މިއަދުގެ އެއްވުމުގެ ތެރެއިން 41 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އިދިކޮޅު ޕާޓީތަކަށް ތާއީދުކުރާ ޒުވާނުންތަކެއް އިސްނަގައިގެެން މިއަދު ސައިކަލު ބުރެއް ބޭއްވުމަށް ވަނީ މަަސައްކަތްކޮށްފައެވެ. ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމުގެ މި ހާލަތުގައި އެފަދަ ކަންކަމަށް ފުރުސަތު ނުދޭނެ ކަމަށް ބުނެ ފުލުހުން ވަނީ ސައިކަލު ބުރު ހުއްޓުވާފައެވެ. ސައިކަލު ބުރަށް ފުރުސަތު ނުދިނުމުން ބައެއް މީހުން ވަނީ ސަރުކާރާ ދެކޮޅަށް އަޑުއުފުލަމުން ހިނގާލާފައެވެ. އަދި މާލޭގެ ބައެއް ސަރަހައްދުތަކަށް އެއްވެ އަޑުއުފުލާފައިވެއެވެ. އެއްވުމުގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ދެންމެ ވިދާޅުވީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ރައްޔިތުން ނުރައްކަލުގެ ތެރެއަށް ހުށައެޅޭ ގޮތަށް އަދި އެޗްޕީއޭގެ ގައިޑްލައިންނާއި ހިލާފަށް އެއްވުމާއި ގުޅިގެން 41 މީހަކު ފުުލުހުންގެ ބެލުމުގެ ދަށައް ގެނެސްފައިވާ ކަމަށެވެ. ފުލުހުން ވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިސްކޮށް އެޗްޕީއޭގެ އެންގުންތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް އިލްތިމާސްކޮށްފައެވެ.
ސައިކަލު ބުރުގައި ބައިވެރިވާން ދިޔަ ގިނަ އަދަދެއްގެ ޒުވާނުންވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އަދި އެމީހުންގެ ސައިކަލުތައް ވަނީ ޓޯކޮށްފައެވެ. މީގެ އިތުރުން ހީނާމާގެ ކައިރިންވެސް ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ކިންގް ސަލްމާން މިސްކިތް ކައިރިންވެސް ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި އަންހެނުންވެސް ހިމެނެއެވެ.
މިއަދު އެއްވުން ރޫޅާލަން ފުލުހުން ވަނީ ޕެޕާސްޕްރޭވެސް ޖަހާފައެވެ. ފުލުހުން ޕެޕާ ސްޕްރޭ ބޭނުންކޮށްފައިވަނީ ހީނާމާގެ ޕާކިން ސަރަހައްދުންނެވެ. އޭރު އެ ސަރަހައްދަށްވެސް ގިނަ އަދަދެއްގެ ބަޔަކު އެއްވެ ސަރުކާރާ ދެކޮޅަށް ދިޔަައީ އަޑުއުފުލަމުންނެވެ.
މިއަދުގެ ސައިކަލު ބުރަކީ އިދިކޮޅު ދެ ޕާޓީއަށް ތާއީދުކުރާ ޒުވާނުން އިސްނަގައިގެެން ކުރިއަށް ގެންދަން މަސައްކަތްކުރި ސައިކަލު ބުރެއް ނަމަވެސް މިއީ ރަސްމީކޮށް އެ ދެ ޕާޓީން އިންތިޒާމުކުރާ ހަރަކާތެއް ނޫން ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް އެ ދެ ޕާޓީގެ އިސް ބައެއް ބޭފުޅުން ވަނީ މިއަދުގެ ހަރަކާތުގައި ބައިވެރިވެވަޑައިގެންފައެވެ. އޭގެ ތެރޭގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ދެ ނާއިބު ރައީސުން ކަމަށްވާ އިބްރާހިމް ޝުޖާއު އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ހިމެނިވަޑައިގަންނަވައެވެ.
އިދިިކޮޅު ކޯލިޝަންގެ ޒުވާނުން ވަނީ މިިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ހަވީރުވެސް ސައިކަލެއް ބުރެއް ބާއްވާފައެވެ. އެ ސައިކަލު ބުރުގައި އެޗްޕީއޭގެ ގައިޑުލައިނާއި ހިލާފަށް އަމަލުކޮށްފައިވާތީ އިދިކޮޅު ކޯލިޝަންގެ އިސްވެރިން ވަނީ ޖޫރިމަނާކޮށްފައެވެ.
އެގޮތުން އިދިކޮޅުގެ އެޑްވައިޒަރު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އާއި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ދެ ނާއިބު ރައީސުން ކަމަށްވާ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އާއި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއު ވަނީ 1000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.