ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ލަންކާގެ މައި އެއާޕޯޓު ހުޅުވުން އަނެއްކާވެސް ފަސްކޮށްފި

Sep 13, 2020

ކޮލޮމްބޯ (ސެޕްޓެމްބަރު 13) - ކޮވިޑް-19 އާ ގުޅިގެން މިހާރު ބަންދު ކޮށްފައިވާ އަވަށްޓެރި ސްރީލަންކާގެ މައި ބައިނަލްއަގުވާމީ އެއާޕޯޓް އަލުން ހުޅުވުން އަނެއްކާވެސް ފަސް ކޮށްފި އެވެ.

ބަންޑާރަނައިކަ އިންޓަނޭޝަލް އެއާޕޯޓް ބޭރުން އެތެރެވާ ޓޫރިސްޓުންނަށާއި ވިޔަފާވެރިންނަށް ހުޅުވާލުން މި ފަހަރު ފަސް ކޮށްފައި ވަނީ މުއްދަތެއް ނެތް ގޮތަށް ކަމަށް ލަންކާގެ ޓޫރިޒަމް މިނިސްޓަރު ޕްރަސަންނަ ރަނަތުންގަ މީޑިއާގައި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލަންކާގެ އެއާޕޯޓު ހުޅުވާނެ ތާރީހެއް ކަނޑައަޅާނީ އެކަމަށްޓަކައި ހެލްތު މިނިސްޓްރީގެ އިތުރުން ކޮވިޑް-19 އާ ގުޅިގެން އެކުލަވާލާފައިވާ ނެޝަނަލް ޓްސްކު ފޯހުގެ ހުއްދަ ލިބުމުން ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުގެ މައިގަނޑު ވިސްނުމަކީ ކޮވިޑު ފެތުރުން ކޮންޓްރޯލް ކުރުމުގެ އިތުރުން، ބޭރުގެ އެކި ގައުމުތަކުގައި ތާށިވެފައި ތިބި ލަންކާ ރައްޔިތުން އަނބުރާ ގެންދިއުން ކަމަށެވެ.

އެގޮތުން، ބޭރުގައި ތިބި ލަންކާ ރައްޔިތުން އަނބުރާ ގައުމަށް ގެންދެވެންދެން އެއާޕޯޓު ހުޅުވުން ފަސް ކުރުމަށް ޓޫރިޒަމާއި އެހެން ސިނާއަތްތަކުގެ ފަރާތްތަކުން ވެސް އެއްބަސްވެފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން އެއާޕޯޓުތައް ބަންދުކުރުމަށް ފަހު، އަލުން ހުޅުވާލަން ފުރަތަމަ ތާވަލުކުރީ މިދިއަ އޯގަސްޓް މަހުގެ އެއް ވަނަ ދުވަހަށެވެ. ނަމަވެސް، އޭގެ ކުރީ މަހު ކޮވިޑް-19 އިގެ އިތުރު ކޭސްތަކެއް ފެނުމާ ގުޅިގެން، އެއާޕޯޓް ހުޅުވުން މި މަހަށް ފަސްކުރީ އެވެ.

އެއާޕޯޓު ހުޅުވާލާއިރު، ލަންކާއަށް އެތެރެވާ ޓޫރިސްޓުން ތިން ފަހަރު މަތިން އެ ބައްޔަށް ޓެސްޓު ކުރަން އެ ގައުމުން ވަނީ ނިންމައިފަ އެވެ.

އެގޮތުން، ލަންކާއަށް ދާ ޓޫރިސްޓުންނަށް އެތެރެ ވެވޭނީ، ފްލައިޓަށް އެރުމުގެ 72 ގަޑިއިރު ކުރިން ދޫކޮށްފައިވާ ކޮވިޑް-19 ނެތް ކަމުގެ ސެޓުފިކެޓެއް އޮތް ނަމަ އެވެ. އަދި އޭގެ ސެޓުފިކެޓެއް އޮތް ފަރާތްތައް ވެސް، އެއާޕޯޓުގައި އެ ބައްޔަށް ޓެސްޓު ކުރާނެ އެވެ. އަދި އޭގެ ހަތަރު ދުވަސް ފަހުން ދެ ވަނަ ޓެސްޓެއް ހަދާއިރު، 10 ދުވަހަށް ވުރެ ގިނައިން ލަންކާގައި ތިބޭ ނަމަ، ތިންވަނަ ޓެސްޓެއް ހެދުމަށް ވެސް ވަނީ ނިންމައިފަ އެވެ.