ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ބޮޑު ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި މިހާރު އެ މަޝްރޫއުގެ މަސައްކަތުން 18 ޕަސެންޓް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓިސީސީ) އިން ބުނެފި އެވެ.
އެ ހޮސްޕިޓަލް ބޮޑު ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލު ކޮށްފައި ވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ.
އެމްޓީސީސީން ބުނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ބޮޑުކޮށް މަރާމާތު ކުރުމުގެ މި މަޝްރޫއުގެ ދަށުން، ވޯޑް ބިލްޑިންގެ ފުރަތަމަ ބުރީގެ ލިފްޓުގެ ފާރު ކާސްޓް ކުރުމުގެ މަސައްކަތް ވެސް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ފުރަތަމަ ބުރީގެ ސިޑިގޮޅި މަރާމާތު ކުރުމުގެ މަސައްކަތުގެ 20 ޕަސެންޓް ވެސް ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ ދެވަނަ ބުރީގެގެ ސްލެބް އެޅުމަށް ތައްޔާރުވުމުގެ މަސައްކަތް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ލެބޯރެޓަރީ އަކާއި ވޯޑް އިމާތާތެއް އެޅުމުގެ އިތުރުން އޯޕީޑީ ސަރަހައްދު މަރާމާތު ކުރުމުގެ މަސައްކަތް ހިމެނޭ ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.
ޖުމުލަ 30.3 މިލިއަން ރުފިޔާގެ މި މަޝްރޫއު މޮބިލައިޒް ކޮށްފައިވަނީ މިއަހަރުގެ މެއި މަހުގެ 17 ވަނަ ދުވަހު އެވެ. އެމްޓިސީސީ އާއި މި މަސައްކަތް ހަވާލު ކޮށްފައިވަނީ 180 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ. ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން މި މަސައްކަތް 180 ދުވަސްތެރޭގައި ނިންމާނުލެވޭނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ.