ޒުވާނުން އިސްނަގައިގެން މިއަދު މާލޭގައި ކުރިއަށް ގެންދިޔަ އެއްވުމުގެ ތެރެއިން ހައްޔަރުކުރި މީހުން ދޫކޮށްލަން ޕްރޮގްރެސިވް ކޯލިޝަނުން ގޮވާލައިފި އެވެ.
އިދިކޮޅު ޕާޓީތަކަށް ތާއީދުކުރާ ޒުވާނުންތަކެއް އިސްނަގައިގެެން މިއަދު ސައިކަލު ބުރެއް ބޭއްވުމަށް ވަނީ މަަސައްކަތްކޮށްފައެވެ. ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމުގެ މި ހާލަތުގައި އެފަދަ ކަންކަމަށް ފުރުސަތު ނުދޭނެ ކަމަށް ބުނެ ފުލުހުން ވަނީ ސައިކަލު ބުރު ހުއްޓުވާފައެވެ. ސައިކަލު ބުރަށް ފުރުސަތު ނުދިނުމުން ބައެއް މީހުން ވަނީ ސަރުކާރާ ދެކޮޅަށް އަޑުއުފުލަމުން ހިނގާލާފައެވެ. އަދި މާލޭގެ ބައެއް ސަރަހައްދުތަކަށް އެއްވެ އަޑުއުފުލާފައިވެއެވެ. އެއްވުމުގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައިވެއެވެ.
ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޒުވާނުން އިސްނަގައިގެން މިއަދު މާލޭގައި ކުރިއަށް ގެންދިޔައީ ސުލްހަވެރި ސިޔާސީ ހަރަކާތެއް ކަމަށެވެ. އަދި މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އެޗްޕީއޭގެ މިންގަނޑާއި އެއްގޮތަށް ކަމަށެވެ. އިދިކޮޅުގެ ބަޔާނުގައި ވަނީ އެއްވުމުގެ ތެރެއިން ގިނަ އަދަދެއްގެ ޒުވާނުން ހައްޔަރުކޮށްފައިވާތީ އެކަން ކުށްވެރިކޮށްފައެވެ.
"މިއަދުގެ ހަރަކާތަކީ އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް ޒުވާނުން ރާވާ އިންތިޒާމުކުރި ހަރަކާތަކަށްވެފައި ޒުވާނުން ވަރަށް ސުލްހަވެރިކަމާއެކު ތިއްބާ ފުލުހުން އައިސް އެމީހުން ހައްޔަރުކުރުމަށް އަމަލުތައް ބެހެއްޓި ގޮތުން މިންގަނޑުތަކާއި ހިލާފުވެފައިވާތީ ކަންބޮޑުވަން،" އިދިކޮޅުގެ ބަޔާނުގައިވެއެވެ.
އަދި އެއްވުމުގެ ތެރެއިން ގިނަ އަދަދެއްގެ އަންހެނުން ހައްޔަރުކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާ އެ އެންމެން ވަގުތުން ދޫކޮށްލުމަށްވެސް ވަނީ ގޮވާލާފައެވެ.
"ރާއްޖެ އަޅުވެތި ކުރުމާއި ދެކޮޅަށް ރައްޔިތުން ކުރަމުންދާ އިހުތިޖާޖުތައް ނުހުއްޓުވުމަށާއި ގާނޫނު އަސާސީން ލިބިދީފައިވާ ސުލްހަވެރިކަމާއެކު އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް ނޭޅުމަށް ސަރުކާރަށް ގޮވާލަން،" އިދިކޮޅުގެ ބަޔާނުގައިވެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ރައްޔިތުން ނުރައްކަލުގެ ތެރެއަށް ހުށައެޅޭ ގޮތަށް އަދި އެޗްޕީއޭގެ ގައިޑްލައިންނާއި ހިލާފަށް އެއްވުމާއި ގުޅިގެން 41 މީހަކު ފުުލުހުންގެ ބެލުމުގެ ދަށައް ގެނެސްފައިވާ ކަމަށެވެ. ފުލުހުން ވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިސްކޮށް އެޗްޕީއޭގެ އެންގުންތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް އިލްތިމާސްކޮށްފައެވެ.