ދުނިޔެ

ބައިޑަންގެ ކެމްޕޭނަށް ބްލޫމްބާގް 100 މިލިއަން ޑޮލަރު ހޭދަކުރައްވާނެ

އެމެރިކާގެ ބިލިއަަނަރު އަދި ނިއުޔޯކް ސިޓީގެ ކުރީގެ މޭޔަ މައިކަލް ބްލޫމްބާގް އެމެރިކާގެ ރިއާސީ އިންތިހާބުގައި ޑިމޮކްރެޓިކް ޕާޓީން ވާދަ ކުރައްވާ ޖޯ ބައިޑަންގެ ކެމްޕޭނަށް މަދުވެގެން 100 މިލިއަން ޑޮލަރު ހަރަދު ކުރައްވާނެ ކަން އިއުލާނު ކުރައްވައިފި އެވެ.

މި ފައިސާ ހަރަދު ކުރަން ނިންމަވާފައި ވަނީ އެމެރިކާގެ ރިއާސީ އިންތިހާބުގައި އެންމެ މުހިންމު އެއް ސްޓޭޓް ކަމުގައިވާ ފްލޮރިޑާގެ ވޯޓްގައި ބައިޑުން އަށް ކާމިޔާބު ހޯއްދަވައި ދެއްވުމަށެވެ.

ފްލޮރިޑާ ފާހަގަ ކުރެވިފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު ބާއްވާ ރިއާސީ އިންތިހާބުގެ "ހަނގުރާމައިގެ ންމެ މުހިންމު މައިދާނު" ގެ ގޮތުގަ އެވެ. ފްލޮރިޑާ އެހާ މުހިންމު ސްޓޭޓަކަށް ވެފައި ވަނީ އެ ސްޓޭޓަށް 39 އިލެކްޓޯރަލް ކޮލެޖް ވޯޓް ހާއްސަ ވާތީ އެވެ. އަދި ފްލޮރިޑާ ސްޓޭޓް އެހާ ވާދަވެރިވެފައި ވަނީ 2016 ވަަނަ އަހަރު ބޭއްވި ރިއާސީ އިންތިހާބުގައި ރައީސް ޓްރަންޕް، ހިލަރީ ކްލިންޓަންގެ މައްޗައް ކުރި ހޯއްދެވެވީ އެންމެ 1.2 ޕަސެންޓުގެ ތަފާތަކުން ކަމަށް ވުމުންނެވެ.

އެންމެ ފަހުގެ ހިޔާލު ހޯދުމުގެ ދިރާސަތަކުން ދައްކަނީ ވެސް ޓްރަންޕާއި ބައިޑަންގެ ތާއީދު ފްލޮރިޑާގައި ހަމަހަމަ ކަމަށެވެ.

އެމެރިކާގެ ރިއާސީ ނިޒާމުގައި އަމަލު ކުރާ އުސޫލަށް ބަލާއިރު އިންތިހާބު ކާމިޔާބު ވަނީ ޕޮޕިއުލާ ވޯޓަކުން ނޫނެވެ. އޭގެ ބަދަލުގައި އިލެކްޓޯރަލް ވޯޓުންނެވެ. އެންމެ ފަހުގެ ރިޔާސީ އިންތިހާބުގައި އާންމު ރައްޔިތުންގެ ޕޮޕިއުލާ ވޯޓުން ދެ މިލިއަން ވޯޓު އިތުރަށް ހޯއްދަވައިގެން ކުރި ހޯއްދެވީ ހިލަރީ ކްލިންޓަނެވެ. ނަމަވެސް އިލެޓޯރަލް ކޮލެޖްގެ ވޯޓުން ކުރި ހޯއްދަވައިގެން އިންތިހާބު ކާމިޔާބު ކުރެއްވީ ރައީސް ޓްރަންޕެވެ.

މިލްކިއްޔާތުގައި 50 ބިލިއަން ޑޮލަރު ހުރި ބްލޫމްބާގްގެ އެޑްވައިޒާ ކެވިން ޝީކޭ ވިދާޅުވީ މި ފައިސާ ފްލޮރިޑާއަށް އެކަނި ހަރަދު ކުރުމުން ބައިޑަންގެ ކެމްޕޭން ޓީމުން ޕެންސިލްވޭނިއާ ފަދަ މުހިންމު ސްޓޭޓް ތަކުގެ ކެމްޕެއިނަށް އިތުރު ފައިސާ ހަރަދު ކުރެވޭނެ ކަމަށެވެ. ޕެންސިލްވޭނިއާއަކީ ބައިޑަަން ރިއާސީ އިންތިހާބު ކާމިޔާބު ކުރައްވަން ބޭނުންފުޅު ނަމަ ވަރަށް މުހިންމު ސްޓޭޓެކެވެ.

ބްލުމްބާގް ހޭދަ ކުރައްވާ ފައިސާގެ ތެރެއިން ބޮޑު ބައި ހޭދަކުރައް ވާނީ ޓީވީ އާއި ޑިޖިޓަލް އިސްތިހާރު ތަކަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ބުލޫންބާގުގެ މި އިއުލާން އައީ ކެމްޕެންއިނަށް ފައިސާ ހޯދުމުގައި ޖޯ ބައިޑަން ގެ މައްޗަށް ޓްރަންޕް ކުރި ހޯއަދަވައިފައި ވަނިކޮށް އިންތިހާބަށް ކެންޕެއިން ކުރެއްވުމުގައި ބޭކާރު ހަރަދުތައް މާބޮޑުވެ ޓްރަންޕްގެ ކެންޕެއިން ފަންޑިން ވަރަށް ބޮޑަށް އަޑިއަޅާފައިވާ ދަނޑިވަޅެއްގަ އެވެ.

ޓްރަންޕްގެ ކެމްޕޭން ޓީމުން ބުދަ ދުވަހު އިއުއުލާން ކުރި ގޮތުގައި އޯގަސްޓްގެ ނިޔަލަށް ޓްރަމްޕްގެ ކެމްޕޭނަށް 210 މިލިއަން ޑޮލަރު ޖަމާ ކުރެވިފައި ވެއެވެ. އެއާ ހިލާފަށް ބައިޑަންގެ ކެމްޕެއިނަށް ވަނީ 364.5 މިލިއަން ޑޮލަރު ޖަމާ ކުރެވިފަ އެވެ.

ބްލޫންބާގަކީ މަލްޓި ބިލިއަނަރެއްގެ އިތުރުން ނިއުޔޯކް ސިޓީގެ ކުރީގެ މޭޔަރެވެ. މީގެ އިތުރުން އެމެރިކާގައި މި އަހަރު ބާއްވާ ރިއާސީ އިންތިހާބުގެ ޑިމޮކްރެޓިކް ޕާޓީގެ ޓީކެޓް ހޯއްދެވުމަށް އޭނާ ވަނީ އެއް ބިލއަން ޑޮލަރަށްވުރެ ގިނަ ފައިސާ ހަރަދު ކުރައްވާފަ އެވެ. ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީގައި ކުރިމަތިވެވަޑަިއިގެންނެވި ނާކާމިޔާބާއެކު މިދިޔަ މާޗް މަހު ރިއާސީ ރޭހުން ވަކިވެވަޑައިގެން ބައިޑަން އެންޑޯސް ކުރެއްވީ އެވެ.