭނުންކޮށްގެން ހުއްޓުވާނެ ކަމުގެ އިންޒާރުވެސް ދީފައިވެއެވެ.
އެ ސަރަހައްދުގައި ހުރި އަވަސްގެ ރިޕޯޓަރު ބުނީ މީހުން ހައްޔަރުކޮށްފައިވަނީ ތަކުރާރުކޮށް އިންޒާރު ދިނުމަށްފަހު ކަމަށެވެ. ފުލުހުން ވަނީ އަޑުގަދަ ކުރާ ބޭނުންކޮށްގެން، މި ހާލަތުގައި އެއްވުންތައް ނުބޭއްވުމަށާއި އެއްވުންތައް ކުރިއަށް ގެންދާނަމަ ހައްޔަރުކުރާނެ ކަމުގެ އިންޒާރު އެ ދީފައެވެ.
ހައްޔަރުކުރީ ކިހާ އަދަދެއްގެ ޒުވާނެއް ކަމެއް ސާފުނުވި ނަމަވެސް ވިއްސަކަށް ޒުވާނުން ހައްޔަރުކުރި މަންޒަރު ވަނީ ފެނިފައެވެ.
މިއަދުގެ ސައިކަލު ބުރުގައި އިދިކޮޅު ދެ ޕާޓީގެ އިސް ބޭފުުޅުން ބައިވެރިވާނެ ކަމަށް ވަނީ އިއުލާނުކޮށްފައެވެ. ނަމަވެސް މިއަދުގެ ހަރަކާތަކީ ސީދާ އެ ދެ ޕާޓީން އިންތިޒާމު ކުރާ ހަރަކާތެއް ނޫން ކަމަށް ވަނީ ބުނެފައެވެ.
ސައިކަލު ބުރުގައި ބައިވެރިވުމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ދެ ނާއިބު ރައީސުން ކަމަށްވާ އިބްރާހިމް ޝުޖާއު އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްވެސް އެ ސަރަަހައްދަށް ވަޑައިގެންނެވިއެވެ.
އިދިިކޮޅު ކޯލިޝަންގެ ޒުވާނުން ވަނީ މިިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ހަވީރުވެސް ސައިކަލެއް ބުރެއް ބާއްވާފައެވެ. އެ ސައިކަލު ބުރުގައި އެޗްޕީއޭގެ ގައިޑުލައިނާއި ހިލާފަށް އަމަލުކޮށްފައިވާތީ އިދިކޮޅު ކޯލިޝަންގެ އިސްވެރިން ވަނީ ޖޫރިމަނާކޮށްފައެވެ.
އެގޮތުން އިދިކޮޅުގެ އެޑްވައިޒަރު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އާއި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ދެ ނާއިބު ރައީސުން ކަމަށްވާ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އާއި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއު ވަނީ 1000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.
ފުލުހުން ވަނީ ހައްޔަރުކުރި ޒުވާނުންގެ ސައިކަލްތައް ޓޯކުރަން ފަށާފައެވެ.
ސައިކަލު ބުރުގަައި ބައިވެރިވާންދިޔަ ޒުވާނުން ވަނީ މަޖީދީމަގުގައި ސައިކަލު ބުރު ކުރިއަށް ގެންދަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ގިނަ އަދަދެއްގެ އެސްއޯ ފުލުހުން ވަނީ ޒުވާނުންގެ ސައިކަލު ބުރަށް ހުރަސް އަޅާފައެވެ. އަދި ފުުލުހުންގެ ސަފުތައް ފަޅާލަން މަސައްކަތް ކުރުމުން ޕެޕާސްޕްރޭވެސް ވަނީ ޖަހާފައެވެ.
ޒުވާނުންގެ ސައިކަލު ބުރާ ދިމާކޮށް ކިންގް ސަލްމާން މިސްކިތް ކައިރީގައިވެސް އިދިކޮޅުގެ ސަޕޯޓަރުން ވަނީ މުޒާހަރާކޮށްފައެވެ. އެ ސަރައްހަދުގައި ތިބި މީހުންގެ ތެރެއިން ބައެއް މީހުންވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި އަންހެނުންވެސް ހިމެނެއެވެ.