ވިޔަފާރި

އެމްޕީއެލްގެ ބައެއް ފީތަކަށް ގެނައި ބަދަލަށް އަމަލު ކުރުން ފަސްކޮށްފި

Sep 13, 2020

ވިޔަފާރި ބަނދަރަށް ގެންނަ މުދަލުން ނަގަމުން އަންނަ ބައެއް ފީތަކަށް ގެނައި ބަދަލަށް އަމަލު ކުރުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފަސްކޮށްފި އެވެ.

އެމްޕީއެލް އިން މީގެ ކުރިން ނިންމާފައިވަނީ، އެ ކުންފުނިން ފޯރު ކޮށްދޭ ހިދުމަތް ދޭން ރޭގަނޑު 11:30 އިން ހެނދުނު 7:30 އަށް ނަގަމުން ދިޔަ 30 ޕަސެންޓުގެ ސާޗާޖު ކަނޑާލުމާއެކު އެ ކުންފުނީގެ ބެލުމުގެ ދަށުގައިވާ ބަނދަރު ތަކުން ނަގާ ހޭންޑްލިން އަދި ވޯފޭޖް ޗާޖުތަކަށް ބަދަލު ގެނައުމަށެވެ. އެގޮތުން، ވޯފޭޖު ޗާޖު ހަތް ޕަސެންޓް ބޮޑުކުރަން ނިންމައި، އެ ބަދަލުތަކަށް އަމަލު ކުރަން ފަށާނެ ކަމަށް ބުނެފައި ވަނީ މިއަދުން ފެށިގެންނެވެ.

ނަމަވެސް، އެމްޕީއެލުން ނެރުނު ބަޔާނެއްގައި ބުނީ ވޯފޭޖު ޗާޖަށް ގެނައި ބަދަލަށް އަމަލު ކުރުން އަންނަ މަހުގެ އެއް ވަނަ ދުވަހާ ހަމައަށް މިހާރު ފަސްކޮށްފައިވާ ކަމަށެވެ.

ވޯފޭޖު ޗާޖު ބޮޑުކުރަން ނިންމާފައިވަނީ، ސާޗާޖު އުވާލުމާއެކު އެމްޕީއެލްގެ އާމްދަނީ އިން ބައެއް ގެއްލިގެންދާނެތީކަމަށް އެމްޕީއެލުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ވިޔަފާރި ބަނދަރުން ފީތައް ނެގުމުގެ މައްސަލަ ފެންމަތި ވެގެން ދިޔައީ އަވަސް އޮންލައިންގައި "ރާއްޖޭން ބޭރުކޮށްލާ ވިޔަފާރީގެ ބޮޑު" އަދަދުގެ ނަމުގައި އާޓިކަލްއެއް ޖެހުމާ ގުޅިގެންނެވެ.

މި އާޓިކަލްއަށް އިންޓަވިއު ދިން، ވިޔަފާރިވެރިން ބުނެފައިވާ ގޮތުގައި ޑެލިވަރީ އޯޑަރު ދޫކުރަން ބޭރުގެ ޝިޕިން އެޖެންޓުން ނަގާ ފީތަކުގެ ސަބަބުން އެ މީހުންގެ އަތުން ބޮޑު އަދަދެއް ހޭދަވެ އެވެ. ލަފާ ކުރެވިފައިވާ ގޮތުގައި މި ފީތަކުގެ ގޮތުގައި ރާއްޖޭން ބޭރު ކުރާ ފައިސާގެ އަދަދު އަހަރެއްގެ މައްޗަށް ބަލާނަމަ 130 މިލިއަން ޑޮލަރަށް ވުރެ މަދެއް ނުވާނެ އެވެ.

މި މައްސަލަ ސަރުކާރުގެ ސަމާލު ކަމަށް އައުމާއެކު ބޭރުގެ ޝިޕިން އެޖެންޓުން ރަޖިސްޓްރީ ކުރަން ވަނީ ލާޒިމްކޮށްފަ އެވެ. އަދި ޓްރާންސްޕޯޓް އޮތޯރިޓީން ދަނީ މި މައްސަލަ ހައްލު ކުރަން މަސައްކަތްތަކެއް ކުރަމުންނެވެ.